ޗައިނާ ފުލުހުން ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީ އައިނު ބޭނުންކުރަން ފަށައިފި

ޗައިނާގެ ފުލުހަކު ފޭޝަލް ރިކޮގްނިޝަން ބޭނުން ކުރާ އަވި އައިނެއް އަޅައިގެން -- ފޮޓޯ: އޭއެފްޕީ

ބެއިޖިންގް (ފެބްރުއަރީ 8): ކުށްވެރިން ވަގުތުން ދެނެގަތުމަށް ޗައިނާގެ ފުލުހުން ފޭޝަލް ރެކޮގްނިޝަން ޓެކްނޮލޮޖީ ބޭނުން ކުރާ އަވި އައިނު އަޅަން ފަށައިފިއެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނާ ގޮތުގައި އެއައިނުތައް ވަނީ ފުލުހުންގެ ޑޭޓާބޭސްއަކާ ގުޅުވާފައެވެ. އަދި ޝައްކު ކުރެވޭ މީހަކު ފެނުމުން އޭނާގެ ފޮޓޯއެއް ނަގައި، އެ ޑޭޓާބޭސްގައި ހުންނަ ކުށްވެރިންގެ ފޮޓޯތަކާ އަޅާ ކިޔޭނެ އެވެ.

އަދި ފޮޓޯގައިވާ މީހާ ޑޭޓާބޭސްގައި ހިމެނޭ ނަމަ އޭނާގެ ނަމާއި އެޑްރެސް ފުލުސް މީހާއަށް ފޮނުވާނެ ކަމަށް ޗައިނާއިން ބުނެއެވެ.

ޗައިނާގެ މީޑިއާތަކުން ބުނާ ގޮތުގައި އެއަވި އައިނުގެ އެހީގައި ފުލުހުން ވަނީ މިހާތަނަށް ތަފާތު ކުށްތަކުގެ ތުހުމަތު ކުރެވޭ ހަތް މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ސައްހަ ނޫން އައިޑީއެއް ބޭނުން ކުރި މީހުންނާއި އިންސާނީ ވަގުފާރި ކުރުމުގެ ތުހުމަތު ކުރެވޭ މީހުން ވެސް ހިމެނޭ ކަމަށް ޗައިނާގެ ނޫސްތަކުން ބުންޏެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ވަނީ، ސަރުކާރަށް ފާޑުކިޔާ ފަރާތްތައް ޓްރެކު ކުރުމަށާއި ނަސްލީ ތަފާތުކުރުންތައް ގެންގުޅުމުގެ ބޭނުމުގައި ޗައިނާ ސަރުކާރުން އެ ޓެކްނޮލޮޖީ ބޭނުންކޮށްފާނެ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޗައިނާއަކީ ފޭޝަލް ރެކޮގްނިޝަން ޓެކްނޮލޮޖީ ބޭނުން ކުރުމުގައި އެންމެ ކުރީގައި އުޅޭ އެއް ގައުމެވެ. އަދި އެގައުމުން ދަނީ "ދުނިޔޭގެ އެންމެ ބޮޑ ކެމެރާ ސާވެއިލެންސް ނެޓްވޯކް" އުފެއްދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

އެގޮތުން އެގައުމުގައި މިހާރު 170 މިލިއަނަށް ވުރެ ގިނަ ސީސީޓީވީ ކެމެރާ ބޭނުން ކުރާ އިރު ކުރިއަށް އޮތް ތިން އަހަރުގައި އިތުރު 400 މިލިއަން ކެމެރާ ހަރު ކުރާނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ. އަދި އޭގެ ތެރެއިން ގިނަ ކެމެރާތަކުން ފޭޝަލް ރެކޮގްނިޝަން ޓެކްނޮލޮޖީ ބޭނުން ކުރެއެވެ. (ބީބީސީ)

comment ކޮމެންޓް