ފިތުނައިން ސަލާމަތްވުމަށް ހާކިމާގެ ބަހަށް ތަބާވާންޖެހޭ: ހުތުބާ

އިސްލާމީ މަރުކަޒު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމް ދީން ގޮވާލަނީ ފިތުނައިގެ ތެރެއަށް ނުވަނުމަށް ކަމަށާއި، ފިތުނައިން ސަލާމަތް ވެވޭނީ ޔޯލަ ވާހަކަތަކާ ދުރުހެލިވެވިގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި ހުކުރު ހުތުބާގެ މައުޟޫއަކީ ފިތުނައިން ރައްކާތެރިވުމެވެ.

ހުތުބާގައި ބުނެފައިވަނީ ފިތުނައަކީ ހިތަށާއި ބޮލަށް ޖެހޭ މުސީބާތަކަށް ވާތީ، ފިތުނައިގެ ސަބަބުން ކެތްތެރިވާ މީހާވެސް އާވާރާވެ، މަގުއޮޅިދާ ކަމަށާއި، ރުޅިއާއި ޒުވާބުވެސް ގިނަވާ ކަމަށެވެ.

"ފިތުނައިގެ ސަބަބުން ކިތައް މީހުން ހައްގުން އެއްކިބާވެ، ކަންބޮޑުވެ، ހާސްވެ، ކުރާނެ ނުކުރާނެ ކަމެއް ނޭނގި ހަލާކުވެ ގޮސްފައިވޭ ހެއްޔެވެ؟" ހުތުބާގައި ބުނެފައިވެއެވެ.

ފިތުނައިން ސަލާމަތް ވެވޭނެ ބައެއް ގޮތްތަކުގެ މައްޗަށް ހުތުބާގައި އަލިއަޅުވާލައްވާފައި ވެއެވެ.

އެގޮތުން، ފިތުނައިން ސަލާމަތް ވެވޭނީ ޔޯލަ ވާހަކަތަކާ ދުރުހެލިވެގެން ކަމުން، ޔޯލަ ވާހަކަތައް ނުފެތުރުމަށް މާތްﷲ އަންގަވާފައިވާ ކަމަށް ހުތުބާގައި ބުނެއެވެ. އެގޮތުން އެފަދަ ވާހަކައެއް އިވިއްޖެނަމަ އެވާހަކައެއް ހާކިމާ (ވެރި މީހާ)އާ ހަމައަށް ގެންގޮސް، އެކަމުގައި ހާކިމާގެ ބަހަށް ތަބާވާންޖެހޭ ކަމަށް ހުތުބާގައި ބުނެއެވެ.

"ފިތުނައަށް ފަސް އަޅައި ވަޅުލައި އެކަމުން ސަލާމަތް ވެވޭނީ އޭރުން. ހާކިމާގެ ބަސް އެހުމަކީ ﷲ މުއުމިނުންނަށް އަމުރުކުރައްވާފައިވާ ކަމެއް،" ހުތުބާގައި ބުނެއެވެ.

ފިތުނައިން ސަލާމަތް ވެވޭނެ އެހެން ގޮތެއް ކަމަށް ހުތުބާގައި ބުނެފައިވަނީ އިލްމާއި ހޭލުންތެރިކަމެވެ. އެގޮތުން ވިސްނައި ފިކުރުކޮށް، ރަނގަޅު ގޮތް ދެނެގަނެ އެ ގޮތަކަށް ތަބާވާންޖެހެއެވެ. ގައުމެއްގައި އިލްމާއި ހުނަރު ފެތުރިއްޖެ ނަމަ އެގައުމެއް ތަރައްގީވެ، ކުރިއަރައި ދާނެ ކަމަށާއި، އެ ގައުމެއްގެ ފަރުދުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބޭނެކަމަށް ހުތުބާގައި ބުނެއެވެ.

"އެކަމަކު އިސްލާމީ ހިދާޔަތާ ހިލާފުވެ، މެދުމިނުން ކައްސާލައި، ހައްދުފަހަނަ އެޅި ޚިޔާލުތަކުގައި މީހަކު ޖެހިއްޖެ ނަމަ އެމީހަކު ފިތުނައިގެ އަނދަވަޅަކަށް ވެއްޓި ހަލާކުވެދާނެ" ކަމަށް ހުތުބާގައި ބުނެއެވެ.

އަދި އެންމެ ވަރުގަދަ ފިތުނައަކީ ދީނީ ފިތުނަ ކަމަށާއި، އެ ފިތުނައަކީ މީހަކާ އޭނާގެ ވެރިރަސްކަލާނގެއާ ދެމެދުގައި އޮންނަ ގުޅުން އިމްތިހާނު ކުރުމަށް ކުރިމަތިކުރައްވާ ފިތުނައެއް ކަމަށްވެސް ހުތުބާގައި ބުނެއެވެ.

"މި އިމްތިހާނުން ފޭލްވާ މީހުން މަގުގެއްލި، ފުރެދުމުގެ ތެރެއަށް ވެއްޓިގެންދޭ. މިިހެންވެ، ފިތުނައަކާ ނުލާ، ފުރެދުމަކާ ނުލައި ﷲގެ ހަޟްރަތަށް ގެންގޮސްދެއްވުމަށް އެދި ކީރިތި ރަސޫލާ ދުއާ ކުރެއްވި،" ހުތުބާގައި ވެއެވެ.

ފިތުނައަކީ ގައުމެއްގެ އެންމެން އޮޔާ ގެންދާ ބޮޑު ކާރިސާއެއް ކަމަށް ސިފަ ކުރަމުން، ހުތުބާގައި ބުނަނީ މުސީބާތްތަކުން ސަލާމަތްވެވޭނީ ﷲގެ އަމުރުފުޅުތަކަށް ތަބާވެ، އެންމެން އެކަތިގަނޑަކަށްވެ، އެއްބާރުލައިގެން ކަމަށެވެ. އަދި އިސްލާމް ދީނަށްޓަކައި މަސައްކަތް ކުރުމަށް އަޒުމު ކަނޑައަޅައި، ދުޝްމަނުންނަށް ގައުމުން ޖާގަ ނުދީ، ނޫނެކޭ ބުނެގެން ކަމަށެވެ.

"]މުސީބާތްތަކުން ސަލާމަތްވެވޭނީ]ދީނުގެ ކޮންމެ ދުޝްމަނަކީ ގައުމުގެ ދުޝްމަނެއްކަން ގަބޫލުކޮށްގެން. ތަރައްގީއަށާއި ތަމައްދުނަށް މަގު ކޮށައި އެކަމުގައި ބައިވެރިވެގެން،" ހުތުބާގައި ބުނެއެވެ.

comment ކޮމެންޓް