ރޮހިންގާއާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުމެއް ފެށިދާނެ: އދ.

ރޮހިންގާ ރެފިއުޖީންތަކެއް ބަނގުލަދޭޝްއަށް ހިޖުރަ ކުރަނީ.ރޮހިންގާއާ ދެކޮޅަށް ހިންގާ ޖަރިމާގެ ސަބަބުން އެ ސަރަހައްދު ހަމަނުޖެހުންތެރެއަށް ވެއްޓިދާނެ ކަމުގެ އިންޒާރު އދ. އިން ވަނީ ދީފައި--

މިޔަންމާގައި ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާގެ ސަބަބުން އެ ސަރަހައްދު ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމުގެ އިންޒާރު އދ. އިން ދީފިއެވެެ.

އދ.ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް، ޒައިދު ރާދް އަލް ހުސެއިން އިއްޔެ ވިދާޅުވީ ރޮހިންގާގެ މައްސަލަ ވަރަށް ސީރިއަސް ކަމަށެވެ.

"މިއަދު ބައެއްގެ އިންސާނީ ހައްގުތަކަށް އަރައިގެންފިނަމަ، މާދަމާ އެކަން ބަދަލުވެގެން ދާނީ ބޮޑު މައްސަލަގަނޑަކަށް. ރޮހިންގާގެ މައްސަލައިގެ ސަބަބުން ދީންތަކުގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ސަރަހައްދުގައި އުފެދުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާން ވީ ކަމެއް،" ޒައިދު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ހަތިޔާރު އެޅި ބަޔަކު މިޔަންމާގެ ސިފައިންނަށް ދިން ހަމަލާއަކާ ގުޅިގެން އެގައުމުގެ އަސްކަރިއްޔާއިން ވަނީ ރޮހިންގާ މުސްލިމުން އެންމެ ގިނައިން ދިރިއުޅޭ ރާހިން ސްޓޭޓުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ.

އެއޮޕަރޭޝަނުގެ ތެރެއިން މުސްލިމުންނަށް އަނިޔާކޮށް، އެމީހުން މަރަމުން ދިޔުމުގެ ސަބަބުންނާއި، އެމީހުންގެ ގެތައް އަންދަމުން ދިޔުމުގެ ސަބަބުން އދ. އިން ވަނީ މިޔަންމާއިން ނަސްލެއް ނައްތާލަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

މިހާތަނަށް 700،000އަށް ވުރެ ގިނަ ރޮހިންގާ މުސްލިމުން ވަނީ ސަލާމަތްތެރިކަން ހޯދުމަށް ބަނގުލަދޭޝަށް ހިޖުރަކޮށްފައެވެ.

comment ކޮމެންޓް