ބައްޕާފުޅު ޖަލުގައި، މި ދެބެއިން ސަރުކާރުގައި، ކިހިނެއް މިވަނީ؟

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކޮށް، ބަންދުކުރިތާ ހަފްތާއެއް ވެފައިވާ އިރު، މައުމޫނުގެ އާއިލާ މިވަގުތު ތިބޭނީ ކަންބޮޑުވުމެއްގެ ތެރޭގައިކަން ކަށަވަރެވެ. އޭގެ ތެރެއިން އެންމެ ބޮޑު ޕްރެޝަރަކާ ކުރިމަތިލައްވަން ޖެހިފައި ވަނީ ސަރުކާރުގައި ޚިދުމަތްކުރަމުން ގެންދަވާ، މައުމޫނުގެ ބޭފުޅުންކަން ޔަގީނެވެ. ދުންޔާ މައުމޫނާއި މުހައްމަދު ޣައްސާން މައުމޫނެވެ.

ސަބަބަކީ، އެއްކޮޅުގައި ސަރުކާރު ތެރެއިން ކުރައްވަމުން ގެންދެވި ޚިދުމަތް އޮތް އިރު އަނެއްކޮޅުގައި ހުންނެވީ ބައްޕާފުޅާއި އާއިލާ އެވެ.

ރައީސް މައުމޫނާ އެކު އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ދަރިކަލުން އަހްމަދު ފާރިސް މައުމޫނާއި، ދަރިކަނބަލުން ޔުމްނާ މައުމޫނުގެ ދެކަނބަލުން ވެސް އުޅުއްވި އެވެ. އޭގެ ތެރެއިން ފާރިސްގެ އިތުރުން ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމް ހުންނެވީ ހައްޔަރުގަ އެވެ.

ރައީސް އޮފީހުގެ ސްޓޭޓު މިނިސްޓަރުކަން ކުރައްވާ، މައުމޫނުގެ ހަގު ދަރިކަލުން ޣައްސާން ގެންދަވަނީ ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީނާ އެކު ސިޔާސީ މަސައްކަތްތައް ކުރައްވަމުންނެވެ.

ޣައްސާން މައުމޫން މުޅިން ވެސް ފެނިފައި ވަނީ އާއިލާގެ އެހެން ބޭފޅުންނާ ދުރު ދުރުން އުޅުއްވި ބޭފުޅެއްގެ ގޮތުގަ އެވެ. ޕީޕީއެމް ދެފަޅިވެފައި ވަނިކޮށް، އެޕާޓީގެ އަހަރީ ދުވަސް ފާހަގަކުރމަށް ޕާޓީގެ ބާނީ އަދި ބައްޕާފުޅު ރައީސް މައުމޫނު ބޭއްވެވި ހަފްލާގައި ޣައްސާން ބައިވެރިވެވަޑައި ނުގަންނަވަ އެވެ. އެއަށް ފަހު މައުމޫން ފައުންޑޭޝަނުން ބޭއްވި އިހްޔާ ޖަލްސާތަކުން ވެސް ފެނިފައެއް ނުވެ އެވެ.

މިފަހުން ހިނގައިދިޔަ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ޣައްސާނުގެ ހިލަމެއް ވެސް ވެފައެއް ނުވެ އެވެ. ބައްޕާފުޅު ރައީސް މައުމޫން ހައްޔަރުކުރި އިރާއި، އެމަނިކުފާނުގެ އަރިހަށް ދޫނިދުއަށް އާއިލާ ޒިޔާރަތްކުރި އިރުވެސް ޣައްސާނެއް ނެތެވެ.

އެހެން ނަމަވެސް ރައީސް މައުމޫން ހައްޔަރުކުރި ރޭ، އެމަނިކުފާނުގެ އަތްޕުޅުގައި ހިއްޕަވައިގެން ފުލުހުންގެެ ވެހިކަލާ ހަމައަށް ގެންގޮސްދެއްވީ ދޮށީ ދަރިކަނބަލުން ދުންޔާ އެވެ. ސިޔާސީ ގޮތުން ބައްޕާފުޅާ ތަފާތު ޚިޔާލުފުޅެއް މިވަގުތު ގެންގުޅުއްވި ނަމަވެސް، އާއިލީ ގުޅުމުގެ މުހިންމުކަން އެރޭ ދައްކައިދެއްވި އެވެ.

މި ހާލަތުގައި ވެސް ދުންޔާއާއި ޣައްސާން ސަރުކާރުގައި ދެމި ތިބުމުގެ މަގުސަދާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. ފޮރިން މިނިސްޓަރުކަމުގައި ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވިތާ ހަ މަސް ދުވަސް ފަހުން ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ކަމަށް އައްޔަނުވެ، ދުންޔާ ވިދާޅުވީ އެ މަގާމު ގަބޫލުފުޅު ކުރެއްވީ ލިބިފައިވާ ތައުލީމާއި ތަޖުރިބާގެ އަލީގައި ގައުމަށް ޚިދުމަތް ކޮށްދެއްވުމަށް ކަމަށެވެ.

އެއާ ޚިލާފަށް، ޣައްސާނަކީ ފެށުނީއްސުރެ ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީން އަރިހުގައި އުޅުއްވި ބޭފުޅެކެވެ. މިދިޔަ މަހު ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވެފައި ވަނީ، އޭނާއަށާއި އޭނާގެ ދޮއްޓަށް ތިއްބެވި ބޭފުޅުން ތަރުބިއްޔަތުވެފައި ވަނީ ކަންކަން ދިރާސާކޮށް، އަމިއްލަ ގޮތް ނިންމުމުގެ އިޚްތިޔާރު ވެސް ލިބިގެން ކަމަށެވެ.

ދުންޔާއާއި ޣައްސާނާ، ދެ ބޭފުޅުން ވެސް ސަރުކާރުގައި ތިއްބެވީ މަޖުބޫރީ ހާލަތެއްގައި ކަމަށް އާންމުންގެ ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް، އެކި ފަހަރުމަތިން އެބޭފުޅުން ވިދާޅުވެފައިވާ ގޮތުން އެފަދަ ހާލަތެއް ކުރިމައްޗެއް ނުވެ އެވެ.

ބައްޕާފުޅު ޖަލުގައި ހުންނެވި އިރު، އެކަމުގައި ޣައްސާނަށް ވުރެ ބޮޑަށް ދުންޔާ ކަންބޮޑުވެވަޑައިގަންނަވާކަން ފާހަގަވެ އެވެ. ސަބަބަކީ، ބައްޕާފުޅުގެ ހާލާ މެދު ދުންޔާ ސޯޝަލް މީޑިއާގައި ފާޅުކުރައްވަމުންދާ ޚިޔާލުތަކުންނެވެ. ބައްޕާފުޅު "މިސް ވާ" ވާހަކަ އާއި އާއިލާގެ ފޮޓޯތައް ޓުވީޓުކުރައްވާ ހައްދަވަ އެވެ.

އެންމެ ފަހުން މިއަދު ދުންޔާ ވަނީ ބައްޕާފުޅު ދޫކޮށްލުމަށް ވެސް ފާޅުގައި ފުރަތަމަ ފަހަރަށް ގޮވާލައްވައިފަ އެވެ.

އެހެން ނަމަވެސް ދުންޔާއަށް އާންމުންގެ ފަރާތުން ގިނައިން ކުރިމަތިވަމުން ދަނީ ފާޑުކިޔުމާއި ހަޖޫ ޖެހުމުގެ ބަސްތަކެވެ. ބައްޕާފުޅުގެ ހާލާ މެދު ކަންބޮޑުވާކަން އަމަލީ ގޮތުން ސާބިތުކޮށް ނުދެއްވާ ވާހަކަ އެވެ. ކޮއްކޯފުޅު ޔުމްނާ ފަދައިން، ބައްޕާފުޅުގެ ހައްގުގައި ތެދުވެވަޑައިނުގަންނަވާކަމުގެ ވާހަކަ އެވެ.

ބައްޕާފުޅު ހައްޔަރުކޮށްފައިވާތީ ކަންބޮޑުވުން ފާޅުކުރައްވައި، ސޯޝަލް މީޑިއާގައި ދުންޔާ ވީޑިއޯ ސްޓޭޓްމެންޓެއް ވެސް އާންމުކުރެއްވި އެވެ.

"އަޅުގަނޑުގެ ބައްޕައަކީ ރާއްޖޭގެ ރައީސްކަން 30 އަހަރު ކުރައްވާފައި، އަދި ރާއްޖޭގެ ރައްޔިތުންނަށާއި ދިވެހިރާއްޖެއަށް ނުހަނު ގިނަ ޚިދުމަތްތަކެއް ކުރައްވައި، ރާއްޖެ މިހިސާބަށް ތަރައްގީ ކުރައްވައި ގެންނެވި ބޭފުޅެއް. މިފަދަ ދުވަހެއް ފެންނާނެ ކަމަށް އަޅުގަނޑު ހީވެސް ނުކުރަން،" އެ ވީޑިއޯގައި ދުންޔާ ވިދާޅުވެ އެވެ.

ފޮރިން މިނިސްޓަރުގެ ގޮތުގައި ވެސް ދުންޔާ ޚިދުމަތް ކުރެއްވީ އުނދަގޫ ދަނޑިވަޅެއްގަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލުމަށް ހުކުމް ކުރުމާއެކު ރާއްޖެއަށް ކުރިމަތިވި ބައިނަލްއަގުވާމީ ޕްރެޝަރާ ކުރިމަތިލައްވަން ހުންނެވީ ދުންޔާއެވެ.

ނަމަވެސް މިވަގުތު ކުރިމަތިވެފައި ވަނީ ސިޔާސީ ނުވަތަ ޚާރިޖީ މައްސަލައަކަށް ވުރެ ބޮޑަށް، އާއިލީ މައްސަލައެއް ކަމަށް ދުންޔާ ވިދާޅުވެފައިވެ އެވެ.

މިހާރު އެންމެ ގިނަ ބަޔަކު ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އުފައްދަމުން ގެންދާ ސުވާލަކީ، ދުންޔާއާއި ޣައްސާން އަދިވެސް ހުންނެވީ ސަރުކާރުގައި މަޑު ކުރުމަށް ހެއްޔެވެ. ނުވަތަ ބައްޕާފުޅުގެ ހައްގުގައި ތެދުވެވަޑައިގަތުމަށް ތައްޔާރަށް ހެއްޔެވެ. ދެ ބެއިންނަށް މިހާރު އޮތީ ކޮން ގޮތެއް ހެއްޔެވެ.

comment ކޮމެންޓް