ފަނޑިޔާރު ޢަލީ ހަމީދަށް 2.4 މިލިއަން ޑޮލަރުގެ އެހީ ދިނީ ވިލާ ކުންފުނިން!

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ---- ފޮޓޯ/ ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދަށް 2.4 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނީ ޖުމުހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ "ވިލާ" ކުންފުނިން ކަން "ސަން"އަށް އެނގިއްޖެ އެވެ.

ފުލުހުން ރޭ ހާމަ ކުރި މައުލޫމާތުގައި އެ ސާވިސްގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ، އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 215،000 ޑޮލަރާއި 150،000 ރުފިޔާ ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން އަލީ ހަމީދުގެ އާއިލާއަށް ކުރީގެ ރައީސް މައުމޫން ތަފާތު އެކި ގޮތްގޮތުން އެހީވަމުން އަންނަ ކަމަށް ތަހުގީގަށް ޔަގީން ކުރެވިފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އަލީ ހަމީދު ރިޝްވަތުގެ ފައިސާ ބޭނުން ކޮށްގެން ފްލެޓެއް ގަނެފައިވާ ކަމުގެ ކިތާބީ ހެކި ޔަގީން ކުރެވޭ ވަރަށް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ރާއްޖޭގައި ވިޔަފާރިކުރަމުން އަންނަ ބިޔަ ކުންފުންޏަކުން 2.4 މިލިއަން ޑޮލަރުގެ ލޯނު އެހީ އަލީ ހަމީދަށް ދީފައިވާކަމުގެ ކިތާބީ ހެކި ވަނީ ޔަގީންވާ ވަރަށް ލިބިފައިވާ ކަމަށް ވެސް ޝިފާން ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް އެ ލޯނު ދީފައިވާ ކުންފުންޏަކީ ކޮބައިކަން ބުނެފައެއް ނުވެ އެވެ. މައުލޫމާތު އެނގޭ އިސް އޮފިޝަލަކު ވަނީ އެ ބިޔަ ކުންފުންޏަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިކަން "ސަން"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް ފުލުހުންގެ ފަރާތުން އަދި ރަސްމީ ސިފައެއްގައި އެފަދަ މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ވިލާ ކުންފުނިން މިފަދަ ލޯނެއް ފަނޑިޔާރަކަށް ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ އިރު ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ގާސިމްގެ ދޮށީ ދަރިކަލުން ސިޔާދު ގާސިމް ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެ ފައިސާ ދިނުމުގައި ސިޔާދުގެ އެއްވެސް އަތެއް އޮތް ކަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް