އައްޑޫގައި ބާރު ސްޕީޑެއްގައި ދިޔަ ކާރެއް މޫދަށް ވެއްޓި، ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މީދުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިފައި --- ސަން ފައިލް ފޮޓޯ: ކިޔުންތެރިއެއް

އައްޑޫ ސިޓީގެ ގަމާއި ފޭދުއާ ދެމެދު އޮންނަ ކޯޒްވޭގައި ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި އެ ސަރަހައްދު މޫދަށް ވެއްޓިއްޖެއެވެ.

އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން "ސަން"އަށް ކަށަވަރު ކޮށްދެއްވައި ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 4:00 ޖަހާކަންހާއިރު ކަމަށެވެ.

ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރު މޫދަށް ވެއްޓުނުއިރު އޭގައި އިނީ، ދުއްވަން އިން މީހާ އެކަނި ކަމަށާއި ނަމަވެސް އޭނާއަށް މާބޮޑެތި އަނިޔާތަކެއް ލިބިފައިނުވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ މެމްބަރު އަލީ ފަހްމީ އަހުމަދު ވިދާޅުވީ، ކާރު ވެއްޓުނު ވަގުތަކީ ދިޔަވަރު ހިކި ވަގުތެއް ކަމަށާއި ހާދިސާގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ނަމަވެސް ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރު ދުއްވަން އިން ޑްރައިވަރު ހައްޔަރުކުރި ކަމެއް އަދި ނޭނގެއެވެ.

comment ކޮމެންޓް