އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތަށް ކިމްގެ ކޮއްކޯފުޅު ދެކުނު ކޮރެއާއަށް ވަޑައިގެންފި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ކޮއްކޯފުޅު ކިމް ޔޯ ޖޮންގް ވަނީ ދެކުނު ކޮރެއާއަށް ވަޑައިގެންފައި -- ފޮޓޯ: އޭޕީ

ސޯލް (ފެބްރުއަރީ 9): ދެކުނު ކޮރެއާގައި ބާއްވާ ވިންޓާ އޮލިމްޕިކް ގޭމްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ކޮއްކޯފުޅު ކިމް ޔޯ ޖޮންގް ދެކުނު ކޮރެއާއަށް ވަޑައިގެންފިއެވެ.

އެއީ 1950 އިން 1953އަށް ހިނގައި ދިޔަ ކޮރެއާ ހަނގުރާމައަށް ފަހު އުތުރު ކޮރެއާގައި ވެރިކަން ކުރާ އާއިލާގެ މެމްބަރަކު ދެކުނު ކޮރެއާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ކިމް ޔޯ ޖޮންގް ދެކުނު ކޮރެއާއަށް ވަޑައިގެންނެވީ އުތުރު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކިމް ޔޮންގް ނަމްއާ އެކުގައެވެ. ބައެއް ފަރާތްތަކުން ލަފާ ކުރާ ގޮތުގައި އޭނާ ދެކުނަށް ވަޑައިގަންނަވަނީ ލީޑަރު ކިމްގެ ފަރާތުން މެސެޖަކާ އެއްކޮށެވެ.

ކިމްގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ކިމް ޔޯ ޖޮންގް ވަނީ މިދިޔަ އަހަރު އުތުރު ކޮރެއާގެ ނުފޫޒުގަދަ ޕޮލިޓްބުރޯގެ މެމްބަރަކަށް އައްޔަންކޮށްފައެވެ. އަދި އެގައުމުގައި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ތުހުމަތުގައި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅި މީހުންގެ ލިސްޓުގައި ކިމް ޔޯ ޖޮންގްގެ ނަން ވެސް ހިމެނެއެވެ.

ނަމަވެސް އުތުރު ކޮރެއާގެ ވެރިކަން ކުރާ އާއިލާގެ މެމްބަރަކު ދެކުނަށް ވަޑައިގެންނެވުމަކީ އެގައުމާއި ދެކުނު ކޮރެއާއާ އޮންނަ ގުޅުން ރަނގަޅު ވެގެން ދާނެކަމުގެ އިޝާރާތެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

ސޯޅަ ދުވަހަށް ދެމިގެންދާ ވިންޓާ އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ދެ ކޮރެއާއިން ބައިވެރިވާނީ ގުޅިފައިވާ ދެ ކޮރެއާ ރަމްޒުކޮށްދޭ ހާއްސަ ދިދައެއްގެ ދަށުންނެވެ. އަދި ދެ ގައުމުން އޮލިމްޕިކްސްގައި އަންހެނުންގެ އައިސް ހޮކީ އިވެންޓުގައި ބައިވެރި ކުރަނީ ގުޅިފައިވާ ޓީމެކެވެ.

(ބީބީސީ)

comment ކޮމެންޓް