މިސީޒަނުގެ އެންމެ އަހުލާގު ރަނގަޅު ކޯޗުގެ އެވޯޑު އަހަރެންނަށް ހައްގު: މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ --- ފޮޓޯ/ އޭޕީ

މިސީޒަނުގެ އެންމެ އަހުލާގު ރަނގަޅު ކޯޗުގެ މަގާމު މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯއަށް ހައްގުވާ ކަމަށް އޭނާ ބުނެފިއެވެ.

މޮރީނިއޯގެ ކޯޗިން ކެރިޔަރުގައި އޭނާ ފާހަގަކޮށްލެވިފައިވަނީ ހިތްހަމަނުޖެހިގެން މެޗު އޮފިޝަލުންނާ އާންމުކޮށް ކުރިމަތިލަމުންދާ ކޯޗެއްގެ ގޮތުގައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ޔުނައިޓެޑް ގޮވައިގެން ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ނުކުތުމުގެ ކުރިން މިސީޒަނުގައި މޮރީނިއޯގެ އަހުލާގު އޭނާ އަމިއްލައަށް ވަނީ ފާހަގަކޮށްފައެވެ.

"މިސީޒަނުގައި އެންމެ އަހުލާގު ރަނގަޅު ކޯޗުގެ އެވޯޑު އަހަރެންނަށް ހައްގު. އަހަރެން ވަރަށް މަސައްކަތްކުރާނަން އެ އެވޯޑު ހޯދަން. މިހާރުވެސް ބައިވަރު އެވޯޑުތައް ދެމުންދޭ. ހަފްތާގެ އެންމެ މޮޅު ކޯޗާއި، ކޮންމެ މަހެއްގެ އެންމެ މޮޅު ކޯޗުގެ މަގާމު ފަދަ ގިނަ މަގާމުތަކެއް ހޮވާ،" ޔުނައިޓެޑުގެ ކޯޗު މޮރީނިއޯ ބުންޏެވެ.

"އެންމެ އަހުލާގު ރަނގަޅު ކޯޗުގެ އެވޯޑުވެސް އެބަ ދޭންޖެހޭ. އެ އެވޯޑަށް ވޯޓުދޭން ޖެހޭނީ ހަތަރުވަނަ އޮފިޝަލުން. އެ އެވޯޑު އަހަރެންނަށް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް."

ރަށުން ބޭރުގައި ރާއްޖޭގަޑިން މިރޭ 7:15ގައި ނިއުކާސަލްއާ ދެކޮޅަށް ނުކުންނަ އިރު، ޔުނައިޓެޑް އޮތީ ޕްރިމިއާ ލީގު ތާވަލުގެ ދެވަނައިގައެވެ. ޔުނައިޓެޑާއި ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު 16 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. މިރޭގެ މެޗުން ޔުނައިޓެޑް މޮޅުވެއްޖެ ނަމަ، އެ ފަރަގު 13 ޕޮއިންޓަށް ކުޑަވާނެއެވެ.

comment ކޮމެންޓް