މެސީއަކީ އެހެން ޕްލެނެޓެއްގެ ކުޅުންތެރިއެއް: ހަޒާޑް

މެސީއާއި ހަޒާޑް ގައުމީ ޓީމުގެ ޖާޒީގައި --- ފޮޓޯ/ ގެޓީ

ބާސެލޯނާގެ ލިއޮނަލް މެސީއަކީ އެހެން ޕްލެނެޓަކުން އައިސް ހުރި ކުޅުންތެރިއެއް ކަމަށް ޗެލްސީގެ ހަޒާޑް ސިފަކޮށްފަ އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި މިމަހުގެ 21 ވަނަ ދުވަހު ޗެލްސީއާއި ބާސާ ކުރިމަތިލާއިރު، ހަޒާޑްވަނީ އެ މެޗާ ގުޅިގެން ސްޕެއިންގެ އެންމެ ބޮޑު ކުޅިވަރު ނޫސް ކަމަށްވާ 'މަރްކާ'އަށް ވާހަކަ ދައްކައިފަ އެވެ.

ހަޒާޑް ބުނީ ބާސާގެ އެންމެ ބޮޑު ތަފާތަކީ މެސީ ކަމަށެވެ.

"ބާސާގެ އެންމެ ބޮޑު ތަފާތަކީ އެހެން ޕްލެނެޓެއްގެ ކުޅުންތެރިޔަކު ހުރުން. އެއީ ލިއޮނަލް މެސީ. އޭނާއަކީ އެހެން ލެވެލްއެއްގެ ކުޅުންތެރިއެއް. ދުނިޔޭގެ އެހެން އެއްވެސް ކުޅުންތެރިޔަކު މިވަގުތު މެސީގެ ލެވެލްގައި ނެތް،" ހަޒާޑް ބުންޏެވެ.

ހަޒާޑް ބުނީ ބާސާގެ ނުރައްކާތެރިކަން މެސީއާ ހަމައިން ނިންމާނުލެވޭނެ ކަމަށާއި މެސީއާ އެކު ބާސާއަކީ ޓީމެއް ކަމަށެވެ. ބާސާގެ ފެންވަރަކީ އެންމެނަށް ވެސް އެނގޭ އެއްޗެއް ކަމަށާއި ޗެލްސީން ބާސާއާ ކުރިމަތިލާނީ އެކަމަށް ވިސްނައިގެން ކަމަށް ވެސް ހަޒާޑް ބުންޏެވެ.

ހަޒާޑްގެ އިންޓަވިއު ނިންމާލަމުން ސަމާސާ ރާގަކަށް ބުނެފައި ވަނީ ބާސާއާ އެކު ނޭމާ ނެތުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

ހަޒާޑްވަނީ ޗެލްސީއާ އެކު ދެފަހަރަށް ލީގު އުފުލާލުމުގެ އިތުރުން ޔޫރޮޕާ ލީގު އަދި އެފްއޭ ކަޕުވެސް ހޯދައިފަ އެވެ. އެހެން ނަމަވެސް ހަޒާޑް އަބަދު ވެސް ބުނަމުންދަނީ އޭނާގެ ޓާގެޓަކީ ޗެލްސީއާ އެކު ޗެމްޕިއަންސް ލީގު އުފުލާލުން ކަމަށެވެ.

comment ކޮމެންޓް