ކާނި ހޮޓެލްސްގެ އޮފީހެއް ވިލާތުގައި ހުޅުވައިފި

ބަލްގޭރިއާގައި ހުޅުވި ކާނި ހޮޓެލްސްގެ އޮފީސް --- ފޮޓޯ/ ކާނި ހޮޓެލްސް

ރާއްޖޭގައި ފުޅާ ދާއިރާގައި ގެސްޓްހައުސްގެ ވިޔަފާރި ކުރާ ކާނި ހޮޓެލްސްއިން އެކުންފުނީގެ އޮފީހެއް ޔޫރަޕުގައި ހުޅުވައިފިއެވެ. ކާނި ހޮޓެލްސްއިން ބުނި ގޮތުގައި، އެ އޮފީސް ހުޅުވާފައިވަނީ ބަލްގޭރިއާގަ އެެވެ.

ކާނި ހޮޓެލްސްއިން ބުނީ، އެކުންފުނީގެ ގެސްޓްހައުސްތަކުގެ އެންމެ ބޮޑު ޓޫރިސްޓު މާކެޓަކީ އިރުމަތީ ޔޫރަޕުގެ ގައުމުތައް ކަމަށެވެ.

"އެ ހިސާބުގެ ގައުމުތަކުގައި މާކެޓު ކުރުމަށްޓަކައި ކާނި ހޮޓެލްސްއިން ބަލްގޭރިއާގައި އޮފީހެއް ހުޅުވީ،" ކާނި ހޮޓެލްސްއިން ބުންޏެވެ.

ރާއްޖޭގައި ހަތަރު ގެސްޓްހައުސެއް ހިންގާ ކާނި ހޮޓެލްސްއިން ބަލްގޭރިއާގައި ހުޅުވި އޮފީސް ހުންނަނީ އެގައުމުގެ ވެރިރަށް ސޯފިއާގައެވެ.

އެ އޮފީހުން ކާނި ހޮޓެލްސް އެންޑް ޓުއާސްގެ ޚިދުމަތް ލިބެން ހުންނާނެއެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޕްރޮޕަޓީއަކުން ރާއްޖެއިން ބޭރުގައި އޮފީހެއް ގާއިމުކުރި ފުރަތަމަ ފަހަރެވެ.

ކާނި ހޮޓެލްސްއަކީ އެނދުގެ އަދަދަށް ބަލާއިރު ރާއްޖޭގައި އެންމެ ބޮޑު ގެސްޓްހައުސް ޗެއިނެވެ. ކާނި ހޮޓެލްސްގެ ދަށުން ކ. މާފުށީގައި ތިން ގެސްޓްހައުސް، އަދި މާލޭގައި ވެސް ގެސްޓްހައުސްއެއް ހިންގައެވެ.

comment ކޮމެންޓް