ހައިކޯޓުގެ ގޮފިތަކަށް ހުށަހެޅޭ މައްސަލަތައް ޝަރުއީ ވަފުދަކުން ބަލާގޮތަށް ހަމަޖައްސައިފި

މާލޭގައި ހުންނަ ހައިކޯޓު: އެ ކޯޓުތަކުގެ ގޮފިތަކުގައި ދާއިމީ ގޮތެއްގައި ފަނޑިޔާރުން ނުތިބޭ ގޮތަށް ވަނީ ހަމަޖައްސާފައި --- ސަން ފައިލް ފައިލް ފޮޓޯ/ އިޙްތިޝާމް މުޙައްމަދު

އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ ހައިކޯޓުގެ ގޮފިތަކަށް ހުށަހެޅޭ މައްސަލަތައް ސުޕްރީމް ކޯޓުން ކަނޑައަޅާ ޝަރުއީ ވަފުދަކުން ބަލާގޮތަށް ހަމަޖައްސައިފިއެވެ.

އެގޮތަށް ހަމަޖެއްސީ މިރޭ ސުޕްރީމް ކޯޓުން ނެރުނު ގަރާރެއްގައެވެ. މީގެ ކުރިން ސުޕްރީމް ކޯޓުން އޮތީ އެކަމަށް އުސޫލެއް ކަނޑައަޅައި، ގޮފިތަކުގެ ފަނޑިޔާރުން ދައުރުވާ ގޮތް ހަދައިފައެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރުނު ގަރާރެއްގައި ބުނެފައިވަނީ، ހައިކޯޓާއި ދެ ގޮތްޕަށް ހުށަހެޅޭ މައްސަލަތައް އިދާރީ ގޮތުން ބަލައިގަނެ އެކަށީގެންވާ މައްސަލަތައް ހުށަހެޅުމުން އެ މައްސަލަތައް ބަލައި ނިޔާ ކަނޑައަޅާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުން ހިމެނޭ ޝަރުއީ ވަފުދަކުން ކަމަށެވެ.

މީގެ އިތުރުން ދެކުނު ގޮތްޕަށް ފަނޑިޔާރުން ކަނޑައަޅަން ސުޕްރީމް ކޯޓުން ކުރިން ނެރުނު ގަރާރުތައް ވެސް މިރޭގެ ގަރާރުގައި ވަނީ ބާތިލްކޮށްފައެވެ. އެގޮތުން އެއްވެސް ގޮތްޕެއްގައި ދެން ދާއިމީކޮށް ފަނޑިޔާރުން ނުތިއްބަވާނެއެވެ. އޭގެ ބަދަލުގައި ދެން ގޮފިތަކުން މައްސަލަ ބަލާނީ ސުޕްރީމް ކޯޓުން ކަނޑައަޅާ ވަފުދަކުންނެވެ.

ހައިކޯޓުގެ ފަޑިޔާރުންގެ ތެރެއިން އަބްދުލްޣަނީ މުހައްމަދާއި ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ސުޖާއު އުސްމާންއަކީ ދެކުނު ގޮފީގެ ފަނޑިޔާރުންނެވެ. އުތުރު ގޮފީގައި އެއްވެސް ފަޑިޔާރެއް އަދި ނުތިއްބަވައެވެ.

މާލޭގެ ހައިކޯޓުގައި ތިއްބަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީއާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

comment ކޮމެންޓް