އުއްތަމަ ފަނޑިޔާރު ގަދަކަމުން ހައްޔަރުކުރި މީހުން 15 ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރި: ވަކީލުން

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު: ބޮޑެތި ތުހުމަތުތަކެއްގައި އެމަނިކުފާނު ވަނީ ހައްޔަރުކޮށްފައި --- ސަން ފައިލް ފޮޓޯ

މިދިޔަ އަންގާރަ ދުވަހުގެ މެންދަމު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސުޕްރީމް ކޯޓުގައި އިންނަވަނިކޮށް ހައްޔަރުކޮށްފައިވާތީ އެކަން ކުރި މީހުން 15 ދުވަހަށް ޖަލަށްލުމަށް ހުކުމެއް ކޮށްފައިވާނެ ކަމަށް އުއްތަމަ ފަނޑިޔާރުގެ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ސުޕްރީމް ކޯޓުގެ ތެރެއަށް ވަދެ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްފައިވަނީ ބާރުގެ ބޭނުންކޮށް އަނިޔާވެރިގޮތަކަށްކަން އުއްތަމަ ފަނޑިޔާރުގެ ވަކީލުންގެ ޓީމުން ތުހުމަތުކޮށްފައިވެއެވެ.

އުއްތަމަ ފަނޑިޔާރުގެ ވަކީލުންގެ ޓީމުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބެނެފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ދަންވަރު ރަޔަޓު ގިޔަރުގައި ތިބި ފުލުހުންނާއި ސިފައިން ސުޕްރީމް ކޯޓަށް ވަދެ އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައިވަނީ އެމަނިކުފާނަށް ގާނޫނީ ގޮތުން ލިބިދޭ ރައްކާތެރިކަމާއި އިމްތިޔާޒުތަކާ ހިލާފަށް ކަމަށެވެ.

"އެތަނުގެ ދޮރުތައް ހަލާކުކޮށްލައިގެން ވަދެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ހަށިކޮޅަށް އަތްލައި ބިންމައްޗަށް ވައްޓާލައި ބިންމަތީގައި ދަމާ ކޫއްތައިގެން ހައްޔަރުކޮށް ސަލާމަތީ ބާރުގެ ދަށަށް ގެންގޮސް ދޫނިދޫގައި ބަންދުކޮށްފައިވަނީ،" އުއްތަމަ ފަނޑިޔާރު އެރޭ ހައްޔަރުކުރި ގޮތް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"ދައުލަތުގެ އެއްބާރުގެ އެންމެ އިސް ފަރާތް ސިޔާސީ ސަބަބުތަކަކަށްޓަކައި ގާނޫނުއަސާސީއާ ހިލާފަށް ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަކީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވާކަމެއް."

އެކަން އެގޮތަށް ކޮށް ދޮރުތައް ހަލާކުކޮށްލައިގެން ގަދަކަމުން ވަދެފައިވާތީ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލުމުގައި އަމަލީ ގޮތުން ބައިވެރިވި ހުރިހާ ފުލުހުންނާއި ސިފައިން 15 ދުވަހަށް ޖަލަށްލުމަށް އެވަގުތުން ވަގުތަށް ހުކުމް އިއްވާފައިވާނެކަމަށް އުއްތަމަ ފަނޑިޔާރާ ހަވާލާދީ އޭނާގެ ވަކީލުން ނެރުނު ބަޔާނުގައިވެއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްފައިވަނީ ރިޝްވަތު ހިފައި ވަކިގޮތަކަށް ހުކުމްކޮށް ގާނޫނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ. އަދި އެކަމަށް ބާރުލިބޭ ކިތާބީ ހެކި ހުރި ކަމަށް އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކްޓިން ސީޕީ އަބްދުﷲ ނަވާޒް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ހުރިހާ ތުހުމަތުތަކަކަށް އުއްތަމަ ފަނޑިޔާރު އިންކާރުކުރައްވާފައިވާ ކަމަށް ވަކީލުންގެ ބަޔާނުގައި ވެއެވެ.

comment ކޮމެންޓް