ހައްޔަރުކުރި ބޭރުގެ ދެ ރިޕޯޓަރުން ޑީޕޯޓް ކުރަނީ

ރާއްޖޭގައި ހައްޔަރުކުރި ކަމަށް ބެލެވޭ ބޭރުގެ ނޫސްވެރިއަކު ފުލުހުންނާއެކު --- ފޮޓޯ/ ޓްވިޓާ

ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އުޅޭ ކަމަށް ބުނެ ފުލުހުން މިއަދު ހައްޔަރުކޮށް ފިޔަވަވަޅު އެޅުމަށް އިމިގްރޭޝަނާ ހަވާލުކުރި ބޭރުގެ ދެ ރިޕޯޓަރުން ޑީޕޯޓްކުރަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

ފުލުހުން މިއަދު ހައްޔަރު ކުރި، އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ އާތިޝް ރަވީ ޕަޓޭލް އާއި އިންޑިއާގެ ރައްޔިތެއް ކަމަށްވާ މަނީ ޝަރުމާ، އަކީ ފުރާންސްގެ ބައިނަލްއަގްވާމީ ނިއުސް އޭޖެންސީއެއް ކަމަށްވާ އޭއެފްޕީގެ ދެ މީހުންނެވެ.

އިމިގްރޭޝަނުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ހައްޔަރުކުރި އޭއެފްޕީގެ ދެ ރިޕޯޓަރުންނަކީ ޓުއަރިސްޓް ވީޒާގައި ރާއްޖެއަށް އެތެރެވެ، ނޫސްވެރިންގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ ދެ މީހުން ކަމަށެވެ.

އަދި އެގޮތަށް ޓޫރިސްޓް ވީޒާގައި ރާއްޖެއަށް އެތެރެވެ މަސައްކަތްކުރުމަކީ އިމިގްރޭޝާން ގާނޫނާއި ގަވާއިދާ ހިލާފުކަމެއްކަމުން، އެ ފަރާތްތައް ޑީޕޯޓް ކުރަން ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖޭގެ އިމިގްރޭޝަން ގާނޫނުގައިވާ ގޮތުގެ މަތީން، ރާއްޖެއަށް އެތެރެވެ އެއްވެސް ބާވަތެއްގެ މަސައްކަތެއް ކުރެވޭނީ އެ މަސައްކަތަކަށް ހާއްސަ ކުރެވިފައިވާ ވީޒާއެއްގެ ދަށުންނެވެ.

ރާއްޖެއަށް އެތެރެވާ ބޭރުގެ ނޫސްވެރިން ވެސް އަމަލުކުރަންޖެހޭނީ އެ އުސޫލެވެ.

comment ކޮމެންޓް