ދެވަންސޫރަ އަށް ބެލުންތެރިންގެ ހިފެހެއްޓުމެއް ނެތް ތައުރީފު

ފިލްމު ދެވަންސޫރަ ގެ ޕޯސްޓަރު

ދިވެހި ފިލްމީ ދާއިރާގެ ތަޖުރިބާކާރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓް ކުރި ފިލްމު "ދެވަންސޫރަ" ރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރި އިރު ރޭ ވެގެން ދިޔައީ ފިލްމުގެ އެކްޓަރުންނަށް ވަރަށް ހާއްސަ ބޮޑު ރެއަކަށެވެ.

މުޅިން އާ ބަތަލަކާ އެކު ޔޫއްޕެގެ ފިލްމެއް ބެލުންތެރިންނާ ހަމައަށް ރޭ ދޫކޮށްލާފައިވާ އިރު އެ ފިލްމަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

"ދެވަންސޫރަ" އަކީ ވަރަށް ވެސް ތަފާތު ސްކްރިޕްޓެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ޝައުގުން ފުރިގެންވާ އެތައް ކަމެއް ފިލްލުން ފެނިގެން ދިޔަ އިރު ފިލްމު ބެލުމަށް ފަހު ނިކުތް ބެލުންތެރިންގެ މޫނުމަތިން ފެނުނީ ފިލްމާ މެދު ހިތް ހަމަޖެހިފައި ތިބި މަންޒަރެވެ.

ފިލްމާ މެދު ސުވާލުކޮށްލުމުން ގިނަ މީހުން ބުނީ "ފިލްމު ވަރަށް ރީތި" ކަމަށާއި "ފިލްމު ގެނެސްދީފައި ހުރި ގޮތް ވަރަށް ކަމުދާ" ކަމަށެވެ.

"ވަރަށް ޝައުގުވެރިކަމާއެކީ ފިލްމު ބެލުނީ. ބުނެވޭނީ ހަމަ ވަރަށް ރީއްޗޭ ފިލްމު. ހުރިހާ ތަރިންގެ މަސައްކަތް ފިލްމުން ފެނިގެން ދިޔަ. ހާއްސަކޮށް ދޮން އައްޔަގެ އެކްޓިން ވަރަށް ފުރިހަމަ. ވަރަށް ތަފާތު ގޮތަކަށް އޭނަ މި ފެނުނީ. ދެން އަޒޫ ވެސް. ކިޔާނެ ކަމެއް ނެތް. ފުރިހަމަ ފިލްމެއް،" ފިލްމު ބަލާފައި ނިކުތް ޒުވާން ފިރިހެން ކުއްޖެއް ބުންޏެވެ.

"ބުނާނެ އެއްޗެއް ނޭނގޭ. ވަރަށް އިންވެސްޓިގޭޝަން ބޮޑު. އޮޅުން ބޮޅުން ގަނޑެއް ތެރޭ އިނދެފައި އަސްލު ހަގީގަތް އެނގުނީ. ފިލްމުގެ ޓްވިސްޓް ވަރަށް ރީތި، އެހެންވެ ކަންނޭގެ އެހާ ޝައުގުވެރިވީ،" ފިލްމާ މެދު ސުވާލުކޮށްލުމުން އަންހެން ކުއްޖެއް ބުންޏެވެ.

ޔޫއްޕެގެ ޑައިރެކްޝަނަކަށް ފިލްމު އުފެއްދި އިރު އެ ފިލްމަކީ ސްޓޫޑިއޯ ގްރީން، އެޕެކްސް ޕިކްޗާސް، ބްލެކް މީޑިއާ އިންކް، ޝައި ޕްރޮޑަކްޝަން، އެންވިޝަން އެންޓަޓެއިންމަންޓް އަދި މައި ޑްރީމް އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދިން ފިލްމެކެވެ.

ފިލްމުގެ ތަރިންގެ އެކްޓަށް ބަލާއިރު އާ ބަތަލާ ދާއިރާއަށް އަލަށް ތައާރަފްވި މަރިޔަމް ޝިފާގެ އެކްޓަށް ވެސް ސާބަސް ކީ މީހުން މަދެއް ނޫނެވެ. ފިލްމުގައި ޝިފާގެ މާ ގިނަ މަންޒަރުތަކެއް ނުހިމެނުނު ކަމުގައިވީ ނަމަވެސް އޭނާ ދައްކުވައިދިން ރޯލު ފުރިހަމަ އަށް އަދާކޮށްފައިވާ ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ.

"ހުރިހާ އެކްޓަރުން ވެސް ވަރަށް މޮޅު. ޔޫއްޕެ ދޯ. ވަރަށް މަޖާ ތަންކޮޅު ވެސް އެބަހުރި. ޔޫއްޕެގެ އެކްޓިން އަށް ޝައްކެއް ނުކުރާނެ ދޯ،" ބެލުންތެރިއެއް ބުންޏެވެ.

ސަސްޕެންސް ތްރިލާ ޖޯންރާއަށް ގެނެސްދިން ދެވަންސޫރަގެ ލީޑް ފިރިހެން ތަރިންގެ ގޮތުގައި އިބްރާހިމް ޖިހާދު (ޖިމީ) އަދި މުހައްމަދު ފައިސަލް ފެނިގެންދިޔަ އިރު ސަޕޯޓިން ތަރިންގެ ގޮތުގައި އަލީ އާޒިމް (ދޮން އައްޔަ)، އަހުމަދު އީސަ (އާނަންދު) އަދި ޖާދުﷲ ފަދަ ތަރިން ފެނިގެންދިޔަ އެވެ. އަންހެން ކާސްޓުންގެ ތެރޭ މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ ކާމިޔާބު އެއް ތަރި ފާތިމަތު އާޒިފާ (އަޒޫ) އާއި ޝަކީލާ ފެނިގެންދިޔަ އެވެ.

ފިލްމަކީ މިހާރުގެ މުޖްތަމައުގައި ހިނގާ ކަންތައްތައް ދައްކައިދޭނެ ފިލްމެކެވެ. މަރެއްގެ ހަގީގަތް ހޯދުމަށް ކުރާ މަސައްކަތް ފިލްމުން ދައްކުވައިދެ އެވެ. ފިލްމުގެ ކުރި މަރައިލުމަށް ފިލްމުގެޕްލޮޓްގެ ވާހަކަ އަދި ނުދައްކާނަމެވެ.

comment ކޮމެންޓް