އައިޓީބީ ފެއާއަށް ވިސާ ދޭނީ، ކުރިއެކޭ ވެސް އެއްގޮަތަށް ލަންކާގައި ހުންނަ އެމްބަސީ އިން

ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް-- ސަން ފައިލް ފޮޓޯ

ޖަރުމަނު ވިލާތުގައި ބާއްވާ ޓުއަރިޒަމްގެ އެންމެ ބޮޑު އެއް ފެއާ، އައިޓީބީ ބާލިން އަށް ދާ ދިވެހިންނަށް ހާއްސަކޮށްގެން ޖަރުމަނު ވިލާތަށް ދާ ވިސާ ރާއްޖެ އިން ލިބޭގޮތް ހަމަޖައްސައި، ގާއިމުކުރަން އުޅުނު ޓެމްޕޮރަރީ ބަޔޯމެޓްރިކް ސެންޓަރު ގާއިމު ނުކުރަން ނިންމައިފި އެވެ.

ރާއްޖޭގައި ބަޔޯމެޓްރިކް ސެންޓަރެއް ވަގުތީ ގޮތުން ހުޅުވަން އޮތީ މިއަދު އެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ރާއްޖޭގައި ވަގުތީ ކްލިނިކު ހުޅުވުން ކެންސަލް ކޮށްފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ވިސާ ހެއްދުމަށް އެޕޮިންޓްމެންޓް ހައްދާފައިވާ ފަރާތްތަކަށް ވީއެފްއެސް ގްލޯބަލްއިން ފައިސާ އަނބުރާ ރައްދުކޮށްދޭނެ ކަމަށެވެ.

"ޖަރުމަނަށް ދިއުމަށް ވިސާއަށް އެދި ހުށަހެޅުމުގެ ކަންކަން ކުރިއެކޭ ވެސް އެއްގޮތަށް ކޮލޮމްބޯއިން ކުރިޔަށް ގެންދިއުމަށް އެދެން،" ފޮރިން މިނިސްޓްރީން ބުންޏެވެ.

ޖަރުމަނުގެ ޝެންގެން ވިސާ ލިބޭގޮތަށް މާލޭގައި ހުޅުވަން އުޅުނު ޓެމްޕޮރަރީ ވިސާ ކްލިނިކު ނުހުޅުވަން ނިންމާފައި މިވަނީ، މިދިޔަ ހަފްތާއިން ފެށިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ހޯމަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި ވަނިކޮށެވެ.

ރާއްޖޭގެ ހާލަތާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ދެ ޓޫރިޒަމް މާކެޓުތައް ކަމުގައިވާ ޗައިނާއާއި ޖަރުމަނުން ވަނީ އެގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިން ވަރަށް ބޮޑަށް ސަމާލުވުމަށް އެދި، ޓްރެވަލް އެޑްވައިޒަރީ ވެސް ނެރެމުންނެވެ.

މާޗް މަހު އޮންނަ އައިޓިބީ ބާލިން ފެއާ ގައި ގިނަ ދިވެހިން ބައިވެރިވެ އެވެ. މީގެ އިތުރުން މިހާރު ޔޫރަޕްގެ ގައުމުތަކަށް ޗުއްޓީއަށް ދާ ދިވެހިންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ.

comment ކޮމެންޓް