ލަންކާ ގައުމީޓީމު ކޯޗަކަށް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ޕަކީރް އަލީ

ލަންކާ ގައުމީ ޓީމުގެ ކޯޗު ކަމަށް ހަމަޖެއްސި ޕަކީރު އަލީ --- ފޮޓޯ/ މީސް މީޑިއާ

އަވައްޓެރި ސްރީލަންކާގެ ގައުމީ ޓީމު ކޯޗެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ އެގައުމުގެ ކޯޗެއް ކަމަށްވާ ނިޒާމް ޕަކީރު އަލީ ހަމަޖައްސައިފި އެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ލަންކާގެ ގައުމީ ޓީމަށްވެސް ކުޅެފައިވާ ޕަކީރު އަލީވަނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ލިމިޓެޑަށްވެސް ކުޅެފައެވެ. 2002 ވަނަ އަހަރު އޭއެފްސީ ބީ ލައިސަންސް ނެގި ޕަކީރު އަލީވަނީ 2006 ވަނަ އަހަރު އޭއެފްސީ އޭ ލައިސަންސް ނަގައިފައެވެ.

އިންޑިއާ އަދި ބަންގާޅުގެ ކްލަބުތަކަށްވެސް ކޯޗުކަން ކޮށްދިން ޕަކީރު އަލީ، 2015 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަނީ ލ. ގަމުގައެވެ. ގަން ޑިވަލޮޕްމަންޓް ސޮސައިޓީން ލ. ގަމުގައި ހިންގަމުން އަންނަ ޔޫތު ޑިވަލޮޕްމެންޓް ފުޓުބޯޅަ އެކަޑެމީގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ އިތުރުން ޕަކީރު އަލީވަނީ ވޭތުވެދިޔަ ތިން އަހަރުގެ މިނިވަންޗެމްޕިއަންޝިޕް މުބާރާތުގައި ލ.ގަމު ޓީމުގެ ކޯޗުގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ.

ލަންކާގެ ފުޓުބޯޅަ އިދާރާއިން ބުނެފައިވަނީ ޕަކީރު އަލީއާއެކު ވެފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމަށެވެ. އަދި ޕަކީރު އަލީއަކީ ލަންކާގެ ފުޓުބޯޅައަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ ފަރާތެއް ކަމަށާއި، އޭނާއަށް ލަންކާގެ ފުޓުބޯޅައިން ފުރުސަތެއް ދޭން ޖެހޭ ކަމަށްވެސް ފުޓުބޯޅަ އިދާރާއިން ބުނެފައިވެއެވެ.

ލަންކާގެ ގައުމީ ޓީމަށް ކޯޗުކަން ކުރުމުގެ ފުރުސަތު ދިނީތީ ފުޓުބޯޅަ އިދާރާގެ އިސްވެރިންނާއި އެކްސްކޯ މެމްބަރުން އަދި ގައުމީ ޓީމުގެ ކޮމެޓީއަށް ޕަކީރު އަލީވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. ޕަކީރު އަލީ ބުނީ ގައުމީ ޓީމަށް ކޯޗުކަން ކޮށްލުމަކީ ދެކެމުން އައި ހުވަފެނެއް ކަމަށާއި، ސަޕޯޓަރުން މާޔޫސްކޮށް ނުލާނެ ކަމަށެވެ.

ދެހާސް ސަތާރަ ވަނަ އަހަރުގެ ޖުލައިމަހަށްފަހު ލަންކާ ގައުމީ ޓީމު ކުޅުނީ ހެޑްކޯޗެއް ނުލައެވެ. ލަންކާގެ ފުޓުބޯޅައަށް ފައިސާގެ މައްސަލަތަކެއް ދިމާވެފައިވާއިރު، އެގައުމުގެ ފުޓުބޯޅަ އިދާރާއިން ބުނެފައިވަނީ ބަޖެޓަށް ބަލާ ބޭރުގެ ޓެކްނިކަލް ޑިރެކްޓަރެއް އައްޔަންކުރަން މަސައްކަތް ކުރާ ކަމަށެވެ.

ރާއްޖެ ހިމެނޭ ސާކް ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު، މިދިޔަ ދެތިން އަހަރު ތެރޭގައި ފުޓުބޯޅަ އެންމެ ދަށްވެގެންދިޔަ ގައުމެއްގެ ގޮތުގައި ލަންކާ ފާހަގަކޮށްލެވެއެވެ. ލަންކާގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަނީ ކްލަބު އީގަލްސްއަށް ކުޅެމުން އަންނަ ކީޕަރު ސުޖަން ޕެރޭރާއެވެ.

comment ކޮމެންޓް