މި މަހުގެ ތެރޭގައި އާ ރަންވޭގައި އެސްފޯލްޓް އަޅަން ފަށަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް މިހާރު ކުރިޔަށް ގޮސްފައިވާ ހިސާބު ދައްކައިދޭ ފޮޓޯއެއް --- ފޮޓޯ/ އެމްއޭސީއެލް

މި ފެބްރުއަރީ މަހުގެ ތެރޭގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގައި އެސްފޯލްޓް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.

އެމްއޭސީއެލްއިން މިއަދު ވަނީ، ވެލާނާ އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތްތައް މިހާރު ކުރިޔަށް ގޮސްފައިވާ ހިސާބު ދައްކައިދޭ ފޮޓޯތަކެއް އާންމުކޮށްފައެވެ.

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް "ސަން"އަށް ވިދާޅުވީ، ރަންވޭގެ ފައުންޑޭޝަންގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، ރަންވޭ އެހާ ސާފުކޮށް ފެންނަން ފަށާފައިވަނީ ފައުންޑޭޝަންގެ ސަބަބުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރަންވޭގައި އެސްފޯލްޓް އެޅުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

އަދި މި އަހަރުގެ ފަހުކޮޅުގެ ތެރޭގައި ރަންވޭއަށް ޓެސްޓް ފްލައިޓުތައް ޖައްސަން ފަށައި، ރަންވޭ ބޭނުންކުރަން ފެށޭ ވަރު ކުރަން މަސައްކަތް ކުރަމުން ދާ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

ހުޅުލޭގައި ހުންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަޅަމުންދާ އާ ރަންވޭއަކީ 3.4 ކިލޯމީޓަރު ދިގު، އަދި 60 މީޓަރު ފުޅާ ރަންވޭއެކެވެ. ރަންވޭ އެޅުމުގެ މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ)ންނެވެ.

އާ ރަންވޭ ހުޅުވުމާ އެކު، ކުރިން ބޭނުންކުރަމުން އައި 3.2 ކިލޯމީޓަރު ދިގު، އަދި 45 މީޓަރު ފުޅާ ރަންވޭ ދެން ބޭނުންކުރާނީ ޓެކްސީވޭއެއްގެ ގޮތުގައެވެ.

comment ކޮމެންޓް