އަންހެން ކޮއްކޮއަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ޖީތެންދުރައަށް!

ކުރީގެ ބޮލީވުޑް އެކްޓަރު ރަވީ ކަޕޫރު، އާންމު ނަމުން ނަމަ، ޖީތެންދުރަ، މީގެ 47 އަހަރު ކުރިން އޭނާގެ ދެބެންގެ ދެދަރި އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކޮށްފިއެވެ.

އަންހެން މީހާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅައިފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެ އަންހެން މީހާ އަކީ ޖީތެންދުރާގެ ބޮޑުދައިތަގެ ދަރިއެކެވެ.

އަންހެން މީހާ ފުލުހުންނަށް ހުށަހެޅި މައްސަލައިގެ ތަފްސީލުގައި ބުނެފައި ވަނީ އެ ހާދިސާ ހިނގައިފައި ވަނީ 1971 ވަނަ އަހަރުގެ ޖެނުއަރީ މަހު ޝިމްލާގައި ކަމަށެވެ. އޭރު އަންހެން މީހާގެ އުމުރުން 18 އަހަރެވެ. އަދި ޖީތެންދްރާ އަށް 28 އަހަރެވެ.

ޖީތެންދުރާ އޭނާއަށް ޖިންސީ ގޯނާ ކޮށްފައި ވަނީ ޝިމްލާގައި ކުރިއަށް ދިޔަ ފިލްމެއްގެ ޝޫޓިންއަށް ދައުވަތު ދިނުމަށްފަހު ކަމަށް އޭނާ ވަނީ ބުނެފައެވެ. ހާދިސާ ހިނގި ރޭ ޖީތެންދުރާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އަންހެން މީހާގެ ތުހުމަތު ތަކަށް ޖަވާބު ދެމުން ޖީތެންދުރާގެ ފަރާތުން އޭނާގެ ވަކީލު ބުނެފައި ވަނީ އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

އަދި އެފަދަ ވާހަކަތަކެއް ދެއްކުމުގެ ބޭނުމަކީ ޖީތެންދުރާގެ ވިޔަފާރި މަޑުޖައްސާލައި އޭނާއަށް މީހުން ކުރާ ގަދަރު ގެއްލުވާލުން ކަމަށެވެ.

ޖީތެންދުރައަކީ ފިލްމީ ދާއިރާގައި މަޝްހޫރު ނަމެވެ. ފިލްމު ޕްރޮޑިއުސަރެއްގެ ގޮތުގައި މިހާރު ފެނިގެންދާ ޖީތެންދުރައަކީ އެކްތާ ކަޕޫރު އަދި ތުޝާރު ކަޕޫރުގެ ބައްޕައެވެ.

comment ކޮމެންޓް