އިދިކޮޅު މުޒާހަރާއިން ދެ ކައުންސިލަރަކާއެކު ފަސް މީހަކު ހައްޔަރުކޮށްފި

އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި މުޒާހަރާއިން ހައްޔަރު ކުރި ހަތަރު މީހަކު ---

އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު ކުރިއަށް ގެންދިޔަ މުޒާހަރާއިން ދެ ކައުންސިލަރަކާއެކު ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އިދިކޮޅު އެމްޑީޕީގެ ޒުވާނުން އިސްނަގައިގެން މިއަދު ހަވީރު ކުރި މުޒާހަރާގައި ފަސް މީހަކު ހައްޔަރުކޮށްފައިވަނީ މަޖިދީ މަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތިންނެވެ.

މަންޒަރުދުށް މީހަކު 'ސަން' އަށް ބުނީ ހައްޔަރުކުރި ފަސް މީހުންގެ ތެރޭގައި ގދ. ގައްދޫ ކައުންސިލްގެ ރައީސް ރައްޔާނު ޖަމާލް އާއި އއ. ރަސްދޫ ކައުންސިލް މެންބަރު އަބްދުﷲ އަނިލް ހިމެނޭ ކަމަށެވެ. ދެ ކައުންސިލަރުންގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ އެމްޑީޕީ ޔޫތު ވިންގްގެ ރައީސް މީކާއިލް ނަސީމް އާއި އެމްޑީޕީގެ އިކޮނޮމިކް ކޮމެޓީގެ މެންބަރު ސަފާއަތު އަހްމަދު އާއި އެ ޕާޓީގެ މެންބަރު އަދި ގާނޫނީ ވަކީލާ ޝީނާ މުހައްމަދުއެވެ.

މިއަދު ކުރި މުޒާހަރާގައި ބައިވެރިން ގޮވަމުން ދިޔައީ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކޮށް ނެރުނު އަމަރު ތަންފީޒު ކުރުމަށެވެ. 'ސުޕްރީމް ކޯޓުގެ އަމަރު' ތަންފީޒުކުރުމަށް ލިޔެފައިވާ ބެނާ އާއި ބޯޑުތައް ހިފައިގެން މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމައްޗަށް ޖަމާވުމުން އެސްއޯ ފުލުހުން ވަނީ އެ މީހުން ޕޭމަންޓް މައްޗަށް ފަހަތަށް ޖައްސައި ބޯޑުތަކާއި ބެނޭތައް އަތުލައިފައެވެ. އަދި އެ ފަސް މީހުން ހައްޔަރުކުރީ ފުލުހުންނަށް ނުކިޔަމަންތެރިކަން ދެއްކި ކަމުގެ ތުހުމަތުގައެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅުމުންވެސް ފުލުހުންގެ މީޑިއާ އޮފިޝަލުން ފޯނައް ޖަވާބުނުދެއްވާތީ ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

comment ކޮމެންޓް