ތެދުމަގަށް ތައުފީޤު ދެއްވީ އަރަހުށި މާތްﷲއެވެ. 2

މައްކާގެ ހަރަމްފުޅު-- ފޮޓޯ: އޭޕީ

އަސްލު ލިޔުއްވީ: ޢުބައިދުﷲ ޤާދިރީ

ދިވެހިބަހަށް ތަރުޖަމާކުރީ: އަބްދުﷲ ފާރޫޤު ޙަސަން

މުސްލިމު ކިޔަވާކުދީންނާ އަޅުގަނޑާ ބައްދަލުވާންފެށީ ހައިސްކޫލުގެ އެންމެފަހުގެ އަހަރުތަކުގައެވެ. އެމެރިކާ މީހެއްގެ ޙައިޘިއްޔަތުން އެހައިތަނަށް އިސްލާމްދީނާބެހޭގޮތުން އަޅުގަނޑުގެ މައުލޫމާތުގެ ދާއިރާ ވަރަށް ހަންޏެވެ. އަޅުގަނޑަށް ލިބިފައިހުރީ ހައްތާވެސް ރަނގަޅުނޫން މަޢުލޫމާތުތަކެވެ. އަޅުގަނޑު މުސްލިމުންނާމެދު ދެކެނީ އެމެރިކާގެ މީޑިޔާއާއި ހޮލީވުޑްގެ ފިލްމުތަކުން މުސްލިމުން ސިފަކޮށްދޭގޮތަށެވެ. ނަމަވެސް މުސްލިމު ކިޔަވާކުދީންނާ ބައްދަލުވާން ފެށުމުން އަޅުގަނޑުގެ ވިސްނުމަށް ބަދަލުއަންނާން ފަށައިފިއެވެ. އަޅުގަނޑަށް އެކުދީން ފެނުނީ ވަރަށް ނިއަނެތި ވަރަށް ހެޔޮލަފާ ބައެއް ކަމުގައެވެ. އަޅުގަނޑުގެ ހިތުގައި އެކުދީންނާ މެދު ގާތްކަން އުފެދޭންފެށިއެވެ. އަޅުގަނޑުގެ ހިތް އެކުދީންނާ ދިމާޔަށް ދަމާންފެށި އެންމެ ފުރަތަމަ ސަބަބަކީ އެހުރިހާ ކުދީންގެ ހިތްތަކުގައިވެސް މާތްﷲ އާމެދު ފުރިހަމަ ޔަޤީންކަމެއް އޮންނަކަމެވެ. ކަލާނގެ އެއްކައުވަންތަކަން ޤަބޫލުކުރާކަމެވެ. އެވަރުގަދަ ޔަޤީންކަމުގެ ވާހަކަ ފާޅުކުރާކަށެއްވެސް އެކުދީން ފަހެއްނުޖެހެއެވެ. އެކުދީން އުޅެނީ ވަރަށް ގުޅިގެންނެވެ. އެކުވެރިކޮށެވެ. އެކުދީންގެ ޒިންމާތައް ވަރަށް ބަރާބަރަށް އަދާކުރެއެވެ. އެއީވެސް އަޅުގަނޑުގެ ހިތުގައި އެކުދީންގެ މައްޗަށް ގަދަރު އުފެދުނު އެއްސަބަބެކެވެ. އެހުރިހާ ކުދީންނަކީވެސް އަޅުގަނޑާ އެއް އުމުރެއްގެ ކުދީންނެވެ. ވިހި އަހަރުގެ ކުދީންނެވެ. ނަމަވެސް ވިސްނުންތެރިކަމާއި ހޭލުންތެރިކަމުގެ ގޮތުން އެކުދީންތިބީ މާކުރީގައެވެ. އެކުދީން ދައްކައި އުޅެނީވެސް ވަރަށް ބުއްދިވެރި ހަރުވާހަކަތަކެވެ.

އަޅުގަނޑާ ބައްދަލުވި އެންމެ ފުރަތަމަ މުސްލިމު ޠާލިބާއަކީ ސިސްޓަރ ޖިނާނެވެ. އޭނާ ހުންނަނީ ހިޖާބު އަޅައިގެންނެވެ. އޭނާ ހިޖާބު އަޅަނީ ކީއްވެގެންތޯ އަޅުގަނޑު ސުވާލުކުރީމެވެ. ޖަވާބުގައި އޭނާ ބުނީ އިސްލާމްދީން އިރުޝާދުދޭ ގޮތަކީ އެއީ ކަމުގައެވެ. އޭނާ ބުނާގޮތުގައި އެއީ މާތްﷲގެ އަމުރުފުޅެވެ. ހިޖާބުއަޅަނީ މާތްﷲ ގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ސިސްޓަރ ޖިނާނަކީ ވަރަށް މަޑުމައިތިރި ފިނިމިޒާޖެއްގެ ކުއްޖެކެވެ. އޭނާ މީހުންދެކެ ވަރަށް ލޯބިވެއެވެ. މާތްﷲގެ ރަސްކަންފުޅުދެކެ ވަރަށް ބިރުގަނެއެވެ. ހިޖާބު އަޅާތީ މީހަކު ބުނެފާނެ އެއްޗަކަށް އޭނާ ޖެހިލުމެއްނުވެއެވެ. އެހައިތަނުން ފެށިގެން އަޅުގަނޑު މުސްލިމު އަންހެނުންނަށް އިޙްތިރާމު ކުރާންފަށައިފީމެވެ. ނަމަވެސް އަޅުގަނޑުގެ ހިތުގައި އޭރަކު އަދިއެއް ޙައްޤު ހޯދުމުގެ ޝައުޤުވެރިކަމެއް ނުއުފެދެއެވެ. ނަމަވެސް އެހައިތަނުން އަޅުގަނޑުގެ ހިތުގައިވަނީ އިސްލާމްދީނާމެދު މަޑުކަނެއް އުފެދިފައެވެ.

އެދުވަސްވަރު އަޅުގަނޑާ އެމެރިކާގެ ޒުވާން އަންހެނަކާ ބައްދަލުވިއެވެ. އޭނާ އިސްލާމްދީން ޤަބޫލުކުރީ އޭގެ މަދު އަހަރުތަކެއްގެ ކުރީންނެވެ. އަޅުގަނޑު އިސްލާމްދީނާ ބެހޭގޮތުން އެކިފަހަރުމަތީން އޭނާއާ ވާހަކަ ދައްކާން ފަށައިފީމެވެ. ތަފާތު މައިގަނޑު ނަންތަކުގައި ވާހަކަ ދެއްކީމެވެ. ޚާއްސަކޮށް އަޅުގަނޑު ކުޑައިރު ސަންޑޭސްކޫލުގެ ޓީޗަރ ބުނެފައިވާގޮތަށް މުސްލިމުން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަޔަށް ދޭމަގާމަކީ މާތްﷲގެ ރަސްކަންފުޅަށް ވުރެވެސް މަތީމަޤާމެއްތޯ ސުވާލުކުރީމެވެ. އެކަމާ ބެހޭގޮތުން ވަރަށް ވަރުގަދަޔަށް ސުވާލުކުރީމެވެ. އެސުވާލުތަކުގެ ޖަވާބުގައި އޭނާ ވަރަށް ހަމަޖެހިލައިގެންހުރެ ހީނލިއެވެ. އޭނާ ޖަވާބުދިނެވެ. ތިޔައީ ހުސްދޮގެވެ. ހަޤީޤަތާ ޚިލާފު އަޑުއެރުވުމެކެވެ. އަނެއްކާވެސް އަޅުގަނޑު ސުވާލުކުރީމެވެ. އިސްލާމަކީ ދީނެއްހެއްޔެވެ؟ ރަނގަޅު ދީނެއްހެއްޔެވެ؟ އޭނާ އެކި ރޮނގުރޮނގުން އިސްލާމްދީނަށް އަލިއަޅުވައިލައި ވަރަށް ގިނަ މައުލޫމާތުދިނެވެ. ނަމަވެސް އަޅުގަނޑުގެ ސިކުނޑި ބައްޓަންވެފައި ހުރީ ކުރީންވެސް ދެންނެވިފަދައިން އެމެރިކާގެ މީޑިޔާއާއި، ހޮލީވުޑްގެ ފިލްމުތަކުގެ ނުފޫޒުގައެވެ. އެހެންކަމުން އޭނާ ދެއްކި ވަރަށް ގިނަ ވާހަކަތައް އެއްކަންފަތުން އަޑުއަހައިފައި އަނެއްކަންފަތުން ނެރެލީއެވެ. އެކަމަކު މުސްލިމުން ބޭނުންކުރާ ބައެއް ބަސްބަހާ އަޅުގަނޑު ވަރަށް ފިކުރާވިއެވެ. ސުބްޙާނަﷲ (ﷲ ހުސްތާހިރުވަންތައެވެ.) އަލްޙަމްދުﷲ، އިންޝާﷲ، އައްސަލާމް އަލައިކުމް ފަދަ ބަސްބަހެވެ. އެބަސްތަކުން އަޅުގަނޑަށް ފޮނިކަމާއި މީރުކަން އިހްސާސްވިއެވެ. އިސްލާމްދީނުގައި ކަލެއްގެ ފުރިހަމަ ތަޞައްވުރެއް އެބައޮތްކަން ފާހަގަކުރެވުނެވެ.

ކޮންމެއަކަސް އިސްލާމްދީނާ ދިމާޔަށް އަޅުގަނޑުކުރާ ދަތުރު ދިޔައީމަޑުމަޑުން އެކަމަކު ކުރިޔަށެވެ. އެދުވަސްވަރު މުސްލިމް ޒުވާން ކިޔަވާކުއްޖެއް އިސްލާމްދީނާބެހޭ ފޮތްތަކެއް އަޅުގަނޑަށް ހަދިޔާކުރިއެވެ. އަޅުގަނޑު އިސްލާމްދީން މުތާލިޢާކުރާން ބޭނުން ވާހަކަ އޭނާގާތު ބުނުމުންނެވެ. އެޒުވާނާ އެންމެފަހުންވީ އަޅުގަނޑުގެ ހަޔާތުގެ ދަތުރުގެވެސް ބައިވެރިޔާ ކަމުގައެވެ.

އެދުވަސްވަރު ޔުނިވަރސިޓީގެ މުސްލިމު ކިޔަވާކުދީން "އިސްލާމްދީނުގެ ދުވަސް" މިނަމުގައި ދުވަހެއް ފާހަގަކުރިއެވެ. އެމުނާސަބާގައި އެކުދީން މުސްލިމު ވަރަށް ގިނަ ސްކޯލަރުންނަށް ދައުވަތުދިނެވެ. އެ ޢިލްމުވެރިން އިސްލާމްދީނާމެދު އެކި ދިމަދިމާއިން އެކި ރޮނގުރޮނގުން ޚިޔާލުފާޅު ކުރެއްވިއެވެ. އެގޮތުން މި ހައިރާން ކުރުވާފަދަ ދީނާމެދު އަޅުގަނޑުގެ މަޢުލޫމާތު މުއްސަނދިވަމުން ދިޔައެވެ.

އެހައިތަނަށް ދިޔައިރު އިސްލާމްދީނާމެދު އަޅުގަނޑުގެ ޝައުޤުވެރިކަންވަނީ ވަރަށް ބޮޑުވެފައެވެ. ނަމަވެސް އަޅުގަނޑުގެ ހިތުގައި އުފެދެމުންދިޔަ ޝުޢޫރުތަކާއި ލިބެމުންދިޔަ އަލިކަން ޙަޤީޤަތަކަށްވެގެން ފާޅުވާން ދުވަސްތަކެއް ބޭނުންވިއެވެ. ކޮންމެއަކަސް އަޅުގަނޑަށް ލިބެމުންދިޔަ މަޢުލޫމާތު ތަކާއި މުސްލިމުންނާ ބައްދަލުވަމުންދިޔަ ބައްދަލުވުންތަކުން އަޅުގަނޑަށް އެނގުނީ އިސްލާމްދީނާއި ކްރިސްޓިއަނިޓީ އާ ދެދީންވެސް އެއްގޮތެއްގައި ޤަބޫލުކުރާ ޙަޤީޤަތްތަކެއްވެސް އެބަހުރިކަމެވެ.

އަޅުގަނޑު ބުނެކިޔައިގެން ހޯދި އިސްލާމްދީނާ ބެހޭފޮތްތައް ވަރަށް ފަރުވާތެރިކަމާއެކު މުޠާލިޢާކުރާންފަށައިފީމެވެ. އެގޮތުން އިސްލާމްދީނުގެ ސަރާސަރު ތެދުމަގަށް އަޅުގަނޑަށް އަލިކަން ލިބެމުންދިޔައެވެ. ތިޔޮލޮޖީއިން ޕީ.އެޗް.ޑީ. ނަގައިގެން ތިބި ކްރިސްޓިޔަން ދީނުގެ ބޮޑެތި ޢިލްމުވެރީންނާއި އެންމެ ކުރިޔަށްތިބި ފާދަރުން ވެސް އަޅުގަނޑަށް ޖަވާބުދޭން ނުކުޅެދުނު ސުވާލުތަކަށް އިސްލާމްދީނުން އަޅުގަނޑަށް ޖަވާބު ލިބިއްޖެއެވެ.

އެގޮތުން އަރަހުށިމާތް ﷲ ގެރަސްކަންފުޅާއި، ނަބީބޭކަލުންގެ ސިލްސިލާއާއި، އާޚިރަތްދުވަހާއި، އީސާއަލައިހިއްސަލާމާ ބެހޭ ގޮތުން އަޅުގަނޑަށް ޙަޤީޤަތް އޮޅުންފިލައިފިއެވެ. އެކަންތައްވީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ސިހުމަކަށެވެ. ފިތުރަތުގެ ދީންކަމުގައިވާ އިސްލާމްދީން އަޅުގަނޑަށް ވަރަށް ރަނގަޅަށް އޮޅުންފިލައިފިއެވެ. ކީރިތިޤުރްއާނުގެ އިނގިރޭސި ތަރުޖަމާއިން އެމަސައްކަތުގައި އަޅުގަނޑަށް އިރުޝާދުލިބުނެވެ. އަޅުގަނޑުގެ ޙަޔާތުގައި އެންމެފުރަތަމަ ފަހަރަށް އުފަލާއި ހިތްހަމަޖެހުން ލިބޭންފަށައިފިއެވެ. އަޅުގަނޑު ކީރިތިޤުރުއާން ސުރެންސުރެން ފަރުވާތެރިކަމާއެކު މުޠާލިއާ ކުރީމެވެ. އެގޮތުން ދީނުގެ ފަހުމު ލިބިގަތީމެވެ. އަލްއަޚުލްމަރްޙޫމް އަހްމަދު ދީދާތާއި، ބިޝޮޕް ރޮބަޓްސަން އާދެމެދު ކުރެވުނު ބަޙުޘާއި ދެކެވުނު ވާހަކަ ތަކުގެ ވީޑިއޯވެސް ރަނގަޅަށް ބެލީމެވެ.ހަމައެފަދައިން ބައިބްލް ވެސް ފަރުވާތެރިކަމާއެކު އެއްކޮޅުން އަނެއްކޮޅަށް ކިޔައިވިސްނައިބެލީމެވެ. އެދުވަސްވަރު ހެނދުނުން ފެށިގެން ރޭގަނޑު ދޭއްނުވަތަ ހަތަރެއްޖަހަންދެން އަޅުގަނޑު ފޮތްތަކުގައި ލޯފުނާއަޅަމުން ގެންދިޔައީމެވެ. ނިދީގެ ކަންފުޅެއްވެސް އަޅުގަނޑުގެ ނުހުރެއެވެ. އަޅުގަނޑުގެ ހިތުގައި އިސްލާމްދީން ފުރިހަމަޔަށް ބިންވަޅު ނެގިއްޖެއެވެ. އަޅުގަނޑު އިސްލާމްވާން ގަސްދުކޮށްފީމެވެ. މުސްލިމު އަންހެނުން އަޅާގޮތަށް ހިޖާބާއެކު ހެދުންއަޅާންވެސް ފަށައިފީމެވެ. ދުވަސްކޮޅެއްގެ ފަހުން ޝަހާދަތްކިޔައި އިސްލާމްދީނަށް ވަދެއްޖައީމެވެ.

އަޅުގަނޑު އިސްލާމްވުމުން އަޅުގަނޑުގެ ޢާއިލާއިން އަޅުގަނޑު ދެކެވަރަށް ރުޅިއައެވެ. އެއްޗެހިގޮވިއެވެ. ނަމަވެސް މާތްﷲ ގެ ފަޟުލުވަންތަކަމުން އެންމެ ފަހުން ޢާއިލާއިން އަޅުގަނޑު ބަލައިގެންފިއެވެ. އަރަހުށި މާތްﷲ ސުބްޙާނަހޫ ވަތައާލާގެ ދީލަތިވަންތަކަމަށް ފަށްފަށުން ޝުކުރުދަންނަވަމެވެ. އަޅުގަނޑަށް ހިދާޔަތުގެ ތައުފީޤު ދެއްވީ އެކަލާނގެއެވެ. ތެދުމަގަށް މަގުދެއްކެވީ އެކަލާނގެއެވެ.

comment ކޮމެންޓް