ބޭރުގެ އަސްކަރީ އެހީތެރިކަން ހޯދަން އެދުނުކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއް: ޑިފެންސް

ނޮވެމްބަރ 23، 2017: ހަތިޔާރާއި ގޮވާތަކެތި ބޭނުންކޮށްގެން ރާއްޖޭގެ ދިފާއީ ބާރު އެމްއެންޑީއެފްއިން ކޮންމެ އަހަރަކު ހިންގާ އަސްކަރީ ތަމްރީން، "ރަންނަމާރި ހަންޓް"ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޭރުގެ އަސްކަރިއްޔާގެ އެހީތެރިކަން ހޯދަން ސަރުކާރުން، ބޭރުގެ ދައުލަތްތަކުގައި އެދިފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން ބޭރުގެ އަސްކައިރިއްޔާތަކުގެ އެހީ ހޯދަން މަސައްކަތްކުރި ކަމަށް ބުނެ މީޑިއާއިން ހަބަރު ފަތުރަމުންދަނީ ހަގީގަތާ ހިލާފަށް ކަމަށެވެ. އަދި އެއީ "ކޮންބޮޑުވާ ކަމެއް" ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ޑިފެންސްގެ ބަޔާނުގައި ބުނެފައިވަނީ "މިހާރު ހިނގަމުންދާ ކަންކަމާ ގުޅިގެން އެއްވެސް އިރެއްގައި ބޭރުގެ އަސްކަރީ އެހީތެރިކަމަށް ސަރުކާރުން އެދިފައި ނުވާނެ" ކަމަށެވެ.

އެ މިނިސްޓްރީގެ ބަޔާނުގައި ރާއްޖޭގެ އިސްތިގުލާލަށް ކަމޭ ހިތުމަށާއި ގާނޫނީ ވެރިކަން ދެމެހެއްޓުމަށް ރައްޔިތުންނަށް ވަނީ ގޮވާލައިފައެވެ. އަދި ރާއްޖޭގެ ދާހިލީ ކަންކަން އަމިއްލައަށް ހައްލުކުރުމުގެ ގާބިލްކަން ދިވެހިރާއްޖެއަށް ލިބިގެންވާކަން ގަބޫލުކުރުމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް