ބަންގުލަދޭޝްގެ އިދިކޮޅު ލީޑަރު ޚާލިދާ ޒިއާ ފަސް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ބަންގުލަދޭޝްގެ ނެޝަނަލް ޕާޓީގެ ލީޑަރު ޚާލިދާ ޒިއާ -- ފޮޓޯ: އޭއެފްޕީ

ދާކާ (ފެބްރުއަރީ 8): ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ބަންގުލަދޭޝްގެ ނެޝަނަލް ޕާޓީގެ ލީޑަރު ޚާލިދާ ޒިއާގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއްކޮށްފި އެވެ.

ދެ ފަހަރެއްގެ މަތިން ބަންގުލަދޭޝްގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ޚާލިދާގެ މައްޗަށް ޖަލު ހުކުމް ކުރީ ކުޑަކުދިންގެ ޗެރިޓީއަކަށް ބޭރު ގައުމަކުން ދިން ފައިސާ ނެންގެވި ކަމަށް ސާބިތުވުމުންނެވެ.

އެމައްސަލާގައި ކޯޓުން ވަނީ ޚާލިދާގެ ދަރިކަލުން ތޯރިގް ރަހްމާން އާއި އިތުރު ހަތަރު މީހެއްގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކޮށްފަ އެވެ.

ޚާލިދާގެ މައްޗަށް އެހުކުމް ކުރީ ބަންގުލަދޭޝްގައި މި އަހަރު ބާއްވާ މަޖިލިސް އިންތިހާބަށް އޭނާ ތައްޔާރުވަމުން ގެންދަވަނިކޮށެވެ. އަދި އެހުކުމުގެ ސަބަބުން އޭނާއަށް އިންތިހާބުގައި ވާދަ ނުކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. ޚާލިދާ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށް، އެއީ ސިޔާސީ ދައުވާތަކެއް ކަމަށް ވިދާޅުވެފަ އެވެ.

އަދި އެހުކުމާ ގުޅިގެން ޚާލިދާއަށް ތާއިދު ކުރާ ގިނަ އަދަދެއްގެ މީހުން ވަނީ ވެރިރަށަށް އެއްވެ މުޒާހަރާކޮށްފަ އެވެ. އެމުޒާހަރާތައް ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަ ގޭސް ޖަހައިފަ އެވެ.

ޚާލިދާގެ މައްޗަށް މީގެ ކުރިން އެއްވެސް ދައުވާއެއް ސާބިތުވެފައި ނުވި ނަމަވެސް އޭނާ ވަނީ އެތައް ފަހަރަކު ޖަލަށް ލައިފަ އެވެ. ޚާލިދާ ބީއެންޕީގެ ލީޑަރުކަމަށް ވަޑައިގެންނެވީ 1983 ވަނަ އަހަރު އޭނާގެ ފިރިކަލުން އަދި ކުރީގެ ރައީސް ޖިޔޯރު ރަހްމާން އަވަހާރަކޮށްލި ފަހުންނެވެ. (ބީބީސީ)

comment ކޮމެންޓް