ޕާކިސްތާންގެ ހިއުމަން ރައިޓްސް އެކްޓިވިސްޓު އަސްމާ ޖަހަންގީރު މަރުވެއްޖެ

ޕާކިސްތާނުގެ ހިއުމަން ރައިޓްސް އެކްޓިވިސްޓު އަސްމާ ޖަހަންގީރު -- ފޮޓޯ: ޑޯން

އިސްލާމްއާބާދު (ފެބްރުއަރީ 12): ޕާކިސްތާނުގެ މަޝްހޫރު، އިންސާނީ ހައްގުތަކާ ބެހޭ އެކްޓިވިސްޓު އަދި ވަކީލު އަސްމާ ޖަހަންގީރު މަރުވެއްޖެ އެވެ.

ޕާކިސްތާނުގެ ޑޯން ނޫހުގައިވާ ގޮތުން 66 އަހަރުގެ ޖަހަންގީރު އިއްޔެ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.

އަންހެނުންގެ ހައްގުތަކާއި ޑިމޮކްރަސީގެ ހައްގުގައި ވަކާލާތު ކުރުމުގައި ޕާކިސްތާނުން އެންމެ ފާހަގަކޮށްލެވޭ މީހުންގެ ތެރޭގައި ހިމެނޭ ޖަހަންގީރު ވަނީ 2005 ވަނަ އަހަރު ނޮބެލް ސުލްހައިގެ އިނާމަށް ނޮމިނޭޓްވެފަ އެވެ.

އަދި 1983 ވަނަ އަހަރު އެގައުމުގައި އޮތް މުހައްމަދު ޒިއައުލް ހައްގުގެ ވެރިކަމާ ދެކޮޅަށް ބޭއްވި މުޒާހަރާތަކުގައި ބައިވެރިވުމާ ގުޅިގެން ޖަހަންގީރު ވަނީ ޖަލަށް ލާފައި އެވެ.

މީގެ އިތުރުން، 2007 ވަނަ އަހަރު އެގައުމުގެ ގާނޫނު އަސާސީއާ ހިލާފަށް އުއްތަމަ ފަނޑިޔާރު މަގާމުން ދުރުކުރުމާ ގުޅިގެން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ވެސް ޖަހަންގީރު ބައިވެރިވުމާ ގުޅިގެން އޭނާ ވަނީ ގޭ ބަންދުގައި ބަހައްޓާފައި އެވެ.

ޖަހަންގީރު ވަނީ ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނާއި ވިމެންސް އެކްޝަން ފޯރަމް އެކުލަވާލުމުގައި އިސް ދައުރެއް އަދާކޮށްފަ އެވެ. އަދި އެގައުމުގެ ސުޕްރީމް ކޯޓް ބާ އެސޯސިއޭޝަންގެ ރައީސްކަން ކުރެއްވި ފުރަތަމަ އަންހެނަކަށްވީ ވެސް އޭނާ އެވެ. (ޑޯން)

comment ކޮމެންޓް