ސައުދީން ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން ބޭތިއްބި ރިޓްޒް ހޮޓެލް ހުޅުވައިފި

ސައުދީ އަރަބިއާގެ ރިޓްޒް ކާލްޓަން ހޮޓެލް -- ފޮޓޯ: އޭއެފްޕީ

ރިޔާޟް (ފެބްރުއަރީ 12): ކޮރަޕްޝަނުގެ ތުހުމަތުގައި މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ސައޫދީ އަރަބިއްޔާގައި ގިނަ އަދަދެއްގެ ޕްރިންސުންނާއި އިސް އޮފިޝަލުން ހައްޔަރުކޮށްފައި ބޭތިއްބި ރިޓްޒް ކާލްޓަން ހޮޓެލް އާއްމުންނަށް ހުޅުވާލައިފި އެވެ.

ފަސް ތަރީގެ ރިޓްޒް ހޮޓެލުގައި މިހާރު ގެސްޓުންނަށް ތިބެވޭނެ ކަމަށް އެހޮޓެލުގެ ތަރުޖަމާނު ޝަހަދް ބަރްގޫތީ ވިދާޅުވި އެވެ.

މިދިޔަ ނޮވެމްބަރު މަހު ރިޓްޒް ކާލްޓަން ހޮޓެލް ބަންދު ކުރީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން، ކޮރަޕްޝަނާ ދެކޮޅަށް ފެއްޓެވި މަސައްކަތުގެ ދަށުން ހައްޔަރު ކުރި 381 މީހަކު ބޭތިއްބުމަށެވެ.

އެގޮތުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ބިލިއަނަރު ޕްރިންސް އަލްވަލީދު އާއި ސައުދީ ރޯޔަލް ކޯޓުގެ ކުރީގެ ވެރިޔާ ޚާލިދު އަލް ތުވާޖިރީ ހިމެނެ އެވެ.

ސައުދީ ސަރުކާރުން ބުނި ގޮތުގައި އޭގެ ތެރެއިން 325 މީހަކު މިހާރު ވަނީ ކުށެއް ނެތުމުގެ ސަބަބުން ނުވަތަ ކުށަށް އިއުތިރާފުވެ ފައިސާ ދިނުމުގެ ސަބަބުން ދޫކޮށްލައިފައެވެ. އަދި އެގޮތަށް ސަރުކާރަށް ލިބުނު ފައިސާގެ އަދަދު 106.7 ބިލިއަން ޑޮލަރަށް އަރާ ކަމަށް ސައުދީ އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ސައުދީ ސަރުކާރުން އަދި ދޫކޮށްފައި ނުވާ މީހުން މިހާރު ވަނީ ޖަލުތަކަށް ބަދަލުކޮށްފައެވެ. (ބީބީސީ)

comment ކޮމެންޓް