ދެ ގަޑިއިރު ތެރޭ ކާއެއްޗެހި ޑެލިވަރީކޮށްދޭ ހިދުމަތެއް އެމޭޒަނުން ފަށަނީ

ވިޔަފާރީގައި މިހާރު އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ ބޭނުންކުރާ އެއް ކުންފުންޏަކީ އެމޭޒަން އެވެ. އެކުންފުނިން ވަނީ ސޭލްސްމަނަކާ ނުލައި ވިޔަފާރި ކުރާނެ ފިހާރައެއްވެސް ގާއިމް ކޮށްފައެވެ. މިހާރު އެމޭޒަން އިން ފަށަން އުޅޭ ކަމަކީ ކާއެއްޗެހި ޑެލިވަރީ ކޮށްދޭ ހިދުމަތެކެވެ. ގްރޯސަރީސް ފަދަ އެއްޗެހި އޯޑަރު ކުރާތާ ދެ ގަޑިއިރު ތެރޭ ޑެލިވަރީ ކޮށްދޭނެއެވެ.

އެމޭޒަންގެ ޕްރައިމް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ފަށާ މި ހިދުމަތާއެކު ގްރޯސަރީ އިންޑަސްޓްރީއަށް ބޮޑު ބަދަލެއް އަންނާނެކަމަށް ބެލެވެއެވެ. އެގޮތުން އިންސްޓާކަޓް ފަދަ ކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އިންސްޓާކާޓް އަކީ ހޯލް ފުޑްސް އިން ޑެލިވަރީ ޕާޓްނާޝިޕް ގާއިމްކޮށްފައިވާ ކުންފުންޏެވެ.

އޯޑަރު ޕްލޭސް ކުރުމުން ހޯލް ފުޑްސްގެ މުވައްޒަފުން ނޫނީ އެނޫންވެސް މީހުން އެ އެއްޗެއް ޑެލިވަރީކުރަން ރަނގަޅަށް ޕެކް ކުރާނެއެވެ. ދެން ހަވާލުކުރާނީ އެމޭޒަން ޕްލެކްސްގެ ޑްރައިވަރުންނާއެވެ. އެމީހުންްގެ ވެހިކަލް ތަކުގައި އެ އެއްޗެހި ދެ ގަޑިއިރު ތެރޭ ޑެލިވަރީކޮށްދޭނެއެވެ. އަވަހަށް ބޭނުންވާ އޯޑަރުތަކަށް އިތުރު އަށް ޑޮލަރު ޗާޖުކުރާނެއެވެ. އެހެންނޫނީ އެއީ ހިލޭ ދޭ ހިދުމަތެކެވެ. ޑެލިވަރީގެ ހިދުމަތްދޭނީ ހެނދުނު އަށަކުން ރޭގަނޑު 10 އަށެވެ.

މިހިދުމަތާއެކު ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ މަގުތައް ތޮއްޖެހި ޓްރެފިކްގެ ބާރު ބޮޑުވުމެވެ. އެމޭޒަން އިން މިހާރު އަންނަނީ ޑެލިވަރީ ވެހިކަލް އިން ދޮރާ ހަމައަށް ޕެކޭޖު އުފުލާނެ ރޮބަޓެއް ގެނައުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

comment ކޮމެންޓް