ރައީސް މައުމޫނާއި އިތުރު ތިން ބޭފުޅެއްގެ ހައްޔަރާ ގުޅޭ މައްސަލަ ބަަލައެއް ނުގަތް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އަދި ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ގާނޫނާ ހިލާފަށް ހައްޔަރުކުރި ކަމަށް ބުނެ ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ މުހައްމަދު އިބްރާހިމް މިރޭ ނިންމި ނިންމުމުގައި ވަނީ އެ ހަތަރު ބޭފުޅުން ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ބެހޭ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނެރެ، އެ ގަރާރުން ގާނޫނު އަސާސީގެ 45 ވަނަ މާއްދާ އާއި 46 ވަނަ މާއްދާއަށް އަމަލުކުރުން ހިފަހައްޓާފައި ވަނިކޮށް ކަމަށެވެ. އަދި އެ ގަރާރު ނެރުނުތާ 24 ގަޑިއިރު ނުވަނީސް އެ ގަރާރަށް އިސްލާހު ގެނެސް ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި (ރ) ހިފަހައްޓާފައިވާ ކަމަށް ވެސް އެ ނިންމުމުގައިވެއެވެ.

ގާނޫނު އަސާސީގެ 45 ވަނަ މާއްދާ އަކީ ގާނޫނާ ޚިލާފަށް ހައްޔަރުނުކުރުމާއި ބަންދު ނުކުރުމާ ބެހޭ މާއްދާއެވެ. 46 ވަނަ މާއްދާ އަކީ ހައްޔަރުކުރުމާއި ބަންދުކުރުމުގެ ބާރާ ގުޅޭ މާއްދާއެވެ.

އެބޭފުޅުން ހައްޔަރުކުރިއިރު، ހޭބިއަސް ކޯޕަސްގެ ރިޓަކަށް އެދުމާ ބެހޭ އުސޫލުތައް ބަޔާންކުރާ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ވަގުތީގޮތުން އަމަލުކުރުން ހުއްޓާލުމަށް ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އެ ނިންމުމުގައިވެއެވެ.

އެހެންކަމުން އެ މައްސަލަތައް ބަލައި ނުގަތުމަށް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް