ސްރީލަންކާގެ ލޯކަލް ކައުންސިލް އިންތިހާބު ރާޖަޕަކްސާގެ ޕާޓީން ކާމިޔާބުކޮށްފި

ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ --

ސްރީލަންކާގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު، ކުރީގެ ރައީސް މަހިންދުރަ ރާޖަޕަސްކާގެ ޕާޓީން ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ހޯދައިފި އެވެ.

ސްރީލަންކާގެ ދުވަހު ނޫހެއް ކަމަށްވާ ލަންކާ ޑެއިލީ މިރާ އިން ބުނީ އިންތިހާބުގައި ރާޖަޕަކްސާގެ ޕާޓީ، އެސްއެލްޕީޕީއިން 225 ކައުންސިލެއްގެ މެޖޯރިޓީ ހޯދައިފައެވެ. އެއީ ޖުމްލަ ވޯޓުގެ 44.65 ޕަސެންޓް ކާމިޔާބު ކޮށްގެންނެވެ.

ރާޖަޕަކްސާގެ ޕާޓީން އިންތިހާބުގައި ބޮޑު ކާމިޔާބެއް ހޯދިއިރު އެޕާޓީއާ އެންމެ ގާތުން ވާދަކުރި ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން ވަނީ 32.6 ޕަސަންޓުގެ ވޯޓާ އެކު، 41 ކައުންސިލެއްގެ މެޖޯރިޓީ ގޮނޑި ކާމިޔާބުކޮށްފައެވެ. ޔޫއެންޕީ އަކީ ބޮޑަވަޒީރު ރަނިލް ވިކްރަމްސިންހަގެ ޕާޓީއެވެ

ސްރީލަންކާގެ މިހާރުގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ސްރީލަންކަން ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)އަށް ކާމިޔާބު ކުރެވުނީ ހަތަރު ޕަސެންޓް ވޯޓެވެ. އެ ޕާޓީއަށް ކާމިޔާބު ކުރެވުނީ 11 ކައުންސިލެއްގެ މެޖޯރިޓީއެވެ.

އިންތިހާބު ރާޖަޕަކްސާގެ ޕާޓީން ކާމިޔާބުކުރިޔަސް ކޮލަމްބޯގެ ގޮނޑިތައް ކާމިޔާބުކުރާނީ ރަނިލް ވިކްރަމްސިންގްގެ ޕާޓީން ކަމަށް ވަނީ ބެލެވިފަ އެވެ. ބެލެވޭ ގޮތުގައި ލަންކާގެ މޭޔަރުކަމަށް ރޯސީ ސޭނާނާޔަކަ އިންތިހާބުވެގެން ދާނެއެވެެ. އެހެންކަމުން ރޯސީ ވެގެން ދާނީ ކޮލޮމްބޯގެ ފުރަތަމަ އަންހެން މޭޔަރަށެވެ.

ލަންކާގައި އުފައްދާފައިވާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ މައި ދެ ބައިވެރިންނަކީ ރައީސް މައިތުރިޕާލަ ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީއާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީއެވެ.

ދެ ޕާޓީގެ ދެމެދުގައި ކޮންމެވެސް ވަރެއްގެ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި، ދެ ޕާޓީން ލޯކަލް އިންތިޚާބުގައި ވާދަކުރީ ވަކިންނެވެ. އިންތިހާބުގައި ސިރިސޭނާގެ ޕާޓީ ބަލިވިޔަސް 2020 ވަނަ އަހަރާ ހަމައަށް ކޯލިޝަން ދެމިއޮންނާނެ ކަމަށް ރަނިލް ވިކްރަމަސިންގް މިއަދު ވިދާޅުވިއެވެ.

އިންތިހާބުގެ ނަތީޖާއާ ގުޅިގެން، ރައީސް މަހިންދަ ރާޖަޕަކްސަގެ އިއްތިހާދުގެ ބައިވެރިން ގެންދަނީ ލަންކާގައި މިހާރު އޮތް ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވަލަމުންނެވެ.

comment ކޮމެންޓް