ސައުދީ އަންހެނުން އަބާޔާ ލާން މަޖުބޫރުކޮށްގެން ނުވާނެ ކަމަށް އިލްމުވެރިއަކު ވިދާޅުވެއްޖެ

މިދިޔަ މަހު ސައުދީ އަރަބިއާއިން ވަނީ އަންހެނުން ކުޅިވަރު ސްޓޭޑިއަމްތަކަށް ވަނުމުގެ ހުއްދަ ދީފައި -- ފޮޓޯ: އޭއެފްޕީ

ރިޔާޒު (ފެބްރުއަރީ 11): ސައުދީ އަރަބިއާގެ އަންހެނުން އަބާޔާ ލާން މަޖުބޫރު ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އެގައުމުގެ ދީނީ އިލްމުވެރިޔަކު ވިދާޅުވެއްޖެ އެވެ.

ސައުދީ ކައުންސިލް އޮފް ސީނިއާ ސްކޮލާސްގެ މެމްބަރެއް ކަމަށްވާ ޝޭހް އަބްދުﷲ އަލް މުތްލަގް ވިދާޅުވި ގޮތުގައި އަބާޔާ ނުލިޔަސް އަންހެނުންނަށް ހަށިގަނޑު ނިވާވާ ގޮތަށް ހެދުން އެޅިދާނެ އެވެ.

ސައުދީ އަރަބިއާގެ ގާނޫނުތަކުގައި ވަނީ އަންހެނުން އާއްމު ތަންތަނުގައި އުޅޭ އިރު އަބާޔާ ލާން ޖެހޭ ކަމަށް ބުނެފަ އެވެ.

"ދުނިޔޭގެ 90 ޕަސެންޓަށް ވުރެ ގިނަ ދީނީ، މުސްލިމް އަންހެނުން އަބާޔާ ނާޅާ. ވީމާ އަޅުގަނޑުމެންވެސް އަންހެނުންނަށް އަބާޔާ އަޅަން މަޖުބޫރުކޮށްގެން ނުވާނެ،" ޝޭހް އަބްދުﷲ ވިދާޅުވި އެވެ.

ޝޭހް އެފަދައިން ވިދާޅުވެފައި ވަނީ ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިސްވެ ހުންނަވައިގެން ކަނޑައަޅާފައިވާ ވިޝަން 2030ގެ ދަށުން އެ ގައުމަށް އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ ބަދަލުތަކެއް ގެންނަމުން ދަނިކޮށެވެ. އެގޮތުން މިދިޔަ އަހަރު އެގައުމުން ވަނީ އަންހެނުންނަށް ކާރު ދުއްވުމާއި ކުޅިވަރު ސްޓޭޑިއަމްތަކަށް ވަނުމުގެ ހުއްދަ ދޭން ނިންމާފައި އެވެ. (ބީބީސީ)

comment ކޮމެންޓް