ކޮލޮމްބޯގެ މޭޔަރުކަމަށް ފުރަތަމަ ފަހަރަށް އަންހެނެއް

ރޯސީ ސޭނާނާޔަކަ (ކ) ކޮލޮމްބޯގެ ރައްޔިތުންތަކަކާއެކު -- ފޮޓޯ/ ރޯސީ ސޭނާނާޔަކަ

ސްރީލަންކާގެ ކޮލޮމްބޯގެ މޭޔަރުގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެނަކު އިންތިޚާބުވެއްޖެއެވެ.

ހޮނިހިރު ދުވަހު ސްރީލަންކާގައި ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި، އެންމެ ގިނަ ކައުންސިލްތަކުގެ މެޖޯރިޓީ ހޯދީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އިސްކޮށް ހުންނަވައި އުފެއްދެވި އިދިކޮޅު ކޯލިޝަން، ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ)އެވެ.

ވެރިކަން ކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)އަށް މެޖޯރިޓީ ލިބުނީ ނިސްބަތުން މަދު ކައުންސިލްތަކެއްގެއެވެ. އޭގެ ތެރޭގައި އެންމެ މުހިންމު ކައުންސިލް، ވެރިރަށް ކޮލޮމްބޯގެ މުނިސިޕަލް ކައުންސިލް ހިމެނެއެވެ.

ޔޫއެންޕީއިން އިންތިޚާބަށް ނުކުތީ، ކޮލޮމްބޯގެ މޭޔަރުކަމަށް ކުރީގެ ސްޓޭޓު މިނިސްޓަރު ރޯސީ ސޭނާނާޔަކަ ނޮމިނޭޓުކޮށްގެންނެވެ. ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ރޯސީ އިންތިޚާބަށް ނުކުމެވަޑައިގަތުމާ ހަމައަށް ހުންނެވީ ލަންކާގެ ބޮޑުވަޒީރުގެ އޮފީހުގެ ތަރުޖަމާނުގެ މަގާމުގައެވެ.

ޔޫއެންޕީއަށް ކޮލޮމްބޯ މުނިސިޕަލް ކައުންސިލުގެ ގިނަ އަދަދެއްގެ ގޮނޑި ލިބިގެން ދިޔައެވެ. އެގޮތުން، 46 ޕަސަންޓު ވޯޓާއެކު ޔޫއެންޕީއަށް ކޮލޮމްބޯ މުނިސިޕަލް ކައުންސިލްގެ 60 ގޮނޑި ލިބުނެވެ. އިދިކޮޅު ކޯލިޝަން، އެސްއެލްޕީޕީއަށް ލިބުނީ 21 ޕަސަންޓު ވޯޓާއެކު 23 ގޮނޑިއެވެ. ބާކީ ގޮނޑިތައް ލިބުނީ ކުދި ޕާޓީތަކާއި އިއްތިހާދުތަކަށެވެ.

މިހާރު އުމުރުން 60 އަހަރު ފުރިފައިވާ ރޯސީ، 1985 ވަނަ އަހަރު "މިސިޒް ވޯލްޑް" މުބާރާތްވެސް ކާމިޔާބުކުރެއްވިއެވެ.

ރޯސީއަކީ އެކި ދައިރާތަކުގައި ހުރި މައްސަލަތަކާ ދެކޮޅަށް ވަކާލާތުކުރަމުން ގެންދެވި އެކްޓިވިސްޓެކެވެ. އދގެ އަބާދީއާ ބެހޭ ޖަމިއްޔާ ޔޫއެންއެފްޕީއޭގެ ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައި އައްޔަނުކޮށްފައިވާ ރޯސީ ވަނީ 2004 އިން 2002 އަށް، މެލޭޝިއާގައި ހުންނަވާ ލަންކާ ސަފީރުގެ މަގާމުވެސް އަދާކުރައްވައިފައެވެ.

ކޮލޮމްބޯގެ މޭޔަރުކަމަށް އިންތިޚާބުވުމާ ގުޅިގެން ރޯސީ ކޮރަޕްޝަނުން ރައްކާތެރި، އާ ކޮލޮމްބޯއެއް ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް