އެންދަމަން މޫދަށް ފޭބި މަސްވެރިޔަކު މަރުވެއްޖެ

މަސް ދޯންޏެއް މަހަށް ނުކުމެ މަސްވެރިން މަސްބޭނުމުގައި: މަސްބޭނުމަށް އެންދަމަން ފޭބި މަސްވެރިޔަކު މިއަދު ވަނީ މަރުވެފައި ----

ރ. ވާދޫ ކައިރިއަށް ޑައިވިކޮށްގެން އެންދަމަން ފޭބި މަސްވެރިޔަކު މަރުވެއްޖެ އެވެ.

މިއަދު ހެނދުނު ހިނގި އެ ހާދިސާގައި މަރުވެފައި ވަނީ ގދ. ފަރެސް މާތޮޑާ 'ލޭޒާ4' ދޯނިން މަހަށްދިޔަ ފުވައްމުލަކު އިބްރާހިމް ޝަރީފް،32، އެވެ.

ވާދޫ ސިއްހީ މަރުކަޒުގެ ކޯޑިނޭޓަރު އަހްމަދު ޒުހައިރު މިއަދު 'ސަން' އަށް ވިދާޅުވީ އެދޯނި އެންދަމަން އޮތީ ވާދޫއާ ކައިރި ފަޅެއްގައި ކަމަށާއި ޝަރީފް މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޝަރީފް މަރުވެފައި ވަނީ އެންދަމަން އިތުރު ދެ މީހަކާ އެކު ޑައިވިނަށް ފައިބައި މޫދު އަޑީގައި ހަރަކާތްތެރިވަނިކޮށް ޑައިވިން ފުޅިން އޮކްސިޖަން ހުސްވެގެންނެވެ. ޝަރީފް ފެނުނު އިރު އޭނާ އޮތީ އެންދަމަން މޫދަށް ތިރިކުރި ދަލުގައި އޮޅިފައި ކަމަށް ވެސް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

"ޝަރީފް ފެނުމާ އެކު އަޑީގައި ދެން ތިބި މީހުން ވަނީ އޭނާގެ ހަށިގަނޑު ވަގުތުން މައްޗަށް ނަގާފައި،" އޭނާ ކިޔައިދިނެވެ.

ޝަރީފްގެ ހަށިގަނޑު ވާދޫ މަރުކަޒުގައި އޮތް އިރު ފުލުހުން އަންނަނީ އެ މައްސަލް ތަހްގީގުކުރަމުންނެވެ. އަދި ފުލުހުން ހަށިގަނޑު ބެލުމަށް ފަހު ވަޅުލުމަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކަށް ކަމަށް އެ ދޯނީގެ ފަޅުވެރިޔަކު ބުންޏެވެ.

comment ކޮމެންޓް