ރާއްޖެ ޓީވީގެ ހިދުމަތް އަލުން ފަށައިފި

ރާއްޖެ ޓީވީ

މިނިވަން ނޫސްވެރިކަމުގެ މާހައުލެއް ނެތްކަމަށް ބުނެ، މެދުކަނޑާލި ރާއްޖެ ޓީވީގެ ހިދުމަތް އަލުން ފަށައިފި އެވެ.

ރާއްޖެ ޓީވީގެ ބްރޯޑްކާސްޓިންގް ޚިދުމަތް މެދުކަނޑާލާފައި ވަނީ، ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތާއި ކޮންޓެންޓް ހާމަކުރާ ފަރާތްތަކާ މެދު އިތުރު އިންޒާރެއް ދިނުމެއްނެތި ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަންގާފައި ވަނިކޮށް ބުރާސްފަތި ދުވަހުގެ ރެ އެވެ.

ރާއްޖެ ޓީވީ އަލުން ފަށަން ނިންމާފައިވާކަން އިއުލާން ކުރަމުން އެ ސްޓޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އަލުން ހިދުމަތް ފަށަން ނިންމީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ. އަދި ހިދުމަތް ފެށުމުގެ ކުރިން އަމާން ރައްކާތެރި މާހައުލެއް ހޯދުމަށް ބޯރޯޑްކާސްޓިން ކޮމިޝަނާއި ފުލުހުންނާއި ސިފައިންގެ ފަރާތުން އެދިފައިވާނެ ކަމަށެވެ. ނަމަވެސް "އެކަށީގެންވާ ޖަވާބެއް އެއްވެސް މުވައްސަސާއަކުން ލިބިފައިނުވާކަމަށް" އެ ސްޓޭޝަންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޑިފެންސް މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ތަފާތު ވަސީލަތްތައް މެދުވެރިކޮށް ފަތުރާ މައުލޫމާތާއި ވަގުތުން ދުރަށް ފޮނުވަމުންގެންދާ ޕްރޮގްރާމްތަކުގައި ދިވެހި ލޮބުވެތި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދައި، ގައުމުގެ އަމަންއަމާންކަން ގެއްލޭ ފަދަ ގޮތްގޮތަށް، މައުލޫމާތު ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނެފައި ވަނީ އެފަދަ ކަންކަމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެހެންކަމުން އެފަދަ ގައުމީ ސަލާމަތާއި އަދި ސިފައިންގެ ވާޖިބަށް ހުރަސް އެޅޭ މައުލޫމާތު ފެތުރުން ވަގުތުން ހުއްޓާލުމަށް ނަސޭހަތްތެރިވެ އިންޒާރުދޭ ކަމަށެވެ.

"ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތާއި ކޮންޓެންޓް ހާމަކުރާ ފަރާތްތަކާ މެދު އިތުރު އިންޒާރެއް ދިނުމެއް ނެތި ފިޔަވަޅު އަޅަމުންގެންދާނެކަން އަންގަން،" ޑިފެންސްގެ ބަޔާނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް