ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް: ސަން ފައިލް ފޮޓޯ

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނީ 15 ދުވަހުގެ މުއްދަތަށެވެ. މިއާއެކު ގާނޫނު އަސީން ލިބިދީފައިވާ ބައެއް ހައްގުތައް ވަނީ ހިފަހައްޓައިފައެވެ.

ގާނޫނުއަސާސީން ހިފެހެއްޓި ހައްގުތައް

  • ހަޅުތާލު ކުރުމުގެ ހައްގާއި އެއްވެ އުޅުމުގެ މިނިވަންކަން.
  • އަދުލުވެރިކަމާއި އިދާރީ ފިޔަވަޅުތައް އެޅުން.
  • ޝަހްސީ ޒިންމާ.
  • ގާނޫނާ ހިލާފަށް ހައްޔަރު ކުރުމާއި ބަންދު ކުރުން.
  • ހައްޔަރު ކުރުމާއި ބަންދު ކުރުމުގެ ބާރު.
  • ހިފެހެއްޓުމާއި ފާސްކުރުމާއި މުދާ އަތުލުން.
  • ކުށްކުށަށް ތުހުމަތު ކުރެވޭ މީހުން މިނިވަން ކުރުން.
  • އަވަހަށް މައްސަލަތައް ތަހުގީގުކޮށް ދައުވާކުރުން.
  • އިސްތިއުނާފު ކުރުމުގެ ހައްގު ބަދަލު ލިބިދިނުން.
  • ހައްލު ހޯދުމަށްޓަކައި ދައުވާ ކުރުމުގެ ހައްގު.
  • މީހުން ހާޒިރު ކުރުން.
  • ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުން.
  • ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ އިތުބާރު ނެތަކަމުގެ ވޯޓު ނެގުން.
  • ރައީސުލްޖުމްހޫރިއްޔާގެ ޝަރުތު އުނިވެއިވާކަމަށް ސުޕްރީމް ކޯޓަށް ކަނޑައެޅޭ މާއްދާ.
  • ސުޕްރީމް ކޯޓުން ނިންމާނީ އެންމެ ފަހުގެ ނިންމުން ކަމަށް ބުނާ މާއްދާ.
  • ޕީޖީ މަގާމުން ވަކިކުރުން.

ނުރައްކަލުގެ ހާލަތުގައި ހުއްޓާލާ ގާނޫނުތައް

  • ޖިނާއީ އިޖުރާއަތުގެ ގާނޫނު.
  • ފަނޑިޔާރުންގެ ގާނޫނުގެ 12 އަދި 14 ވަނަ މާއްދާ،
  • ފަނޑިޔާރުންނަށް ލިބިދޭ އިމްތިޔާޒު ތަކާއި، ފަނޑިޔާރަކާ މެދު އެއްވެސް ފިޔަވަޅެއް އަޅާނަމަ އެ މައުލޫމާތު ފަނޑިޔާރަށް ލިބުން.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާ ގަރާރު 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށް ގާނޫނުއަސާސީގެ 257 ވަނަ މާއްދާގެ (ހ) ގައި ވަނީ ބުނެފައެވެ. ހަމަ އެއާއެކު ގަރާރު ބާތިލް ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ގާނޫނު އަސާސީން ލިބިދީފައިވެެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރާ ގަރާރުގެ ނުވަތަ އެ ގަރާރުން ބައެއްގެ ސައްހަ ކަމާމެދު ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހަދާ ގާނޫނަކާ މެދު ނުވަތަ ނެރޭ އަމުރަކާ މެދު ސުވާލު އުފެދިއްޖެ ހާލަތެއްގައި އެ ކަމާމެދު ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނުއަސާސީގެ 258 ވަނަ މާއްދާގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ޣައިރު ޤާނޫނީ އަމުރަކަށް ތަބާނުވުމުގެ ހައްގެއް ނުހިފެހެއްޓޭނެކަމަށް ގާނޫނުއަސާސީގައި ބުނެފައިވެއެވެ.

comment ކޮމެންޓް