މޯލްޑިވިއަން އައިޑަލް އަންނަ ބުރާސްފަތި ދުވަހު ދައްކަން ފަށަނީ

މިފަހަރުގެ ސީޒަންގެ ހަތަރު ޖަޖުން ފެންނަ ޕްރޮމޯޝަނަލް ފޮޓޯއެއް --- ފޮޓޯ/ މޯލްޑިވިއަން އައިޑަލް އޮފިޝަލް ފޭސްބުކް ޕޭޖް

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ދައްކަން ފެށި އެންމެ ފުރަތަމަ ޝޯ، މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ދައްކަން ފަށާނެ ކަމަށް ޕީއެސްއެމް އިން ބުނެފި އެވެ.

އައިޑަލްގެ ތިން ވަނަ ސީޒަން ޕްރިމިއާ ކުރުމަށް ކުރިން ތާވަލުކޮށްފައި އޮތީ މިމަހުގެ ދެވަނަ ދުވަހުގެ ރެ އެވެ. ނަމަވެސް ސިޔާސީ މަސްރަހު ހަލަބޮލިވުމާ ގުޅިގެން އެކަން ޕީއެސްއެމްއިން ކެންސަލް ކުރި އެވެ.

ޕީއެސްއެމްގެ ޑިރެކްޓަރު ޓީވީ މުހައްމަދު ނިޔާޒު "ސަން" އަށް ވިދާޅުވީ، އަންނަ ބުރާސްފަތި ދުވަހު ކުޑަކުޑަ ހަފްލާއަކާއެކު އައިޑަލްގެ އޮޑިޝަން ޕްރިމިއާކޮށް ދައްކަން ފަށާނެ ކަމަށެވެ.

އަދި ފަސްވި ހަފްތާ ތަކުގެ ޝޯތައް އަންނަ ބުރާސްފަތި، ހުކުރު، ހޮނިހިރު އަދި އާދީއްތަ ދުވަހު ދައްކާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މި ހަފްތާއަށްފަހު ދެން އައިޑަލްގެ ޝޯތައް ދައްކަމުންދާނީ ކޮންމެ ހަފްތާ ބަންދެއްގައެވެ. އެއީ ހުކުރު އަދި ހޮނިހިރު ދުވަހެއްގެ ރޭ 10:00 ގައެވެ.

ކާމިޔާބު ދެ ސީޒަނަށްފަހު، ތިން ވަނަ ސީޒަން ދައްކަން ޕީއެސްއެމް އިން ތައްޔާރު ވެފައިވާއިރު ރާއްޖޭގެ ތިން ސަރަހައްދެއްގައި އައިޑަލްގެ އޮޑިޝަން ބޭއްވި އެވެ. އެއީ އައްޑު އާއި ރ. އުނގޫފާރާއި މާލޭގައެވެ.

އެގޮތުން މިފަހަރުގެ އައިޑަލްގެ އޮޑިޝަންގައި މާލެއިން އެކަނިވެސް 500 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވި އިރު، މުޅި ރާއްޖެއިން 1000 އަށްވުރެ ގިނަ ބައިވެރިން އޮޑިޝަންއަށް އެސްއެމްކޮށް ބައިވެރިވެފައިވާ ކަމަށް ޕީއެސްއެމްއިން ބުނެ އެވެ.

ކުރީ ދެ ސީޒަނާ ހިލާފަށް މި ފަހަރުގެ ސީޒަންގައި ވަނީ ހަތަރު ޖަޖުން ހިމަނައިފަ އެވެ. ޖަޖުންގެ ޕެނަލާ އަލަށް ގުޅުނު ފަންނާނަނކީ ޒުވާން ލަވަކިޔުންތެރިޔާ ޒާރާ މުޖުތަބާ އެވެ.

ދެން ޝޯގައި ފަނޑިޔާރުކަން ކުރާނީ ކުރީ ސީޒަންތަކުގައި ވެސް ޖަޖްކަންކޮށްފައިވާ އަހުމަދު އިބްރާހިމް (އައްމަޑޭ) އާއި މަރިޔަމް އުނޫޝާ (ކިޑީ) ގެ އިތުރުން އިސްމާއިލް އައްފާނެވެ.

އަދި މިފަހަރުގެ ސީޒަންގައި ވެސް ފިރިހެން ހޯސްޓަކީ ވޭތުވެދިޔަ ދެ ސީޒަނުގައި ވެސް ޝޯވް ހޯސްޓް ކުރި އެންމެންގެ އެކުވެރި މޫސާ ވަސީމެވެ. އަންހެން ހޯސްޓެއްގެ ގޮތުގައި ފެނިގެންދާނީ ރާއްޖެ އެފްއެމްގެ އާރްޖޭ ޝައިނާ ޝަރީފެވެ.

މިދިޔަ އަހަރު ބޭއްވި މޯލްޑިވިއަން އައިޑަލް ކާމިޔާބު ކުރީ މުހައްމަދު ތަސްނީމް (ބޮބް) އެވެ.

comment ކޮމެންޓް