ފުލުހުންގެ ޗީފް ސުޕްރިޓެންޑެންޓްގެ މަގާމުގައި ހުރި ހަމްދޫން އޭސީޕީގެ މަގާމަށް

ޕޮލިސް މެމޯރިއަލްޑޭ ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހާއްސަ ޖަލްސާގައި ހަމްދޫން ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ފުލުހުންގެ ޗީފް ސުޕްރިޓެންޑެންޓުގެ މަގާމުގައި މިހާތަނަށް ހުންނެވި ހަމްދޫން ރަޝީދު، އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ)ގެ މަގާމަށް މިއަދު ހަމަޖައްސަވާފައިވާ ކަން "ސަން" އަށް އެނގިއްޖެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފުލުހުންގެ ކޮމާންޑަރަކަށް ވެސް ހަމަޖައްސާފައިވާ ހަމްދޫން އަކީ ޕަބްލިކް ސޭފްޓީ އެންޑް ސެކިއުރިޓީ އޮޕަރޭޝަންގެ އެންމެ އިސްވެރިޔާގެ މަގާމާއި ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގެ އިސްވެރިޔާގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.

ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރައްވާތައި 20 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ހަމްދޫނަކީ ކުރިން ބޮޑެތި މައްސަލަތައް ތަހުގީގު ކުރުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ހާދިސާގެ ތަހުގީގުގައި ފުލުހުންގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް އޮފިސަރަކީ ވެސް އޭނާއެވެ.

ރާއްޖޭގައި މިހާރު ހިނގަމުންދާ ހަމަނުޖެހުމުގެ ތެރެއިން ދާދި ފަހުން ވަނީ ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަހުމަދު އަރީފް ވަކިކުރައްވައި، ފަހުން ވަގުތީގޮތުން އެ މަގާމް ހަވާލުކުރެއްވި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަހުމަދު ސައުދީ ވެސް ވަކިކުރައްވައިފަ އެވެ.

އެ ބަދަލުތަކާއެކު ފުލުހުންގެ އިދާރާގެ މިހާރުގެ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަކީ އަބްދުﷲ ނަވާޒް އެވެ.

comment ކޮމެންޓް