ސައިންސާ ޓެކްނޮލޮޖީގެ ދާއިރާއިން ޗައިނާ ކުރިމަތީގައި އެމެރިކާގެ ބާރު ކުޑަވަނީ

ސައެންސާއި ޓެކްނޮލޮޖީގެ މައިދާނުގައި ޗައިނާ ހޯދަމުންގެންދާ އާދަޔާ ޚިލާފު ކުރިއެރުންތަކާއި ޗައިނާގެ އިންޖިނޭރުންގެ ހުނަރުވެރިކަމާއި ވިސްނުން ތޫނު ކަމުގެ ސަބަބުން އެމެރިކާ ކަންބޮޑުވެފައިވާ ކަމަށް އެމެރިކާގައި ޝާއިޢުކުރި ދިރާސާ ރިޕޯޓެއް ބުނެފިއެވެ.

އެމެރިކާގެ ސްޓްރެޓްފޯ އިންޓެލިޖެންސް ވެބްސައިޓްގައި ޝާއިއުކޮށްފައިވާ މި ރިޕޯޓް ބުނާގޮތުން ދުނިޔޭގައި އެމެރިކާއަށް ލިބިފައިވާ ސައެންސާއި ޓެކްނޮލޮޖީއާއި ހުނަރުވެރިކަމާއި މަސައްކަތްތެރި ކަމުގެ ޚާއްސަ ހާލަތް ޗައިނާގެ ސަބަބުން ގެއްލި ހުރިހާ ދާއިރާތަކެއްގައިވެސް އެމެރިކާއަށްވުރެ ޗައިނާ ކުރިއަރަމުން ދާކަމުގެ އިޙްސާސް އެމެރިކާ ދަނީ ވަރަށްބޮޑަށް ކުރަމުންނެވެ.

މިގޮތުން އެމެރިކާގެ ހައިޓެކްގެ ހަބު ކަމަށްވާ ސިލިކަން ވެލީއަށް ވުރެ ވަރުގަދަ ހައިޓެކް ހަބްތައް މިހާރު ޗައިނާގައި އުފެދެމުން ދާކަމާއި އެކަމާދެކޮޅަށް ކުރެވޭނެ ކަމެއްނެތި ހަތިޔާރު ބެހެއްޓުން ނޫންގޮތެއް އެމެރިކާއަށް ނެތްކަން އެމެރިކާގެ މަސްއޫލުވެރިންނަށް މިހާރު ވަނީ ކަށަވަރު ވެފައެވެ.

މިރިޕޯޓު ޚުލާސާ ގޮތެއްގައި ބުނާގޮތުން ދުނިޔޭގެ ބައެއް ގައުމުތަކަށް އެމެރިކާ އަރައިގަންނަ އަރައިގަތުންތަކާއި އެމެރިކާ ކުރާ ހަނގުރާމަތަކާއި އީރާނާއި އުތުރު ކޮރެޔާ ފަދަ ގައުމުތަކާ ދިމާކުރުމާއި ޓެރަރިސްޓް ޖަމާއަތްތައް ނުސީދާ ގޮތެއްގައި އުފައްދައި އެޖަމާއަތްތަކަށް ސިއްރިޔާތުގައި އެމެރިކާ ކުރާ ޚަރަދުތަކުގެވެސް އެންމެ ފަހުގެ އަމާޒަކީ ޗައިނާ މަތަ ކުރެވޭނެ ނުވަތަ ހިފެހެއްޓޭނެ މަގެއް ހޯދުމެވެ.

މި ރިޕޯޓް ބުނާގޮތުން އެމެރިކާ މިހާތަނަށް މޮނޮޕޮލީ ކޮށްފައިވާ މުހިއްމު އަދި އަގުބޮޑު ދާއިރާއެއް ކަމަށްވާ މަދަނީ މަތިންދާ ބޯޓު އުފެއްދުމުގެ ދާއިރާއަށްވެސް ޗައިނާ ވަނީ ވަދެފައެވެ. މިގޮތުން ޗައިނާ މިއަހަރު ތެރޭގައި ޚިދްމަތަށް ނެރުމަށް ހަމަޖެހިފައިވާ ސީ 919 މަރުކާގެ ފަސިންޖަރު މަތިންދާ ބޯޓަކީ މިދާއިރާގައި އެމެރިކާއަށް ލިބިފައިވާ މޮނޮޕޮލީ ރޫޅިގެންދާނެ އުފެއްދުމެކެވެ.

ޗައިނާގެ ސީ 919 މަރުކާގެ ފަސިންޖަރު މަތިންދާޓު މިހާރު ގެންދަނީ ޚިދްމަތަށް ނެރުމަށް ކުރަންޖެހޭ އެންމެ ފަހުގެ ޓެސްޓްތައް ކުރަމުންނެވެ. މި ބޯޓަށް ގިނަ އަދަދެއްގެ އޯޑަރު މިހާރުވެސް ލިބިފައިވާއިރު ޗައިނާއިން މިބާވަތުގެ ބޯޓުތައް އުފައްދައި އަގުހެޔޮކޮށް ގިނަ ގައުމުތަކަކަށް ވިއްކަން ތައްޔާރުވަމުން ދާއިރު މިއީ އެމެރިކާގެ ބޮއިންގް ކުންފުންޏަށް މުސްތަގްބަލްގައި މާލީ ގޮތުން ލިބިގެންދާނެ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް މިރިޕޯޓް ބުނެއެވެ.

ޗައިނާގެ ސީ 919 މަރުކާގެ ފަސިންޖަރު ބޯޓަކީ އެމެރިކާގެ ބޮއިންގް ކުންފުނިން އުފައްދާ ބޮއިންގް މަރުކާގެ ފަސިންޖަރު މަތިންދާ ބޯޓުގެ ޓެކްނޮލޮޖީ އާ އެއްފެންވަރުގެ ޓެކްނޮލޮޖީ ފީޗާސް ތަކާއެކު އުފައްދާފައިވާ ބޯޓެކެވެ.

އެމެރިކާގެ ކަންބޮޑުވުމަކީ އެމެރިކާގެ ސިލިކަން ވެލީގައި އުފައްދާ އުފެއްދުންތައް އެއަށްވުރެ ރަނގަނޅު ފެންވަރެއްގައި އެއަށްވުރެ އަގު ހެޔޮކޮށް ޗައިނާއިން އުފައްދަން ފަށާފައިވާތީ އެކަމުގެ ސަބަބުން އެމެރިކާއަށް ލިބޭ މަކެޓް ދަށްވެ އާމްދަނީ ދަށަށްދާނެ ކަމުގެ ކަންބޮޑުވުމެވެ.

އެމެރިކާގެ ސިލިކަން ވެލީގައި އުފައްދާ ހުރިހާ ބާވަތްތަކެއް އެމެރިކާ އުފައްދާހާ މޮޅަށް ޗައިނާއަކަށް އަދި ނުއުފެއްދެއެވެ. މިގޮތަށް އަދި ޗައިނާއަށް ނުއުފެއްދޭ ތަކެތީގެ ތެރޭގައި ސުޕަރ ކޮންޕިއުޓަރާއި ސްމާޓް ފޯން ފަދަ މުވާސަލާތީ އަދި އިލެކްޓްރޯނިކް ވަސީލަތްތައް ހިމެނެއެވެ. ނަމަވެސް ޗައިނާގެ ރީސާޗްތަކާއި ހޯދުންތައް މިހާރު ހުރިގޮތުން ޗައިނާއިން ވަރަށް އަވަހަށް މި ގެޕް ފޫބައްދާލާނެކަމަށް އެމެރިކާއަށް ގަބޫލުކުރެވެއެވެ.

އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި ޗައިނާ މިހާރު ހޯދަމުން ގެންދާ ކުރިއެރުންތަކާއެކު ކައިރި މުސްތަގްބަލެއްގައި މި ބާވަތުގެ އުފެއްދުންތަކާއި އެޕްލިކޭޝަންތަކުންވެސް ދުނިޔޭގެ އިލެކްޓްރޯނިކްސް މާކެޓް ޗައިނާއިން ފުރާލާނެ ކަމުގެ އިހްސާސާއެކު މިދާއިރާތަކުގައި އެމެރިކާއަށް ލިބިފައިވާ ޚާއްސަ ހާލަތާއި ސްޓޭޓަސް ގެއްލި އެކަމުގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތައް ފޫނުބެއްދޭނެ ކަންވެސް އެމެރިކާއަށްވަނީ ކަށަވަރު ވެފައެވެ.

(ސްޓްރެޓްފޯ އިންޓެލިޖެންސް ވެބްސައިޓް)

comment ކޮމެންޓް