ޓޫރިސްޓް ވިސާގައި މަސައްކަތްކުރި ބޭރުގެ ދެ ނޫސްވެރިން ޑީޕޯޓު ކޮށްލަނީ

ރާއްޖޭގައި ހައްޔަރުކުރި ކަމަށް ބެލެވޭ ބޭރުގެ ނޫސްވެރިއަކު ފުލުހުންނާއެކު --- ފޮޓޯ/ ޓްވިޓާ

ޓޫރިސްޓު ވިސާގައި ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ ބައިނަލްއަގްވާމީ ދެ ނޫސްވެރިން ޑީޕޯޓްކޮށްލަން ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް، ނޫސްވެރިކަން ކުރަމުން ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިނގިރޭސި ރައްޔިތެއް ކަމުގައިވާ އާތީޝް ރަވީއާއި، އިންޑިއާގެ ރައްޔިތެއް ކަމުގައިވާ މަނީ ޝަރުމާއެވެ.

ދެމީހުންނަކީވެސް ފްރާންސްގެ އޭއެފްޕީ ނިއުސް އޭޖެންސީއަށް މަސައްކަތް ކުރާ ދެ މީހުންނެވެ.

އިމިގްރޭޝަނުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އޭއެފްޕީގެ ދެ ނޫސްވެރިން ވެސް ހައްޔަރުކޮށްފައި ވަނި ޓޫރިސްޓު ވިޒާގައި ރާއްޖެ އެތެރެވެ، މަސައްކަތް ކުރަމުންދާތީ ކަމަށެވެ.

މިގޮތަށް ޓޫރިސްޓް ވިސާގައި ރާއްޖެ އެތެރެވެ މަސައްކަތްކުރުމަކީ އިމިގްރޭޝަން ގާނޫނާއި ގަވާއިދާ ހިލާފުކަމެއް ކަމަށް ވުމުން، އެ ފަރާތްތައް ވަނީ ޑީޕޯޓު ކުރުމަށް ހަމަޖެހިފައެވެ." އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިންގްރޭޝަނުން އިތުރަށް ބުނެފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ އެންމެހައި ފަރާތްތަކުން ރާއްޖޭގެ އިމިގްރޭޝަަންގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެ ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން މަސައްކަތް ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ފުލުހުންވެސް އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖެ އަންނަ ފަރާތްތަކުން އިމިގްރޭޝަންގެ އުސޫލުތަކާ އެއްގޮތަށް މަސައްކަތްކޮށް، އެބަޔަކު ރާއްޖެ އަންނަ މަގްސަދާ ގުޅޭ ވިސާއެއް ހޯދުމަށް އިލްތިމާސްކޮށްފައެވެ

"މިހާރުވެސް ރާއްޖޭގައި ބޭރުގެ ނޫސްވެރިން މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކުރަން. މުސްތަގުބަލުގައިވެސް ރާއްޖޭގައި ނޫސްވެރިކަން ކުރަން އަންނަން ބޭނުންވާ ފަރާތްތަކަށް އަޅުގަނޑުމެން މަރުހަބާ ކިޔަން،" ފުލުހުން ބުންޏެވެ.

comment ކޮމެންޓް