އަހަރެން ފިކުރާވި އިސްލާމްދީން : އަނާދޫރާއީގެ ނަޒަރުގައި އިސްލާމްދީން

ރޭގަނޑުގެ ވަގުތުގައި މައްކާގެ މަތިން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: ވޯލްޑިސްކްޕޭޕަރ

ތަރުޖަމާ: އަބްދުﷲ ފާރޫޤު ޙަސަން

ނޯޓް: މިސްޓަރ އަނާދޫރާއީ އަކީ ތެމިލްނާޑޫގެ ޑްރެވިޑިޔަންމޫމަންޓް ކަޒަގަމަ (ޕާޓީގެ) ޕައުންޑަރެވެ. އޭނާ ވަނީ ތެމިލްނާޑޫގެ ޗީފު މިނިސްޓަރުކަން ކުރައްވައިފައެވެ. އޭނާއަކީ ހަމައެކަނި ސިޔާސީ ޒަޢީމެއް ނޫނެވެ.އޭނާއަކީ ޢިލްމުވެރިއެކެވެ. މަތީދަރަޖައިގެ މުފައްކިރެކެވެ. ތެމިލްނާޑޫގެ ސިޔާސީ ދާއިރާގައްޔާއި ޢިލްމީ މާލަންތަކުގައި އޭނާގެ ނަންފުޅު ބޭނުންކުރެވެނީ ވަރަށް އިޙްތިރާމާއި ކަމޭހިތުމާ އެކުގައެވެ.

+ + + + + + + + + + + + + + +

ތެމިލްނާޑޫގެ ކުރީގެ ޗީފްމިނިސްޓަރ މިސްޓަރ އަނާދޫރާއީ ވަނީ 7 އޮކްޓޫބަރު 1957 ގައި ސީރަތުގެ މައިގަނޑު ނަމުގައި ތަޤްރީރެއް ކުރައްވައިފައެވެ. އަޅުގަނޑު ދެކޭގޮތުގައި އެތަޤްރީރު މިތާނގައި ހުށަހަޅައިލުންވާނީ ފައިދާހުރިކަމަކަށެވެ.މިސްޓަރ އަނާދޫރާއީ އޭނާގެ ތަޤްރީރުގައި

ވިދާޅުވެފައިވެއެވެ.

މީލާދީން ހަވަނަ ސައްތައިގައި އިސްލާމްދީނުގެ އުސޫލުތަކާއި ޤަވާއިދުތައް ދުނިޔެއަށް ބޭނުންވި ވަރަށްވުރެ މާބޮޑަށް މިއަދު މިވަނީ އެއުސޫލުތަކާއި ޤަވާއިދުތައް ދުނިޔެއަށް ބޭނުންވެފައެވެ. މިއަދުގެ އިންސާނުންނަށް ވަނީ ތަފާތު ފިކުރިއްޔާތުތަކާއި ނަޒަރިއްޔާތައް ހޯދުމުގައި ވަރަށްގިނަ ކެހިލިބިފައެވެ. ވަރަށް ގިނަފަހަރަށް އަނގަވަތަށް ވެއްޓިފައެވެ. މިއަދުވެސް އެއިން އެއްވެސް ދިމާޔަކުން އިންސާނުންނަކަށް ހިތްހަމަޖެހުމެއް ނުލިބެއެވެ.

އިސްލާމްއަކީ ހަމައެކަނި ދީނެއްނޫނެވެ. އަދި ކީއްތޯއެވެ. އެއީ ޙަޔާތުގެ ނަޒަރިއްޔާއެކެވެ. ދިރިއުޅުމުގެ ވަރަށް ފުރިހަމަ ނިޒާމެކެވެ.ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުންވަނީ ޙަޔާތުގެ އެހަރުދަނާ ނިޒާމު ލިބިގެންފައެވެ. އެނިޒާމާ އެއްގޮތަށް ދީނާއި ދުނިޔެ އާރާސްތުކޮށްފައެވެ.

އަޅުގަނޑުގެ ދީނީ އަމިއްލަ ޚިޔާލާއި ސީރަތުގެ މައިގަނޑު ނަމުގައި ބޭއްވޭ މިޖަލްސާގައި އަޅުގަނޑު ބައިވެރިމިވަނީ އެއްވެސް ފުށުއެރުމެއް ނުވެއެވެ. މިޖަލްސާގައި އަޅުގަނޑު ބައިވެރިމިވަނީ އިސްލާމްދީނަކީ ހަޔާތުގެ ވަރަށް ފުރިހަމަ އަދި އެހައިމެ ހަރުދަނާ ނިޒާމެއްކަން އެނގިހުރެއެވެ.

ޙަޔާތުގެ އިސްލާމީ ނަޒަރިއްޔާ އަށާއި ދިރިއުޅުމުގެ އިސްލާމީނިޒާމަށް އަޅުގަނޑު މަދަޙަ ކިޔަނީ ކީއްވެތޯއެވެ؟ އާދެއެއީ ޙަޔާތުގެ އިސްލާމީ އުސޫލު އިންސާނީ ސިކުނޑިތަކުގައި އުފެދޭ ހުރިހާ ޝައްކުތަކަކާއި ވަސްވާސްތަކަކަށް ފުރިހަމަޔަށް ޖަވާބުދޭތީއެވެ.

އިސްލާމްދީނުގެ މާތް ނަބިއްޔާ އުނގަންނައިދެއްވި އުނގަންނައިދެއްވުންތަކުގެ ލިސްޓުގެ އެންމެ ކުރީގައިވަނީ ކަލާނގެ ރަސްކަންފުޅާ އެހެން އެއްވެސް ފަރާތެއް ޝަރީކު ނުކުރުމަށް ދެއްވި އިރުޝާދެވެ. އެއިރުޝާދަށް އަޅުގަނޑު ހިތުގެ އަޑިން ޤަދަރުކުރަމެވެ. އެއިރުޝާދާ މެދު އަޅުގަނޑު ބަލަނީ ކަމޭހިތުމުގެ ނަޒަރަކުންނެވެ.

އެއިރްޝާދަށް އެހައިބޮޑަށް ގަދަރުކުރާންޖެހެނީ ކީއްވެގެންތޯއެވެ. އެކަން ލާޒިމުވާ ސަބަބަކީ އެއިރުޝާދު އިންސާނާޔަށް ވިސްނައި ފިކުރުހިންގަން ދަޢުވަތު ދޭ ކަމެވެ. ފިކުރުހިންގުމަށް ބާރުއަޅައި އެކަން ލާޒިމު ކުރުވާކަމެވެ.

ކަލާނގެ ރަސްކަންފުޅާ އެއްވެސް ފަރާތަކާ ޝަރީކު ނުކުރާށެވެ. އާދެ، ޝަރީކު ނުކުރާންވީ ކީއްވެތޯއެވެ؟ ކަލާނގެ ޒާތުފުޅާއި ސިފަފުޅުތަކަކީ ކޮބައިތޯއެވެ. ހުރިހާ ކަމަކާއި ހުރިހާ ދިމަދިމާޔަކަށް ވިސްނައިފިކުރު ހިންގަން އެއަމުރުފުޅު އިރްޝާދުދެއެވެ. ތަމަޅަ މުފައްކިރެއްގެ ޅެމެއްގައި ވިދާޅުވެފައިވެއެވެ.

" ދުށްމީހާޔަށް ހޯދައެއްނުގަނެވުނެވެ.

ހޯދައިގަނެވުނު މީހާޔަށް ފެނިފައެއް ނުވެއެވެ.

ދުށްމީހަ ބުނެ އަންގައިދީފައެނެނުވެއެވެ.

ބުނެދިންމީހާ ދެކެފައެއްނުވެއެވެ."

ކަލާނގެ ސިފަފުޅުތަކަކީ ލާނިހާއީ މަތިވެރި ސިފަފުޅުތަކެކެވެ. އެސިފަފުޅުތަކުގެ ތަނަވަސް ދާއިރާގައި އޮޔާލެވުމާއި، ހުއްޓުމެއްނެތި ކުރިއަރަމުންދިޔުމަކީ އިންސާނާގެ ފުރިހަމަވުމެވެ.

ކަލާނގެ ރަސްކަންފުޅާ އެއްވެސް ފަރާތެއް ޝަރީކު ނުކުރުމުގެ މާނަޔަކީ އަޅުގަނޑުމެން އެއްވެސްފަރާތަކަށް ކަލާނގެ ރަސްކަންފުޅާ އެއް ދަރަޖައެއް ނުވަތަ އެއްމަޤާމެއް ނުދިނުމެވެ. ކަލާނގެ ރަސްކަންފުޅާ އެއްވެސް ފަރާތެއް ބައިވެރި ނުކުރަމެވެ.

ކަލާނގެ ރަސްކަންފުޅުގެ ބައިވެރިޔަކަށްވާން ކުފޫހަމަވަނީ ކާކުތޯއެވެ. ޝައްކެއްނެތްގޮތުގައި އެފަދަފަރާތެއްނެތެވެ. އިސްލާމްދީނުގެ މާތް ނަބިއްޔާ ޝަރީކުކުރުން މަނާކުރެއްވީ އެހެންވެގެންނެވެ.

އެހެނިހެން ދީންތަކުގައި ޝިރުކު އުނގަންނައިދިނުން ހުއްދަކޮށްފައިވާތީ އަޅުގަނޑުމެންފަދަ މީހުންނަށްވަނީ ވަރަށްބޮޑެތި ގެއްލުންތަކެއްލިބިފައެވެ. ވަރަށްގިނަ ނުގުސާން ތަކެއް އުފުލާންޖެހިފައެވެ.ޝިރުކުގެ ދޮރުތައްލައްޕައި އެދިމާޔަށް ދެވޭ މަގުތައްބަންދު ކުރުމުގެ ޒަރީއާއިން އިސްލާމްދީން ވަނީ އިންސާނާ މަތިވެރިކޮށްފައެވެ. އޭނާގެ ދަރަޖަ އުފުލައިފައެވެ. ނިކަމެތިކަމާއެކު ދަށުދަރަޖަތަކަށް ވެއްޓުމާއި، އޭގެ ނުރައްކާތެރި ނަތީޖާތަކުން ސަލާމަތް ކޮށްދީފައެވެ.

އިންސާނާ ފުރިހަމަ މީހަކަށްހެދީ އިސްލާމްދީނެވެ. އޭނާ ރަނގަޅު ހެޔޮލަފާ އިންސާނަކަށްހެދީ އިސްލާމްދީނެވެ. އެމަތިވެރި މަޤާމަކަށް ވާޞިލުވުމަށްޓަކައި އަރަހުށި މާތް ﷲ އިންސާނާ ހެއްދެވި މަތިވެރި މަޤާމަށް އޭނާ އުފުލައިދިނީ އިސްލާމްދީނެވެ. އެމަތިވެރި މަޤާމު ލިބިގަތުމާއި އެމަޤާމާ ހަމަޔަށް މައްޗަށް އެރުމުގެ ބުންވަރާއި ބާރާއި އެކަށޭނަކަން އިންސާނާގެ ކިބައިގައި އުފެދުނީ އިސްލާމްދީނުގެ ސަބަބުންނެވެ.

އިންސާނީ ލޯތަކަށް ފާޅުވެވޮޑިގެން " އަހުރެންނަކީ ކަލާނގެއެވެ. އެކަން ޤަބޫލުކުރާށޭ" މިއެންގެވުން އެންގެވުމަކީވެސް ކަލާނގެ ރަސްކަންފުޅަށް އެކަމެއްގެ ކުޅަދުންވަންތަކަން ލިބިވޮޑިގެންވާ ކަމެކެވެ. އެކަމަކު އެކަން އެގޮތަށްވީނަމަ އިންސާނާގެ ފިކުރު ހިންގުމުގެ ބާރަށް ވަރަށްބޮޑު މޯޅިވުމަކާ ކުރިމަތިވީހެވެ. އިންސާނާގެ ޚިޔާލާތާއި، އޭނާގެބުއްދި ކުރިއަރައި މަތިވެރިވުމުން މަޙްރޫމުވީހެވެ. ނަމަވެސް ނަބީބޭކަލުން ފޮނުއްވައި "މިއީ ތިމަންރަސްކަލާނގެ ޙަޟުރަތުން ފޮނުއްވި ރަސޫލެކޭ" އެންގެވުމުން އިންސާނާ ބުއްދީގެ ބޭނުންކުރުން ލާޒިމުވެއެވެ. ނަބީކަމަށް ދަޢުވާކުރާ މީހާއަކީ ޙަޤީޤަތުގައިވެސް ކަލާނގެ ފޮނުއްވި ނަބިއްޔަކުތޯ ނުވަތަ ރަސޫލަކުތޯ ވިސްނާންޖެހެއެވެ. ނަބީކަމަށް ނުވަތަ ރަސޫލުކަމަށް ދަޢުވާކުރާ މީހާގެ ދަޢުވާގެ ހެކިސާބިތަކީ ކޮބައިތޯ ބަލާންޖެހެއެވެ. ނަބީބޭކަލެއްގެ ނުވަތަ ރަސޫލުބޭކަލެއްގެ ކިބައިގައި ހުރުން ލާޒިމުވާ އިންސާނީ މަތިވެރި ސިފަތައް އެމީހެއްގެ ކިބައިގައި ހުރިތޯ ވިސްނައިލާންޖެހެއެވެ. ތަމަޅަ
ޝާޢިރަކު ކިޔައިފައިވަ ޅެމެއްގައި ވެއެވެ.

" ޢިލްމާއި މަޢުރިފާއަކީ ކަލާނގެއެވެ.

ކަލާނގެއަކީ ޢިލްމާއި މަޢުރިފާއެވެ."

މީހަކަށް ޙަޤީޤީ ޢިލްމާއި މަޢުރިފާ ލިބޭނީ ކަލާނގެ ޙަޟުރަތުންނެވެ. އެކަލާނގެ ދީލަތިވަންތަ ދެއްވުމަކުންނެވެ. ކަލާނގެ ރަސްކަންފުޅާ ގުޅުމެއް ނެތް މީހެއްގެ ކިބަޔަކު ޙަޤީޤީ ޢިލްމެއްވެސް މަޢުރިފާވެރިކަމެއްވެސް ނުހުންނާނެއެވެ. އެމީހަކު އަމިއްލައަށް ތިމާ ކިތަންމެ ޢިލްމުވެރިކަމުގައި ދެކެ އެކަމަށް ދަޢުވާކުރިކަމުގައިވިޔަސްމެއެވެ.

އިސްލާމްދީނުގެ ފުރިހަމަކަމުގެ ތެރެއިން ހިމެނޭ އެއްކަމަކީ އެދީންޤަބޫލުކުރާ ކޮންމެ މީހަކު ނަސްލީބޮޑާކަމުގެ އަރައިރުމުން އެއްކިބާވާކަމެވެ. މަދްގަތޫރުގައި އެއްބަޔަކު އަނެއްބަޔަކު ކަތިލައި އުޅުނުމީހުން އިސްލާމްދީން ޤަބޫލުކުރުމާއެކު އަޚުންތަކަކަށް ވެއްޖެއެވެ. (މަދުގަތޫރަކީ ތެމިލްނާޑޫގެ އަވަށެކެވެ. އެއަވަށުގައިވަނީ މަތީފަންތީގެ މީހުންނާއި ދަށުފަންތީގެ މީހުންގެ މެދުގައި ވަރަށް ބޮޑު ލޭއޮހޮރުވުމެއް ހިނގައިފައެވެ.) ނަސްލީތަފާތުގެ ހުރިހައި އަރައިރުމެއް ހަނދާން ނެތިއްޖެއެވެ. ދަށުފަންތީގެ މީހުން ނިކަމެތިކަމުގައި ހައްޔަރުވެފައެއްނެތެވެ. އަދި ކީއްތޯއެވެ. އެއެންމެންވަނީ އިޙްތިރާމް ލިބިގެންވާ މަތީދަރަޖައިގެ ބަޔަކަށް ވެފައެވެ. އެއެންމެންނަކީ ހަމަހަމަ ޙައްޤުތަކެއް ލިބިގެންވާ ބަޔަކަށްވެފައެވެ. އުޚުއްވަތުގެ ބަނދެވުމަކުން ބަނދެވިފައެވެ.

އިސްލާމްދީނުގެ މިދެންނެވި މޮޅުކަމުގެ ސަބަބުން އަޅުގަނޑަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ބާނާޑުޝޯއަކީ ކޮންމެ މައްސަލައެއްވެސް ހަފަރާތުން ފުންކޮށް ދިރާސާކުރެއްވި ޝަޚްސިއްޔަތެކެވެ. އިސްލަމްދީނުގެ އުސޫލްތައް ތަހްލީލު ކުރެއްވުމަށްފަހު އޭނާ ވިދާޅުވެފައި ވެއެވެ.

" ދުނިޔޭގައި ދެމިއޮންނާނެ ދީނެއްއޮތްކަމުގައިވާނަމަ އެދީނަކީ ހަމައެކަނި އިސްލާމްދީނެވެ."

އިސްލާމްދީނުގެ ނަބިއްޔާއަކީ މަތިވެރި އިންސާނެއްކަމުގައި އަޅުގަނޑު ޤަބޫލުކުރަނީ ކީއްވެގެންތޯއެވެ؟ އެނަބިއްޔާއަށް ތާރީފުކޮށް ސަނާކިޔަނީ ކީއްވެގެންތޯއެވެ؟

މިއަދު 1957 ގައި އަޅުގަނޑުމެން އިންސާނީ ޝުޢޫރު ހޭލައްވައި އެބައިމީހުންގެ މީސްވަންތަކަން އިހްސާސްކޮށްދޭން ކުޑަކުޑަ މަސައްކަތެއް ކޮށްލާއިރަށް އެކަމާދެކޮޅުވެރިވާ މީހުންކިހައިގިނަތޯއެވެ؟ ވިސްނައިވަޑައިގަންނަވާށެވެ. އިސްލާމްދީނުގެ މާތްނަބިއްޔާ މީގެސާދަސަތޭކަ އަހަރުކުރިންވަނީ ބުދުތަކަކީ ކަލާނގެތަކަކަށް ނަހަދަން ދަޢުވަތުދެއްވައިފައެވެ. އެތައްކަލުންތަކަކަށް އަޅުކަންކުރާ ބައެއްގެ މެދަށް ތެދުވެވަޑައިގެން ހުންނަވައި އެނަބިއްޔާ އިއުލާންކުރެއްވިއެވެ. ބުދުތަކަކީ ތިޔަބައިމީހުންގެ ކަލާނގެތަކެއްނޫނެވެ. އެތަކެތީގެ ކުރިމަތީގައި ބޯތިރިނުކުރާށެވެ. ހަމައެކަނި އެއްކައުވަންތަ ޚާލިގުވަންތަ ރަސްކަލާނގެއަށް އަޅުކަން ކުރާށެވެ.

މިފަދަ އިއުލާނެއް ކުރައްވަން ކިހައި ސާބިތުކަމަކާއި ކެރިވަޑައިގަތުމެއް ބޭނުންވާނެތޯއެވެ؟ އެ ދަޢުވަތަށް ކިހައިވަރަކަށް ގޮންޖެހުންތައް ކުރިމަތިކުރެވިފައި ވާނެތޯއެވެ؟ ކިހައިވަރަކަށް ދެކޮޅުހެދިފައި ވާނެތޯއެވެ. ނަމަވެސް އެ ދެކޮޅުވެރިކަމުގެ ޠޫފާނުގެ ތެރޭގައި ނުހަނުސާބިތުކަމާއެކު އެމާތްނަބިޔްޔާ ސާބިތުވެވަޑައިގެން ހުންނެވިއެވެ. އެނަބިއްޔާގެ އިންގިލާބީ ދަޢުވަތު ދެއްވުމުގައި ދެމިހުންނެވިއެވެ. މިއީ އެނަބިއްޔާގެ މަތިވެރިކަމާއި މާތްކަމުގެ ވަރަށް ސަރީޙު ހެއްކެކެވެ. އިސްލާމްދީނުގެ މާތްނަބިއްޔާ ދައްކަވައިފައިވާ މިސާބިތުކަމަށް އިސްލާމްދީނުގެ އަހުލުވެރީން މިއަދުވެސް ތަބާވަމުންއެބަދެއެވެ.

އިސްލާމްދީނުގައިވާ ޙަޔާތުގެ ނިޒާމަކީ އިންސާނުންގެ މެދުގައި އެއްބައިވަންތަކަން އުފައްދާ ނިޒާމެކެވެ. އިންސާނުންގެ އިންސާނީވަންތަކަން ހޭލައްވާ ނިޒާމެކެވެ. އިންސާނުންގެމެދުގައި ލޯތްބާއި އުޚުއްވަތުގެ ގުޅުންއުފައްދާ ނިޒާމެކެވެ. އިންސާނުންގެ ސިކުނޑިތައް ހޭލައްވާ ނިޒާމެކެވެ. އަނެއްކޮޅުން އާއްމުދީންތަކުން އިންސާނުންގެ ހިތްތަކުގައި އުފައްދަނީ ތަޢައްޞުބުގެ ޖަޒުބާތެވެ.އެދީންތައް ކުރާކަމަކީ އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަކުރުވުމެވެ. ފުލުހުން އެ މަސައްކަތްތަކުގެ ތެރެއަށް ވަންނާންޖެހޭ ދަރަޖައަށެވެ.އަނެއްކޮޅުން ޙަޔާތުގެ އިސްލާމީ ނަޒަރިއްޔާއާއި ، އިސްލާމީދިރިއުޅުން ކުރާކަމަކީ ލޯތްބާއި ކުލުނުގެ ބިންގަލުގެ މަތީގައި އިންސާނުން އެއްބައިވަންތަ ކުރުވުމެވެ.

ދީނާއި ޙަޔާތުގެ ރަނގަޅު ނިޒާމަކާ ދެމެދު އެއްވެސް ޚިލާފެއް ނޯންނާނެއެވެ. ހުރިހައި ދެބަސްވުންތަކެއް އުފެދެނީ ދީނުގެ ތަސައްވުރު އުނިވުމުންނެވެ. ދާއިރާހަނިވުމުންނެވެ. އެގޮތުން ދީނާއި އިންސާނީ ޙަޔާތުގެ މައްސަލަތަކާ އެއްވެސް ގުޅުމެއް ނެތްކަމުގެ ތަޞައްވުރުތައް އުފެދޭ ގޮތްވުމުންނެވެ.

ތެދުވެރި ދީނަކީ އޭގެ ޒާތުގައި ހަޔާތުގެ ރަނގަޅު ނިޒާމެކެވެ. އެނިޒާމު ޢަމަލީގޮތުން ޚިޔާރު ކުރުމުން އިންސާނިއްޔަތަށް ކުރާނީލާބައެވެ. ލިބޭނީ މަންފާއެވެ. ގެއްލުމެއް ނޫނެވެ. އެހެންކަމުން ބާރުއަޅާންވީ ހަޔާތުގެ އެނިޒާމު ރަނގަޅު ގޮތުގައި އާއްމުކޮށް ހިންގައިލެވޭފަދަ ވެއްޓެއް ޤާއިމުކުރުމަށެވެ. އޭރުން އެމާހޫލަކުން އިންސާނާއަށް ލިބިދޭނީ އަދުލުއިންސާފެވެ. އަބުރުވެރި ޝަރަފުވެރި ދިރިއުޅުމެކެވެ. އަމަން އަމާންކަމެވެ. މީގެއިތުރުންވެސް ހެޔޮލަފާ މުޖުތަމަޢަކަށް ބޭނުންވާހުރިހާ ބަހާތަކެއް އެނިޒާމަކުން އުފެދި އާއްމުވާނެއެވެ.

އިންސާނާ ވަކިގޮތަކަށް ބައްޓަންކުރަނީ މާހޫލެވެ.އޭނާގެ ދިރިއުޅޭ ވެއްޓެވެ. އާއްމުގޮތެއްގައި މީހުންދަނީ ވެށިއޮންނަ ތައްގަނޑަކަށް ފެތެމުންނެވެ. ޙަޔާތުގެ ރަނގަޅު ނިޒާމެއް ބިނާކޮށް ހިންގައިލުމަށް މާހޫލުން ފުރުސަތު ލިބޭތޯ ނުވަތަ ނޫންތޯއެއް އާއްމުން ވިސްނައެއްނުލައެވެ. އާއްމުންގެންދާނީ އޭރަކުއޮތް ދިޔަވަރެއްގައި ފަތަމުންނެވެ.

މަތީދަރަޖައިގެ ބޮޑެތި ޝަޚްޞިއްޔަތުތަކަކީ މާހޫލުގެ އޮއިވަރު ދެމެމުންދަނީ ރަނގަޅު މިސްރާބަށްތޯ ނުވަތަ ނޫންތޯ ބަލާމީހުންނެވެ. މާހޫލުގެ ވައި ހުރީ ރަނގަޅު ވައިވަރުގައި ފަހި މިސްރާބަށްކަމުގައި ނުވެއްޖެނަމަ އެފަދަމީހުން މާހޫލާ އިދިކޮޅަށް ދަތުރު ފަށައެވެ. ރަނގަޅުނޫން މާހޫލު އެދެވޭ ރަނގަޅު މާހޫލަކަށް ބަދަލުކޮށްލެވޭންދެން ހުއްޓައިނުލައި މަސައްކަތް ކުރެއެވެ. ތުރާތައް އުފުލަންޖެހި މުސީބާތްތަކުގެ ސިކާރަޔަކަށްވާންޖެހުނު ކަމުގައިވިޔަސްވެހެވެ. އެފަދަމީހުންގެ ކިބައިގައި ތެދުމަގުގައިކުރިޔަށް ދާނެހިތްވަރުހުރެއެވެ. ޙަޤީޤަތުގައި ހިތްވަރުގަދަ ބަތަލުންނަކީ އެއީއެވެ. އެފަދަކެރޭ ހިތްވަރުގަދަ ޝަޚްޞިއްޔަތުތައް ވަގުތުގެ މާހޫލާއި ޒަމަނުގެ ހާލަތާ ކުރިމަތިލައި ޙަޔާތުގެ ރަނގަޅު ނިޒާމުތައް ހިންގައި އާލާކުރެވޭފަދަ ރަނގަޅު ވެއްޓެއް ތައްޔާރުކުރެއެވެ.

މުޙައްމަދު (ޞައްލަﷲ ޢަލައިވަސައްލަމަ) ހިމެނިވަޑައިގެންފައިވަނީ މިދެންނެވިފަދަ އުރައްޕުހުރި ޢަޒުމުވަރުގަދަ މަތިވެރި ޝަޚުޞިއްޔަތް ތަކުގެ ތެރެއިންނެވެ. އަދި ކީއްތޯއެވެ؟ އެމާތްސާހިބާގެ ޝަޚްޞިއްޔަތު ފާޅުވެފައިވަނީ އަރާތިބި ބޮޑެތި ބޮޑެތި ޝަޚްޞިއްޔަތުތަކުގެ ތެރެއިން އެންމެ ކުރިޔަށްތިއްބެވި ޝަޚްޞިއްޔަތުތަކަށްވުރެވެސް މާމަތިވެރި ހައިޘިއްޔަތަކުންނެވެ. އެހެންކަމުން އެމަތިވެރި ޝަޚްޞިއްޔަތުގެ އުނގަންނައިދެއްވުންތައް ޤައުމުގައި އާއްމުކުރާންޖެހެއެވެ. އެއުނގަންނައިދެއްވުންތަކާއި އިރުޝާދުތައް އާއްމުކުރުމަށްޓަކައި ބޭނުންވަނީ އެކަށޭނަ ރަނގަޅު ވެއްޓެކެވެ. ފަހި މޫސުމެކެވެ. އެކަމަށްޓަކައި ރަނގަޅު ތައުލީމީ ނިޒާމެއް އޮތުން ކޮންމެހެން ލާޒިމެވެ. ރަނގަޅު ހެޔޮލަފާ ސަރުކާރެއްގެ ނުވަތަ ވެރިކަމެއްގެ ނިޒާމެއްގެ ވާހަކަ އަޅުގަނޑެއް ނުދައްކާނަމެވެ. އެކަންތައް އަޅުގަނޑުމެންނަށް ތަސައްވުރަށްވެސް ނުގެނެވެއެވެ. ހެޔޮލަފާވެރީން އުފެދިގެން އަންނަނީ ހެޔޮލަފާ ޞާލިޙު އަފުރާދުންގެ ތެރެއިންނެވެ. އެކަމުންވެސް އަޅުގަނޑުމެންނަށް އެނގެނީ ހެޔޮލަފާ ޞާލިޙު އަފުރާދުންގެ އަހަންމިއްޔަތެވެ. އެފަދަ މީހުންގެ ދަރަޖަމަތިވެރިކަމެވެ. އަގު ބޮޑުކަމެވެ. މުޖްތަމަޢުގެ ޙަޤީޤީ ރައުސްމާލަކީ އެފަދަމީހުންނެވެ. ޖަމާޢަތުގެ މުސްތަޤްބަލް ބިނާވެފައިވަނީ އެފަދަމީހުންގެ މައްޗަށެވެ. އެފަދަމީހުންނެތި ދިއުމަކީ އިންސާނިއްޔަތަށް ލިބޭ އެންމެ ބޮޑުގެއްލުމެވެ.

އިސްލާމްދީނަކީ އަލިމަހެއްފަދައެވެ. އެކިމީހުން އަލިމަހުގެ ބޭނުންކުރަނީ އެކިގޮތަށެވެ. އެއްބަޔަކު އަނގޮޓީގެ އެހަކަށް ހަދައެވެ. އަނެއްބަޔަކު ހާރުގެ ފުލަކަށް ހަދައެވެ. އަނެއްބަޔަކު އެއަލިމަސް ވިއްކައިލައެވެ. ލިބޭ ފައިސާ އައްޔާޝީ ކަންކަމަށް ޚަރަދުކޮށް ހުސްކޮށްލައެވެ.

އަލިމަހެއްގެ އަހަންމިއްޔަތާއި އޭގެ ބޭނުންތެރިކަން ނުވަތަ އެނަގައިލުމާ ގުޅިފައިވަނީ އިންސާނާ އެ އަލިމަހުގެ ބޭނުންކުރާ ގޮތާއެވެ. އަޅުގަނޑުމެން ވިސްނާންވީ އަލިމަހަކަށްވުރެވެސް މާއަގުބޮޑު އިންސާނީހަޔާތުގެ އެނިޒާމު އަޅުގަނޑުމެން ބޭނުން ހިފާގޮތާމެދުއެވެ.

މާތްވެގެންވާ އިސްލާމްދީން އަނިޔާވެރީންނާއި ގަދަފަދަ ޖައްބާރުންނާ ބައިވެރި ވާނެހެއްޔެވެ؟ މަޖުބޫރީ ހާލަތުގައި ތިބޭމީހުންގެ ޙައްޤުތައް ފޭރިގަންނާނެ ހެއްޔެވެ؟ ނުވަތަ އެއާ ޚިލާފަށް އަނިޔާލިބޭމީހުންނާއި ޗިސްޗިސް ކޮށްލެވިފައި ތިބޭ މީހުންނާ ބައިވެރިވެ އެމީހުނަށް އެހީވާނެހެއްޔެވެ؟ އަމަލީގޮތުން ދުނިޔެއިން ފެންނަމުންދަނީ މިދެންނެވި ދެގޮތުންކުރެ ކުރީންދެންނެވިގޮތްކަމުގައިވާނަމަ އަޅުގަނޑުމެން ކިތަންމެވަރަކަށް އިސްލާމްދީނަށް ތާރީފުކޮށް ސަނާކިޔައިހެދިކަމުގައިވިޔަސް އޭގެއެއްވެސް ބުރަދަނެއްނެތެވެ. އާނއެކެވެ. ނަތީޖާފެނިފައިވަނީ ދެވަނަޔަށްދެންނެވި ގޮތަށްކަމުގައިވާނަމަ އިސްލާމީނިޒާމަކީ އަގުހުރި ސަރާސަރު ރަހްމަތެއްކަމުގައި ދުނިޔެ ޤަބޫލުކުރާންޖެހެއެވެ. ޝައްކެއްނެތްގޮތުގައި އިސްލާމްދީން ދުނިޔެއަށް ފެނިފައިވަނީ ހުރިހާވެސް ހެޔޮކަމެއްއެކުލެވިފައިވާ ޖާމިޢު ނިޒާމެއްގޮތުގައެވެ. އަނިޔާވެރި އަތްތަކުގައި ކަސްތޮޅު އަޅުވާ ދީނެއްގެ ގޮތުގައެވެ.

އިސްލާމްދީން އެދީނުގެ ހުރިހާ ފުރިހަމަކަމާއި ތާޒާކަމަކާއި، އާރޯކަމަކާއެކު އަލިމަހެއްފަދައިން މިއަދުވެސް ދެމިއެބައޮތެވެ. އިސްލާމްދީނަށް ދައުވަތުދެވޭ މީހުންގެ ޒިންމާއަކީ އިޚްލާސްތެރި ހިތަކުން އެދީން ޤަބޫލުކުރުމެވެ. އޭރުންތިމާމެންގެ ވެރިރަސްކަލާނގެ ރުހިވޮޑިގަތުން ހާސިލުކުރެވޭނެއެވެ. ނިކަމެތީންނާއި، ފަޤީރުންނާއި މަޖްބޫރީ ހާލަތުގައި ތިބި މީހުންގެ މައްސަލަތައްވެސް ހައްލުކޮށްދެވޭނެއެވެ. މާއްދީގޮތުންނާއި ރޫޙާނީގޮތުން ހަލުވި ދުވެލީގައި އިންސާނިއްޔަތު ކުރިއެރުވޭނެއެވެ. މިއީ ޝައްކެއްހުރި ކަމެއްނޫނެވެ.

comment ކޮމެންޓް