ރާއްޖެޓީވީ އަމިއްލައަށް ބަންދުކުރީ ގޯސް ހެދުނުކަން ގަބޫލުކުރެވިގެން: ޕީޕީއެމް

ރާއްޖެޓީވީގެ ސުޓޫޑިއޯ: ރާއްޖެ ޓީވީގެ އާންމު ބްރޯޑްކާސްޓިން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައި -- ފައިލް ފޮޓޯ

މިނިވަން މާހައުލެއް ނެތް ކަމަށް ބުނެ ރާއްޖެޓީވީގެ ބްރޯޑްކާސްޓިން ވަގުތީ ގޮތުން ހުއްޓާލީ، އެ ފަރާތަށް ހެދުނު ގޯސް އަމިއްލައަށް ގަބޫލުކުރެވޭތީ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ރާއްޖެޓީވީގެ އާންމު ކޮންޓެންޓް ބްރޯޑްކާސްޓްކުރުން ވަގުތީ ގޮތުން ހުއްޓާލިތާ މާ ގިނައިރުތަކެއް ނުވެ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އަމިއްލައަށް އެ ޗެނަލް ބަންދުކުރުމަކީ އަމިއްލައަށް ވާ އިއުތިރާފެއް ކަމަށެވެ.

"ރާއްޖެޓީވީ އަމިއްލައަށް ބަންދުކުރީމާ އޭގެން އަމިއްލަ އިއުތިރާފެއް އެ ވެވުނީ ތިމަންނަމެނަށް ގޯހެއް ހެދިއްޖެކަން. އެހެން ނޫންނަމަ ނުޖެހޭނެ ނޫންތޯ ބަންދުކުރާކަށް. އަމިއްލައަށް ތިމާމެނަށް ގޯހެއް ހެދިއްޖެކަމަށް ގަބޫލުކުރެވިގެން މިރޭ އެ މީހުންގެ އަމިއްލައަށް އެމީހުންގެ ޗެނަލްގެ ހިދުމަތް އެ މެދުކަނޑާލީ،" ރޭ ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

ރާއްޖެޓީވީގެ އާންމު ބްރޯޑްކާސްޓިން ވަގުތީ ގޮތުން ހުއްޓާލުމާ ގުޅިގެން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދައިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ޓީވީގެ ބްރޯޑްކާސްޓް ހުއްޓާލާފައިވަނީ ބްރޯޑްކާސްޓް ގާނޫނާ ހިލާފަށް 15 ދުވަހުގެ ނޯޓިސްއެއް ނުދީ ކުއްލިއަކަށް ކަމަށެވެ.

ނަމަވެސް ރާއްޖެ ޓީވީން ބުނެފައިވަނީ އެ ޓީވީގެ ހިދުމަތް އެއްކޮށް ހުއްޓާ ނުލާ ކަމަށާއި އެ ޗެނަލްގެ އާންމު ކޮންޓެންޓް ބްރޯޑްކާސްޓްކުރުން ވަގުތީ ގޮތުން މެދުކަނޑާލީ ކަމަށެވެ.

ރާއްޖެ ޓީވީގެ އާންމު ކޮންޓެންޓް ބްރޯޑްކާސްޓްކުރުން މެދުކަނޑާލާފައި މިވަނީ، ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ މަޢުލޫމާތާއި ކޮންޓެންޓް ހާމަކުރާ ފަރާތްތަކާއިމެދު އިތުރު އިންޒާރެއް ދިނުމެއްނެތި ފިޔަވަޅު އަޅަމުންގެންދާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ރޭ އަންގާފައި ވަނިކޮށެވެ.

ރާއްޖެ ޓީވީން ބުނެފައިވަނީ، "ރާއްޖެޓީވީއާއި ރާއްޖެޓީވީގެ މުވައްޒަފުންނަށް ކެނޑިނޭޅި އިންޒާރުތައް ލިބެމުން ދިއުމާއި، ފުލުހުން ރާއްޖެޓީވީއަށް ދެމުންދިޔަ ހިމާޔަތް މެދުކަނޑާލާފައި ވާތީއާއި، މީޑިއާތަކުގެ ޚިދުމަތް އިންޒާރެއް ދިނުމެއް ނެތި، ވަގުތުން ހުއްޓުވާނޭ ކަމަށް އެމްއެންޑީއެފުން އަންގާފައި ވާތީ" ރާއްޖެޓީވީގެ އާންމު ކޮންޓެންޓް މެދުކަނޑާލީ ކަމަށެވެ.

comment ކޮމެންޓް