ދެކުނު ކޮރެއާގެ ރައީސް އުތުރަށް ވަޑައިގަތުމަށް ކިމް ދައުވަތުއަރުވައިފި

އުތުރު ކޮރެއާގެ ލީޑަރުގެ ކޮއްކޯފުޅު ކިމް ޔޯ ޖޮންގް ވަނީ ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިން އާ ބައްދަލު ކުރައްވާ ސިޓީއެއް އަރުވާފައި -- ފޮޓޯ: ރޮއިޓާސް

ސޯލް (ފެބްރުއަރީ 10): ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިން އުތުރު ކޮރެއާއަށް ވަޑައިގަތުމަށް އެ ގައުމުގެ ލީޑަރު ކިމް ޖޮންގް އުން ދައުވަތު އަރުވައިފި ކަމަށް ދެކުނުން ބުނެފި އެވެ.

ދެކުނު ކޮރެއާގެ ރިޔާސީ ގަނޑުވަރު ބްލޫ ހައުސްއިން ބުނި ގޮތުގައި އެ ދައުވަތު އަރުވާފައި ވަނީ ސިޓީއެއްގެ ޒަރީއާއިންނެވެ. އަދި އެސިޓީ ރައީސް މޫންއާ ހަވާލު ކުރެއްވީ މިއަދު ބްލޫ ހައުސްއަށް ވަޑައިގަތް ކިމްގެ ކޮއްކޯފުޅު، ކިމް ޔޯ ޖޮންގް ކަމަށް ރައީސްގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

އަދި އެސިޓީގައި ލީޑަރު ކިމް ވަނީ ވީހާ ވެސް އަވަހަކަށް ރައީސް މޫންއާ ބައްދަލު ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައި ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.

ކިމް ޔޯ ޖޮންގް ދެކުނު ކޮރެއާއަށް ވަޑައިގެންނެވީ އުތުރު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކިމް ޔޮންގް ނަމްއާ އެކުގަ އެވެ. އެއީ 1950 އިން 1953އަށް ހިނގައި ދިޔަ ކޮރެއާ ހަނގުރާމައަށް ފަހު އުތުރު ކޮރެއާގައި ވެރިކަން ކުރާ އާއިލާގެ މެމްބަރަކު ދެކުނު ކޮރެއާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ރައީސް މޫން އެދައުވަތު ގަބޫލު ކުރައްވައި، ކިމްއާ ބައްދަލު ކުރައްވައިފި ނަމަ އެވާނީ 2007 ވަނަ އަހަރުގެ ފަހުން ދެ ކޮރެއާގެ ލީޑަރުން ބައްދަލު ކުރައްވާ ފުރަތަމަ ފަހަރަށެވެ.

ރައީސް މޫން އާއި ކިމް ޔޯ ޖޮންގްގެ އިތުރުން ކިމް ޔޮންގް ނަމް ވަނީ އިއްޔެ ދެކުނު ކޮރެއާގައި އޮތް ވިންޓާ އޮލިމްޕިކްސް ފެއްޓުމުގެ ރަސްމިއްޔާތު ބައްލަވާލައްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ދެ ކޮރެއާއިން ބައިވެރިވެފައި ވަނީ ގުޅިފައިވާ ދެ ކޮރެއާ ރަމްޒުކޮށްދޭ ހާއްސަ ދިދައެއްގެ ދަށުންނެވެ. (ސީއެންއެން)

comment ކޮމެންޓް