ގާނޫނީ ވާޖިބުތައް އަދާކުރުމުގައި ދިވެހި ލަޝްކަރު އޮތީ ބަދަހިކަންމަތީ: އެމްއެންޑީއެފް

ހަތިޔާރާއި ގޮވާތަކެތި ބޭނުން ކޮށްގެން ރާއްޖޭގެ ދިފާއީ ބާރު އެމްއެންޑީއެފްއިން ކޮންމެ އަހަރަކު ހިންގާ އަސްކަރީ ތަމްރީން، "ރަންނަމާރި ހަންޓް"ގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ގާނޫނީ ވާޖިބުތައް އަދާކުރުމުގައި ދިވެހި އަސްކަރިއްޔާގެ ލަޝްކަރު ބަދަހިކަންމަތީ އޮންނާނެކަމަށް ރާއްޖޭގެ ގައުމީ ދިފައީ ބާރުން ބުނެފި އެވެ.

އެމްއެންޑީއެފުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖޭގައި މިވަގުތު އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ބައެއް ފަރާތްތަކުން މީސް މީޑިއާގައި ސިފައިންގެ މީހުންނާއި ބެހޭގޮތުން ސާބިތު ނުހިފޭ ވާހަކަ ދައްކަމުންދާ ކަމަށެވެ.

އަދި ރައްޔިތުންގެ ހިތުގައި ދިވެހި އަސްކަރިއްޔާއަށް އޮތް އިތުބާރު ގެއްލޭފަދަ ގޮތަކަށާއި ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން ގެއްލޭފަދަ ގޮތްގޮތަށް ވަކިވަކި ފަރުދުންނަށް ނިސްބަތްކޮށް އެއްވެސް އަސާސެއް ނެތް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ގައުމުގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމްކުރުމަށްޓަކައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ލާޒިމުކުރާ ގާނޫނީ ވާޖިބުތައް އަދާކުރުމުގައި ދިވެހި އަސްކަރިއްޔާގެ ލަޝްކަރު ބަދަހިކަންމަތީ އޮންނާނެކަމުގެ ޔަގީންކަން ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ." އެމްއެންޑީއެފްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށާއި ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އަދި ދިވެހި އަސްކަރިއްޔާގެ ސަފުތަކުގެ ބަދަހިކަން ގެއްލޭގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް ވެސް ސިފައިންގެ ބަޔާނުގައި ވަނީ ނަސޭހަތްތެރިވެ އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް