މިއަހަރަކީ ވެސް އެޕަލްއަށް ބޮޑު އަހަރެއް

މިދިޔަ އަހަރަކީ އެޕަލްގެ ތާރީޚުގައި އެކުންފުންޏަށް އެންމެ ކާމިޔާބު އަހަރެވެ. ހުސްވި 2017 ވަނަ އަހަރު އެޕަލްއިން 322 މިލިއަން ގެޖެޓް ވިއްކި ކަމަށް އަންދާޒާ ކުރެވެ އެވެ.

އެކުންފުނިން މިހާރު އަންނަނީ މިއަހަރު ނެރޭނެ އައިފޯނުތަކާއި އައިޕެޑްތަކުގެ މަސައްކަތް ކުރަމުންނެވެ. އެޕަލްގެ ކަންތަކަށް ފާރަވެރިވާ މީހުންގެ ރިޕޯޓުތަކަށް ބަލާއިރު މިއަހަރަކީ ވެސް އެކުންފުުންޏަށް ބޮޑު އަހަރެކެވެ.

އެގޮތުން މިދިޔަ އަހަރު އެޕަލްގެ އެންމެ ފާހަގަ ކުރެވުނު އުފެއްދުން ކަމަށްވާ އައިފޯނު އެކްސްގެ ޑިޒައިން އެކުންފުނީގެ އެހެން އުފެއްދުންތަކަށް ގެނައުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ހަބަރުތައް ބުނާގޮތުގައި މި އަހަރު އެޕަލް އިން ތިން މޮޑެލްއެއްގެ އައިފޯނު ނެރޭނެ އެވެ.

ކޭޖީއައި ސެކިއުރިޓީ އެނަލިސްޓު މިންގް-ޗީ ކުއޯ ލަފާކުރާގޮތުން މިއަހަރު އެޕަލްއިން އެންމެ ފުރަތަމަ ނެރޭނީ އެޖް-ޓު-އެޖް އެސްލީޑީ ސްކްރީނެއް އެކުލެވޭ، ފޭޝަލް ރިކޮގްނިޝަން ހިމެނޭ ފޯނެކެވެ. އެ ފޯނުގެ އަގު 649 ޑޮލަރާއި 749 ޑޮލަރަ ދެމެދު އުޅޭނެ ކަމަށް އޭނާ ވަނީ ލަފާކޮށްފަ އެވެ. ކުއޯގެ ލަފާކުރުންތަކަށް ބަލާއިރު އެޕަލްއިން ދެން ނެރޭނީ އައިފޯނު އެކްސްގެ ޑިޒައިނަށް ނެރޭ އެއަށްވުރެ ބޮޑު ފޯނެކެވެ. އެ ފޯނުގެ ޑިސްޕްލޭގައި 6.5 އިންޗި އިންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މީގެ އިތުރުން ވެސް އައިފޯނު އެކްސްއަށް ބަދަލުތަކެއް ގެނެސްގެން އައިފޯނު އެކްސް ވެސް އަލުން ނެރޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އާންމުކޮށް އެޕަލްއިން އެމީހުންގެ އުފެއްދުންތައް އާންމު ކުރަނީ ސެޕްޓެމްބަރުގަ އެވެ.

މީގެ އިތުރުން އެޕަލް އިން އަންނަނީ ފޭޝަލް ރިކޮގްނިޝަން ހިމެނޭ އައިޕެޑެއް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެޕަލް ޕެންސިލްވެސް ރީ ޑިޒައިން ކުރުމުގެ މަސައްކަތް އެކުންފުނިން ދަނީ ކުރަމުންނެވެ.

އެޕަލްގެ އިތުރު އުފެއްދުންތަކަށް ބަލާއިރު އަގުހެޔޮ އައިޕެޑަކާއި އިތުރު ފީޗާސްތައް އެކުލެވޭ އެޕަލް ވޮޗް އާއި އައިފޯނު ވަޔަލެސްކޮށް ޗާޖު ކުރެވޭ ގެޖެޓެއް ވެސް މިއަހަރު ބާޒާރަށް ނެރޭނެ ކަމަށް ބެލެވެ އެވެ.

މީގެ އިތުރުން ވަޔަލެސް ސްޕީކަރެއް ހޯމް ޕޮޑްގެ ނަމުގައި ނެރުމަށް ނިންމާފައިވާ އިރު އެއާ ޕޮޑްވެސް ބަދަލުތަކަކާ އެކު ފެންނާނެ އެވެ. މީގެ އިތުރުން އެޕަލްގެ މެކް ލެޕްޓޮޕް ތަކަށް ބަދަލުތަކެއް ގެނެސް، އައިފޯނު، އައިޕޮޑް، މެކްބުކްތަކަށް ސޮފްޓްވެއާ އަޕްޑޭޓުތައް ލިބޭނެ އެވެ.

comment ކޮމެންޓް