ރެހެންދި އިމާރާތުން ދެ ފްލެޓް ގަތިން، އެ ވާހަކަ ސިއްރު ކުރާކަށް ނޫޅެން: އަދުރޭ

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެއިން ފްލެޓު ބައްލަވައިގަތްކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެއްބަސްވެވަޑައިގެންފި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ އޭނާ ފްލެޓު ބައްލަވައިގެންފައިވާތީ އެކަމުގެ މައުލޫމާތު ހޯދަން މިޑިއާތަކުން އޭނާ އަށް ގުޅަމުން އަންނަ ކަމަށެވެ. އަދި މިޑިއާތަކުގައި އެވާހަކަ ރިޕޯޓުކުރިޔަސް މައްސަލައެއް ނެތް ކަމަށާއި އެއީ ސިއްރުކުރަން ބޭނުންވާ ކަމެއް ނޫން ކަމަށް އަދުރޭ ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެފްޑަބްލިއު ކޮންސްޓްރަކްޝަނުން ޓީވީއެމްގެ ފުރަގަހުން އަމީނީ މަގުގައި ހުންނަ "ރެހެންދި-6" ފްލެޓުބަރިން އަދުރޭ އާއި އޭނާގެ އަނބިކަނބަލުން ވަނީ ދެ ފްލެޓު ބައްލަވައިގެންފަ އެވެ.

އަދުރޭގެ ދެ ކަނބަލުން ބައްލަވައިގަތީ އެންމެ ފެންވަރު ރަނގަޅު ފްލެޓެވެ. އެއިން ފްލެޓެއްގެ އަގަކީ 4.5 މިލިއަން ރުފިޔާ އެވެ.

ދެ ފްލެޓް ރަޖިސްޓްރީކުރަން ފޮނުވާފައިވާ ދެ ސިޓީ މީސް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ދެ ފްލެޓަށް ފައިސާ ދައްކައި ޚަލާސްކޮށްފައިވާކަން އެ ސިޓީން އެނގެ އެވެ.

އަދުރޭ އިއްޔެ ވިދާޅުވީ އޭނާ ފްލެޓު ބައްލަވައިގެންނެވި ވާހަކަ މިހާރު ދައްކަމުންދަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ފްލެޓް ބައްލަވައިގަތް ވާހަކަ އޭނާ ދައްކާތީ ކަމަށެވެ.

comment ކޮމެންޓް