މުސާރަ އެންމެ ބޮޑުވީ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް: ސީއެސްސީ

ސިވިލި ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް--ސަން ފޮޓޯ/ ފަޔާޒް މޫސާ

މިފަހަރު މުސާރަ ބޮޑު ކުރުމުގައި އެންމެ އިސްކަމެއް ދީފައިވާނީ އެއްވެސް މުވައްޒަފަކު ގެއަން ގެންދަން ލިބޭ މުސާރައިން އެއްވެސް އެއްޗެއް ނުކެނޑޭ ގޮތަށް އެލަވަންސް އެއް ހަމަޖެއްސުމަށް ކަމަށާއި މިފަހަރު މުސާރަ އެންމެ ބޮޑުވެފައިވާނީ ދަށް ފަންތީގެ މުވައްޒަފުންނަށް ކަަމަށް ސިވިލި ސާވިސް ކޮމިޝަނުން ބުނެފިއެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރި ކުރުމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހިއްސާ ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ މިފަހަރު މުސާރަ ނިސްބަތުން އެންމެ ބޮޑުކޮށްފައިވާނީ އެންމެ ދަށް ފަންތީގައި ގިންތި ކުރެވޭ މުވައްޒަފުންނަށް ކަމަށެވެ. އެގޮތުން އެ މުވައްޒަފުންނަށް 37 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އަލީ ޝަމީމް ވިދާޅުވިއެވެ.

"މަގާމުގެ ގޮތުން އެންމެ ދަށް ފަންތީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޖުމްލަ 37 އިންސައްތަ ބޮޑުވާ ގޮތަށް ވަނީ ހަމަޖެހިފައި. އެ އެލަވަންސަށް މިކިޔަނީ ސަޕޯޓިންގ ކޯ އެކެއް. އަދި ސަޕޯޓިންގ ކޯ 2." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މިއީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދެމުން އައި ތާރީހަށް ބަލާއިރު އެންމެ ތިރީ ފަށަލައިގެ މުވައްޒަފުންނަށް އެންމެ ބޮޑަށް މުސާރަ ބޮޑުވި ފަހަރު ކަމަށެވެ.

ޝަމީމް ވިދާޅުވީ އެ ފަންތީގައި ތިބި މީހުންގެ މުސާރައަށް ބޮޑު ކުރިއެރުމެއް އައިސްފައިވާއިރު އެއީ ގާތްގަނޑަކަށް 5800 އަށް ވުރެ ގިނަ މުވައްޒަފުންކަމަށެވެ.

ޝަމީމް ވިދާޅުވީ ސިވިލްސާވިސްގެ ހުރިހާ މުވައްޒަފުންނަށް ޖުމުލަ ގޮތެއްގައި 28 އިންސައްތައިން ފެށިގެން 39 އިންސައްތާ ދެމެދުގެ އަދަދަކަށް މުސާރަ ބޮޑުވެފައިވާ ކަމަށެވެ.

ސިވިލް ސާވަންޓުންގެ މުސާރައަށް އައި ބަދަލު:

1- ޓެކްނިކަލް ކޯ އެލަވަންސް:

  • ސިވިލް ސަރވިސް މުވައްޒަފުންގެ ތެރޭން ޓެކްނިކަލް ކޯ މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ މުވައްޒަފުންނަށް، އަސާސީ މުސާރައިގެ 28 އިންސައްތަ ކުރިއެރުމެއް.

2- ސަޕޯޓިންގ ކޯ އެލަވަންސް 1

  • ސަޕޯޓް ސަރވިސް (އެސްއެސް ރޭންކް) ގައި ތިބި މުވައްޒަފުންނަށް 1200 ރުފިޔާގެ އެލަވަންސެއް

3- ސަޕޯޓިންގ ކޯ އެލަވަންސް 2

  • ސިވިލް ސަރވިސްގެ ޖެނެރަލް ސަރވިސް (ޖީއެސް ރޭންކް)އިން ފެށިގެން މަތީ ރޭންކު ތަކުގައި ތިބި މުވައްޒަފުންގެ ތެރޭން ޓެކްނިކަލް ކޯގައި ނުހިމެނޭ މުވައްޒަފުންނަށް ސަޕޯޓިންގ ކޯ2 ގެ ނަމުގައި ވަނީ އެލަވަންސްތަކެއް ހަމަޖައްސާފައި. އެއީ
    • ޑިރެކްޓަރ ޖެނެރަލް - އީއެކްސް5، އަދި 6، އަށް 1500ރ
    • ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް - އީއެކްސް4، އަދި 3، އަށް 1300ރ
    • ޑިރެކްޓަރ/އެގްޒެކެޓިވް ޑިރެކްޓަރ/މެނޭޖަރ - އީއެކްސް2 އަދި 1އަށް 1100ރ
    • އެމްއެސް4 ރޭންކް- 900ރ
    • އެމްއެސް3 ރޭންކް- 900ރ
    • އެމްއެސް2 ރޭންކް- 900ރ
    • އެމްއެސް1 ރޭންކް- 700ރ
    • ޖީއެސް4 ރޭންކް - 700ރ
    • ޖީއެސް3 ރޭންކް- 700ރ
    • ޖީއެސް2 ރޭންކް- 700ރ
    • ޖީއެސް1 ރޭންކް- 700ރ

ސިވިލް ސަރވިސް އިން ބުނީ، 2009 ވަނަ އަހަރުން ފެށިގެން މިހާތަނަށް ވަޒީފާގެ ޚާއްސަ އޮނިގަނޑެއް އެކުލަވާލައި، މުސާރައާ އިނާޔަތްތަކަށް ބަދަލު ގެނެސްފައިވާ މަގާމުތަކުގައި ތިބި މުވައްޒަފުން، އެލަވަންސް ދިނުމުގައި އިސްތިސްނާ ވާނޭ ކަމަށެވެ.

މީގެ އިތުރުން ސިވިލް ސަރވިސްގެ ކޮންޓްރެކްޓް މުވައްޒަފުންނާއި ސިވިލް ސަރވިސްގެ ޒެޑްވީ7 ރޭންކުގައި ތިބި މުވައްޒަފުންވެސް އެލަވަންސް ދިނުމުގައި އިސްތިސްނާ ވާނޭ ކަމަށެވެ.

comment ކޮމެންޓް