އިންސްޓަގްރާމްގައި ކެޓްރީނާ ފޮލޯ ކުރާ މީހުންގެ އަދަދު ހަތް މިލިއަނަށް!

އިންސްޓަގްރާމް މެދުވެރިކޮށް ބޮލީވުޑް ބަތަލާ ކެޓްރީނާ ކައިފް ފޮލޯ ކުރާ މީހުންގެ އަދަދު ހަތް މިލިއަނަށް އަރައިފި އެވެ.

ސޯޝަލް މީޑީއާ އާއި ދުރުދުރުން އުޅުނު ކެޓްރީނާ އިންސްޓަގްރާމް އާ ގުޅުނީ މީގެ ނުވަ މަސް ކުރިން، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

ކެޓްރީނާ އިންސްޓަގްރާމް ބޭނުން ކުރަން ފެށިތާ 24 ގަޑިއިރުގެ ތެރޭގައި ވެސް އޭނާއަށް ވަނީ މިލިއަނަކަށް ވުރެ ގިނަ ފޮލޮވަރުން ލިބިފައެވެ.

އިންސްޓަގްރާމް އާ ގުޅުމަށް ފަހު ކެޓްރީނާ ފުރަތަމަ ޕޯސްޓު ކޮށްފައި ވަނީ އޭނާ އެންމެ ފަހުން ރާޖެއަށް ކުރި ދަތުރުގައި ނަގާފައިވާ ފޮޓޯ އެކެވެ. ފޮޓޯގެ ކެޕްޝަނުގައި ބުނެފައި ވަނީ އެއީ އޭނާގެ އުފާވެރި މަންޒިލް ކަމަށާއި، އެއީ މުޅިން އާ ފެށުމެއް ކަމަށެވެ.

ސޯޝަލް މީޑިއާއަށް އައު ނަމަވެސް، ކެޓްރީނާ ފެނިގެން ދަނީ އޭނާގެ ސަޕޯޓަރުންނާ ވަރަށް ގުޅުން ބަދަހިކުރާ ފަންނާނެއްގެ ގޮތުގައެވެ. އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ދިރިއުޅުމުގެ ކަންކަން ފޮޓޯ އާއި ވީޑިއޯގެ ސިފައިގައި އޭނާ ހިއްސާ ކުރެ އެވެ.

އެހެންކަމުން ނުވަ މަސް ދުވަހުގެ ތެރޭގައި އޭނާގެ ފޮލޮވަރުންގެ އަދަދު ހަތް މިލިއަނަށް ވުރެ މަތިވެގެން ދިއުމަކީ ހައިރާން ވާންޖެހޭ ކަމެއް ނޫނެވެ.

ކެޓްރީނާ ބުނީ އޭނާ ސޯޝަލް މީޑިއާ އާއި ގުޅުނީ ސަޕޯޓަރުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކަމަށާއި، އެ މަގުސަދު ހާސިލުވަމުން އަންނަ ކަމަށެވެ.

ކެޓްރީނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ސަލްމާން ޚާން އާއެކު ފިލްމު 'ޓައިގާ ޒިންދާ ހޭ" އިންނެވެ. މިހާރު އޭނާ ކުރަމުން އަންނަނީ އާމިރު ޚާން އާއެކު 'ތަގްސް އޮފް ހިންދުސްތާން' އަދި ޝާހްރުކް ޚާން އާއެކު ފިލްމު 'ޒީރޯ' ގެ މަސައްކަތްތެވެ.

comment ކޮމެންޓް