މިޔަންމާ އިން ދަނީ ރޮހިންގާ މުސްލިމުން ބަނޑަށް ޖައްސަމުން: އެމްނެސްޓީ

ގިނަ އަދަދެއްގެ ރޮހިންގާ މުސްލިމުން މިހާރު ވެސް ބަންގުލަދޭޝްއަށްދޭ -- ފޮޓޯ: އީޕީއޭ

ނޭޕީޑޯ (ފެބްރުއަރީ 8): މިޔަންމާއިން ދަނީ އެގައުމުގެ ރަޚީން ސްޓޭޓުގައި ދިރިއުޅޭ ރޮހިންގާ މުސްލިމުން ބަނޑަށް ޖައްސަމުން ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފި އެވެ.

އެމްނެސްޓީން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން މިޔަންމާގެ ސަލާމަތީ ފައުޖުތަކުން ދަނީ ރޮހިންގާ އަންހެނުންނާއި ކުޑަކުދިން ވަގަށް ނަގައި، އެމީހުންގެ އަތުން ފޭރެމުންނެވެ.

އަދި ސިފައިން ދަނީ ރޮހިންގާ މުސްލިމުން އެމީހުންގެ ދަނޑުބިންތަކަށާއި މާރުކޭޓަށް ދިޔުން ހުއްޓުވައި، އެމީހުންނަށް ފޮނުވާ އިންސާނީ އެހީ ހުއްޓުވާފައި ކަމަށް އެޖަމްއިއްޔާއިން ބުންޏެވެ. އަދި އެއީ ރަޚީން ސްޓޭޓުގެ އަވަށްތަކުގައި ދިރިއުޅޭ މުސްލިމުން ފޮނުވާލުމަށް މިޔަންމާއިން ގަސްތުގައި ކުރަމުންދާ މަސައްކަތްތައް ކަަމަށް އެބަޔާނުގައިވެ އެވެ.

އެމްނެސްޓީން އެބަޔާން ނެރެފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުން މިޔަންމާއިން ބަންގުލަދޭޝްއަށް ދިޔަ 11 ރޮހިންގާ މީހަކާ ސުވާލު ކުރުމަށް ފަހުގަ އެވެ.

މިދިޔަ އޮގަސްޓު މަހު މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ފެށި އަނިޔާވެރި އޮޕަރޭޝަނަކާ ގުޅިގެން އެގައުމު ދޫކޮށް ބަންގުލަދޭޝްއަށް ދިޔަ ރޮހިންގާ މުސްލިމުންގެ އަދަދު 690،000އަށް އަރަ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް