ވިންޓާ އޮލިމްޕިކްސްގެ ޑްރޯން ޝޯ، އެންމެން ހައިރާން ކޮށްލައިފި!

ވިންޓާ އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ދައްކާލި ހާއްސަ ޑްރޯން ޝޯ --- ފޮޓޯ/ ގެޓީ

ދެކުނު ކޮރެއާގެ ޕިއޮންގްޗެންގްގައި އިއްޔެ ފެށި ވިންޓާ އޮލިމްޕިކްސްގެ ފެށުމުގެ ރަސްމިއްޔާތު ވަނީ ތަފާތު ކުލަތަކެއް ދައްކައިދީފައެވެ. ދެ ކޮރެއާގެ ތާރީހުގައިވެސް މުހިންމު ކަންތައްތަކެއް ފެނިގެން ދިޔަ އިރު، ކޮރެއާގެ ސަގާފަތާއި ވައްޓަފާޅި ވަރަށް ފުރިހަމައަށް ދައްކައިދިނެވެ.

ދެކުނު ކޮރެއާއަކީ ދުނިޔެއަށް އާ އީޖާދުތަކާއި ޓެކްނޮލިޖީގެ އާ އުފެއްދުންތަކެއް ތައާރަފުކުރާ ގައުމެއްގެ ގޮތުގައި އަބަދުވެސް ފާހަގަކުރެވޭ ގައުމެކެވެ. އެގައުމުގައި ބާއްވާ ބޮޑެތި ހަފްލާތަކާއި ބޮޑެތި އިވެންޓްތަކުގައި އަބަދުވެސް މީހުންގެ ހިތްތައް ދަމައިގަންނަނީ އެފަދަ ހަރަކާތްތަކަށެވެ. އިއްޔެ ބޭއްވި ވިންޓާ އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައިވެސް ކޮރެއާއިން ވަނީ ޓެކްނޮލޮޖީގެ ދުނިޔެ ސިއްސުވާލައިފައެވެ.

ވިންޓާ އޮލިމްޕިކްސްގައި ބޭނުންކުރާނެ 300 ޑްރޯން: އެ ޑްރާންތައް އޮޕަރޭޓް ކުރާނީ އެކަމަށް ހާއްސަ ޓީމަކުން --- ފޮޓޯ/ އިންޓެލް

ވިންޓާ އޮލިމްޕިކްސްގެ ފެށުމުގެ ރަސްމިއްޔާތުން އެންމެ ބައެއްގެ ލޯތައް ދަމައިގަތީ 1،218 ޝޫޓިން ސްޓާ ޑްރޯނުގެ އެހީގައި ހަދާފައިވާ ވީޑިއޯއެއްގެ އިތުރުން، ވަގުތުން ހަރަކާތްތެރިވި 300 ޑްރޯނަށެވެ.

ރަސްމިއްޔާތުގައި ދެއްކި ވީޑިއޯއިން ފެންނަނީ 1،218 ޑްރޯން ބޭނުންކޮށްގެން ވައިގެ ތެރޭގައި ވިންޓާ އޮލިމްޕިކްސްގެ ކުޅިވަރުތައް ރަމްޒުކޮށްދޭ ފަންނުތައް ދައްކާލުމުގެ އިތުރުން ކޮރެއާގެ ސަގާފަތް ރަމްޒުކޮށްދޭ އައިކަންތައް ދިއްލާލި މަންޒަރެވެ. އަދި އިއްޔެ ކުރިއަށް ގެންދިޔަ ލައިވް އިވެންޓްގައި 300 ޑްރޯން ބޭނުންކޮށް ވައިގެ ތެރޭގައި އޮލިމްޕިކްގެ ލޯގޯ ވަނީ ދިއްލާލައިފައެވެ.

މި ޑްރޯންތައް މަސައްކަތްކުރާ ގޮތް މަޝްހޫރު ޓެކް ވެބްސައިޓް 'ދަ ވާޖް'ގައިވަނީ ކިޔައިދީފައެވެ. އެ ވެބްސައިޓުގައި ބުނެފައިވަނީ ޑްރޯންތަކަކީ ސޮފްޓްވެއާއެއްގެ އެހީގައި މޯޝަން ސިންކް ކޮށްފައިވާ ޑްރޯންތަކެއް ކަމަށާއި އެ ޑްރޯންތައް އޮޕަރޭޓް ކުރުމަކީ މަދު ޑްރޯންތަކެއް އޮޕަރޭޓް ކުރުމަށްވުރެ ވަކި އުނދަގޫ ކަމެއް ނޫން ކަމަށެވެ.

ޝޫޓިން ސްޓާ ޑްރޯންއެއް: އެ ޑްރޯންއަކީ އިންޓެލްގެ ހާއްސަ އުފެއްދުމެއް --- ފޮޓޯ/ އިންޓެލް

ފެށުމުގެ ރަސްމިއްޔާތުގައި ބޭނުންކުރި 300 ޑްރޯން މުޅި އޮލިމްޕިކްސްގެ ހުރިހާ މެޑަލް ރަސްމިއްޔާތެއްގައިވެސް ބޭނުންކުރާ ގޮތަށް ހަމަޖެހިފައިވާއިރު، މި ޑްރޯންތައްވެސް އޮޕަރޭޓްކުރަކީ އެކަމަށް ހާއްސަ ސޮފްޓްވެއާއެއްގެ އެހީގައެވެ. އަދި ޑްރޯން އޮޕަރޭޝަނަށް ހާއްސަ ޓީމެއްވެސް މިފަހަރުގެ އޮލިމްޕިކްސްގައި ހަރަކާތްތެރިވާނެއެވެ.

ވޯލްޑް ރެކޯޑު ފޮތުންވެސް މި ޑްރޯން ވީޑިއޯގެ ހަރަކާތްވަނީ ޖާގަ ހޯދައިފައެވެ. ޑްރޯންތަކުގެ މޭސްތެރިން ކަމަށްވާ އިންޓެލްގެ ފަރާތުން މައުލޫމާތު ދީފައިވަނީ އެއްފަހަރާ ވައިގެ ތެރޭގައި އެންމެ ގިނަ ވެހިކަލް އޮޕެރޭޓް ކުރުމުގެ ރެކޯޑު އިއްޔެ ރަސްމިއްޔާތުގައި މުގުރާލާފައިވާ ކަމަށެވެ.

މި ރެކޯޑު ކުރިން ހަދާފައިވަނީ 2016 ވަނަ އަހަރު، ޖަރުމަނުގެ ޓީމަަކުންނެވެ. އެ ޓީމުން ރެކޯޑު ހެދީ 500 ޑްރޯން އެއްފަހަރާ އޮޕަރޭޓު ކޮށްގެންނެވެ.

comment ކޮމެންޓް