ކޯޓުތަކުގައި ވަކާލާތުކުރުން މަނާކުރެވިފައިވާ ހަތް ވަކީލަކަށް އަލުން ހުއްދަދީފި

11 ސެޕްޓެމްބަރ 2017: 56 ގާނޫނީ ވަކީލަކު ސަސްޕެންޑުކުރުމާ ގުޅިގެން ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. މިއަދު ވަނީ އޭގެ ތެރޭން 7 ވަކީލަކަށް އަލުން ހުއްދަދީފައި---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން މަނާކޮށްފައިވާ ހަތް ގާނޫނީ ވަކީލަކަށް، ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ އަލުން ދީފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ބުނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން މަނާކުރެވިފައިވާ ހަތް ގާނޫނީ ވަކީލެއްގެ މައްސަލަ ބެލުމަށް ފަހު، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުން މަނާކުރެވިފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

އަލުން ހުއްދަދިން ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނެނީ، އަލްއުސްތާޛް ހުސްނުއްސުއޫދާއި، އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީއާއި، އަލްއުސްތާޛު އަލީ ހުސައިނާއި، އަލްއުސްތާޛު މަހްފޫޒް ސަޢީދާއި، އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރާއި، އަލްއުސްތާޛު އިމްތިޔާޒް ފަޙްމީގެ އިތުރުން އަލްއުސްތާޛު ޙަސަން ލަޠީފެވެ.

"މިދެންނެވި ގާނޫނީ ވަކީލުންގެ މައްސަލަ ބެލުމަށް ފަހު، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުން މަނާކުރެވިފައިވާ ފަރާތްތަކެއް ނޫންކަމުގައި އާންމުކޮށް އަންގައި އިއުލާނުކުރީމެވެ." ޑީޖޭއޭގެ ބަޔާނުގައިވެއެވެ.

ޝަރުއީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، 56 ގާނޫނީ ވަކީލަކު ޕެޓިޝަނެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް އިލްތިމާސެއް ހުށަހެޅީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ. ނަމަވެސް އެ އިލްތިމާސް ސުޕްރީމް ކޯޓުން އެ ދުވަހު ބަލައި ގެންފައެއް ނުވެ އެވެ.

ސުޕްރީމް ކޯޓުން ނުކުމެވަޑައިގެން އެ ވަކީލުން ވަނީ "ތައައްސަބުން އެއްކިބާވެ، އިންސާފު ގާއިމުކޮށްދެއްވާ" މި ލިޔުން ޖަހާފައިވާ ބެނާއެއް ދަމައި ސަފަކަށް އެތުރިފައެވެ. އެއާއެކު ސުޕްރީމް ކޯޓު ދޮށަށް އެއްވި ކަމަށް ބުނެ، 54 ވަކީލުން ސަސްޕެންޑްކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ސަސްޕެންޑް ކުރި ގާނޫނީ ވަކީލުންގެ ތެރޭގައި އެ ދުވަހު ސުޕްރީމް ކޯޓު ދޮށަށް ނުދާ ވަކީލުން ވެސް ހިމެނެ އެވެ. ސުޕްރީމް ކޯޓު ދޮށަށް ދިޔައީ 21 ވަކީލެކެވެ.

ސަސްޕެންޑް ކުރީ ސުޕްރީމް ކޯޓަށް ހުށަހެޅި ލިޔުމުގައި ސޮއިކުރި ވަކީލުންނެވެ.

މިއަދު ހުއްދަދިން ހަތް ވަކީލުންނާއެކު މިހާރު ވަނީ، އޭރު ސަސްޕެންޑްކުރި ހުރިހާ ވަކީލުންނަށް ވެސް އަލުން ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ދީފައެވެ.

comment ކޮމެންޓް