ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ޓްރަމްޕާއި މޯދީ މަޝްވަރާ ކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް --- ފޮޓޯ/ އޭޕީ

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައި ވަނިކޮށް، ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޝްވަރާ ކުރައްވައިފިއެވެ.

އެމެރިކާގެ ވައިޓް ހައުސްއިން ބުނި ގޮތުގައި ރާއްޖޭގެ އިތުރުން އޭޝިއާގެ ބައެއް އއހެނިހެން ގައުމުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް އިއްޔެ ރައީސް ޓްރަމްޕް ވަނީ ބޮޑުވަޒީރު މޯދީއާ ފޯނުން ގުޅުއްވައިފައެވެ.

ދެބޭފުޅުންވެސް ވަނީ ރާއްޖޭގެ ސިޔާސީ ހާލަތާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅު ކުރައްވާފައިއެވެ. އަދި ރާއްޖެއިން ޑިމޮކްރެޓިކް އިދާރާތަކަށާއި ގާނޫނާއި ގަވާއިދުތަކަށް އިހުތިރާމު ކުރުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ދެބޭފުޅުން ވާހަކަ ދެއްކެވި ކަމަށް ވައިޓްހައުސްއިން ބުނެއެވެ.

މީގެ އިތުރުން އެ ފޯނު ކޯލުގައި ދެ ބޭފުޅުން ވަނީ އިންޑޯ-ޕެސިފިކް ސަރަހައްދުގައި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައި ކަމަށްވެސް ވައިޓް ހައުސްއިން ބުންޏެވެ.

ރާއްޖޭގައި ހިނގަމުންދާ ސިޔާސީ މައްސަލަތަކާއި، ކުއްލި ހާލަތު އިއުލާނުކޮށްފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ހިނގަމުންދާ ކަންކަމާ ބެހޭ މައުލޫމާތު އެކުވެރި ބައެއް ގައުމުތަކަށް ދިނުމަށްޓަކައި، އެމަނިކުފާނުގެ ހާއްސަ މަންދޫބުންގެ ގޮތުގައި ތިން ވަޒީރަކު ފޮނުއްވައިފައެވެ.

އެގޮތުން ޗައިނާ، ސައުދީ އަރަބިއްޔާ އަދި ޕާކިސްތާނަށް ރައީސުލްޖުމްހޫރިއްޔާގެ މަންދޫބުން ވަނީ ފޮނުއްވައިފައެވެ.

ރައީސް ޓްރަމްޕާއި ބޮޑުވަޒީރު މޯދީ ވަނީ، އޭޝިއާގެ ބައެއް އެހެން ގައުމުތަކާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވައިފައެވެ. އޭގެ ތެރޭގައި އަފްގާނިސްތާނުގެ ސަލާމަތީ ހާލަތާއި، އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމުގެ އިތުރުން މިޔަންމާގެ ރޮހިންގާ މުސްލިމުންގެ ހާލަތާ ގުޅޭގޮތުން ޓްރަމްޕާއި މޯދީ މަޝްވަރާ ކުރެއްވި ކަމަށް ވައިޓް ހައުސްއިން ބުނެއެވެ.

comment ކޮމެންޓް