ނިއުކާސަލް އަތުން ބަލިވެ ޔުނައިޓެޑަށް އުންމީދު ކުޑަވެއްޖެ

ރޭގެ މެޗުގައި ގޯލް ޖެހި ރިޗީ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް އަތުން ބަލިވެ މެންޗެސްޓާ ޔުނައިޓެޑުން ލީގު ހޯދުމަށް ކުރަމުން އައި އުންމީދުތައް ހަނިވެއްޖެއެވެ.

ނިއުކާސަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅުން ފެށިގެންވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، މެޗު ކޮންޓްރޯލްކުރީ ޔުނައިޓެޑުންނެވެ. އަދި ފުރަތަމަ ހާފުގައި އެންތޮނީ މާޝިއަލްއާއި ޔެސޭ ލިންގާޑަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ. އެ ހަމަލާތަކުގެ ހުރިހަކަށްވީ ނިއުކާސަލްގެ ގޯލް ބެލެހެއްޓި މާޓިން ޑުބްރާވާކާއެވެ. ނިއުކާސަލްއާ ޑުބްރާވާކާ ގުޅުނީ ނިމިދިޔަ ފިނި މޫސުމުގެ ޓްރާންސްފާގައެވެ.

ނިއުކާސަލްއާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހާފް 0-0 ގެ ނަތީޖާއިން ނިމުނުއިރު، އެ ހާފުގައި ނިއުކާސަލްގެ ފަރާތުން ފެނިގެންދިޔައީ ކައުންޓާ އެޓޭކިން ކުޅުމެކެވެ.

ދެވަނަ ހާފް ފެށިގެންވެސް މެޗު ކޮންޓްރޯލްކޮށް ކުޅުނީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. ނަމަވެސް މެޗުގެ 65 ވަނަ މިނެޓުގައި ނިއުކާސަލްއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ގޯލް ނިއުކާލަސްއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވަޑް މެޓް ރިޗީއެވެ.

ނިއުކާސަލްގެ ގޯލަށްފަހުވެސް ޔުނައިޓެޑުން ވަނީ ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން ނިމިދިޔަ ފިނި މޫސުމުގެ ޓްރާންސްފާގައި ޔުނައިޓެޑާ ގުޅުނު އެލެކްސިސް ސަންޗޭޒްއަށް ލިބުނު ހުސް ފުރުސަތުވެސް އޭނާ ވަނީ ނަގައިލައިފައެވެ. އަދި އެޝްލީ ޔަންގްއާއި މައިކަލް ކެރިކްގެ ހަމަލާތައްވެސް ނިއުކާސަލް ކީޕަރު ޑުބްރާވާކާ ވަނީ ދިފާއުކޮށްފައެވެ.

ނިއުކާސަލްއާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މި މެޗުން ޔުނައިޓެޑް ބަލިވުމާއެކު ލީގު ތާވަލުގެ އެއްވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 16 ޕޮއިންޓްގެ ލީޑެއްގައެވެ. މިހާތަނަށް ކުޅުނު 27 މެޗުން ޔުނައިޓެޑަށް 56 ޕޮއިންޓް ލިބުނުއިރު ސިޓީން ވަނީ 72 ޕޮއިންޓް ހޯދައިފައެވެ. ރޭގެ މެޗުން މޮޅުވި ނިއުކާސަލް އޮތީ ލީގު ތާވަލުގެ 13 ވަނައިގައެވެ.

comment ކޮމެންޓް