ރާއްޖޭގެ ސަލާމަތީ ބާރުތަކުގައި އައިއެސްއަށް ތާއީދު ކުރާ ބަޔަކު ނޫޅޭނެ: ނިހާން

ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ(ކ) އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ފުލުހުންނާއި ސިފައިންގެ ތެރޭގައި އައިއެސްއަށް ތާއީދު ކުރާ ބަޔަކު ނުތިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ "ޓައިމްސް އޮފް އިންޑިއާ" އަށް ދެއްވި އިންޓަވިއުއެެއްގައި، ދިވެހި ފުލުހުންނާއި ސިފައިންގެ އިތުރުން އިމިގްރޭޝަނާއި ކަސްޓަމްސް އޮފިސަރުންގެ ގޮތުގައި، އައިއެސްއާ ގުޅިގެން ސީރިއާ އާއި އިރާގުގައި ހަނގުރާމަ ކުރުމަށް ފަހު އެނބުރި އައިސްފައިވާ މީހުން އެބަ ތިބި ކަމަށް ވިދާޅުވެފައި ވެއެވެ.

މިކަމަށް ރައްދު ދެއްވައި، މިއަދު އޮތް ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަހަ ދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވީ ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ތެރޭގައި އައިއެސްއަށް ތާއީދުގެ ކުރާ އެއްވެސް މީހަކު ނުހުންނާނޭ ކަމަށާއި ރައީސް ނަޝީދު ކަނޑައެޅުގެން އެ ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ.

"ދިވެހިރާއްޖެ މި ގޮތުގައި ދެމިއޮތުމުގެ އެންމެ ބޮޑު ތަނބު ކަމަށްވާ ގައުމުގެ ސަލާމަތީ ބާރުތަކަކީ އެއްވެސް ގޮތެއް ފޮތެއް ނެތް ތަނެއްކަން ދައްކަން މަސައްކަތްކުރުމަކީ ގައުމަށް ވެވޭނެ އެންމެ ބޮޑު ހަރާންކޯރުވުމުގެ ތެރޭގައި ހިމެނޭ ކަމެއް. ވަރަށް ބޮޑެތި ގައްދާރުން ނޫނީ އެފަދަކަންކަން ނުކުރާނެ،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ގައުމަށް ގައްދާރުވުމުގެ ގޮތުން ހިންގަމުންދާ ޖަރީމާތައް ދައުލަތުގެ ފަރާތުން ބަލާ ފިޔަވަޅު އަޅަމުންދާނީ ވަކި ޕާޓީއަކުން ނުވަތަ ވަކި މީހަކު ބުނެގެން ނޫން ކަމަށާއި ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލައި، ގައުމަށް އަރައިގަތުމަށް ގޮވާލާ މީހަކީ ގައުމަށް ގައްދާރުވާ މީހެއް ކަމަށެވެ.

"ގައުމުގެ މިނިވަންކަމާއި އިސްތިގްލާލު ނަގާލަން ބައެއް މީހުން ދައްކާ މިފަދަ ވާހަކަތަކާއި އަމަލުތަކަކަކީ ސަމާސާ ވާހަކަތަކެއް ނޫން. އެފަދަ ވާހަކަތައް ދައްކާ ފަރާތްތަކަށް ދިވެހި ދައުލަތުގެ ގާނޫނު އަރާ ހަމަކުރުމަށް ޖާގަ ދޭންޖެހޭނެ. އެފަދަ މައްސަލަތައް ބަލާ ފިޔަވަޅު ނާޅާނަމަ ގައުމުގައި ހަމަނުޖެހުން ހިންގަން ދެން ތިބި ބަޔަކަށް ފުރުސަތު ދެވެނީ،" ނިހާން ވިދާޅުވިއެވެ.

comment ކޮމެންޓް